ސްޕެއިން ފެޑެރޭޝަންގެ ރައީސް ރުބިއާލެސް (ވ) އާއި ކެނަރީ ފުޓްބޯޅަ ފެޑެރޭޝަންގެ ނައިބު ރައީސް އެންޓޯނިއޯ ސްޕެއިނުގެ ހަނދާނީ ޖޯޒީއެއް ސިލްވާއާ ހަވާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
19 ނޮވެމްބަރ 2018 - 11:30
ލަސް ޕަލްމާސް، ސްޕެއިން (ނޮވެމްބަރު 19) - ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން، ދާދި ފަހުން ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާގެ އަގުވަޒަންކޮށްފި އެވެ.
މި ފަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު އުމުރުން 32 އަހަރުގެ ސިލްވާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ސްޕެއިނުގެ ރަން ޖީލުގެ ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއް އަދާކުރި ސިލްވާ ވަނީ ގައުމީ ޓީމަށް 13 އަހަރު ވަންދެން ކުޅެދީފަ އެވެ.
ރޭ އެކުވެރިކަމުގެ މެޗެއްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސްޕެއިނުން ވަނީ ސިލްވާގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ އަށް ހާއްސަ ޖޯޒީއެއް ދީފަ އެވެ. އަދި މެޗުގެ ކުޅުން ފެށީ ވެސް ސިލްވާ އެވެ.
ސްޕެއިނުން ރޭ 1-0 އިން ބޮސްނިއާ އަތުން މޮޅުވި މެޗަށް ފަހު އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވަނީ ސިލްވާ އަށް ތައުރީފްކޮށްފަ އެވެ. އެންރީކޭ ބުނީ ސިލްވާ އަކީ ސްޕެއިނުގެ ފުޓްބޯޅައިގައި އަބަދުވެސް ހާއްސަ ދަރަޖައެއް ދޭނެ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.
ރޭގެ މެޗުގެ ތެރެއިން ސިލްވާ އޭނާގެ ދަރިފުޅު މަޓެއޯ އުރާލައިގެން. -- ފޮޓޯ: އޭއެފްޕީ
ސިލްވާ ރިޓަޔާކުރުމުގައި އެންމެ ބޮޑަށް ބެލީ އޭނާގެ ދަރިފުޅު މަޓެއޯއާ އެކު ގިނަ ވަގުތު ހޭދަކުރުމަށެވެ. ރޭގެ މެޗަށް ސިލްވާ ދަނޑަށް އެރީ ވެސް މަޓެއޯ އުރާލައިގެންނެވެ. މިދިޔަ ޑިސެމްބަރު މަހު ސިލްވާގެ ލޯބިވެރިޔާ ވިހެއި ދަރިފުޅު މަޓެއޯގެ ސިއްހީ ހާލަތު އެންމެ ރަނގަޅެއް ނޫނެވެ. އެހެންވެ، ގިނަ ވަގުތު ދަރިފުޅާ އެކު ހޭދަކުރަން ބޭނުންވާތީ އޭނާ އަށް ސިޓީގެ ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ.
"އަހަންނަށް ނިންމަން ޖެހުނީ ވަރަށް އުނދަގޫ ނިންމުމެއް. އެކުވެރިންނާއި ގާތް މީހުން އަދިވެސް ބުނޭ ގައުމީ ޓީމަށް ކުޅޭށޭ. އެކަމަކު އެ ހުރިހާ ކަމަަކަށް ވުރެ އަހަންނަށް މުހިއްމީ ދަރިފުޅު. ގައުމީ ޓީމަށް އަހަރެން ވަރަށް ވަގުތު ދީފިން. ކާމިޔާބީ ވެސް ލިބިއްޖެ. ދެން ޒުވާން ކުޅުންތެރިން ވެސް ތިބީމަ އަހަރެން ބޭނުންވީ އާއިލާ އަށް ދޭ ވަގުތު އިތުރުކުރަން،" ސިލްވާ ބުންޏެވެ.
ސިޓީއާ އެކު ސިލްވާ ހަދާފައިވާ އެއްބަސްވުން 2020 ގައި ހަމަވާނެ އެވެ. މީގެ ކުރިން ސިލްވާ ބުނެފައިވަނީ އެ އެއްބަސްވުން ހަމަވުމުން އޭނާ އަލުން ސްޕެއިނަށް ބަދަލުވާނެ ކަމަށެވެ. އެކަމަކު ދާދި ފަހުން ސިލްވާ ބުނީ އެ ނިންމުން ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy