27 ނޮވެމްބަރ 2018 - 09:39
ރޯމް، އިޓަލީ (ނޮވެމްބަރު 27) - ރެއާލް މެޑްރިޑްގެ ކެޕްޓަން މަނާބޭހުގެ ޓެސްޓަށް މަކަރުހެދިކަމަށް ބުނެ، މީޑިއާއިން އޭނާގެ އަގުވައްޓާލަން މަސައްކަތްކުރާތީ ކަންބޮޑުވާ ކަމަށް ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނެފި އެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލުން ޔުވެންޓަސް އަތުން 4-1 އިން މޮޅުވިއިރު، އެ މެޗުގެ ކުރިން ރާމޯސް މަނާބޭހެއް ބޭނުންކުރި ކަމަށް ލިޔެކިއުންތަކުން ފެންނަން އޮތެވެ. އެކަމަކު ފަހުން ޔުއެފާ އިން އެ މައްސަލަ ނުބަލައި ދޫކޮށްލީ ރެއާލުގެ މެޑިކަލް ޓީމުން އެއީ އޮޅުމެއް ކަަމަށް ބުނެ އެހެން ޓެސްޓް ރިޕޯޓްތަކެއް ހުށަހެޅުމުންނެވެ.
މިދިޔަ އާދިއްތަ ދުވަހު އެއިބާ އަތުން ރެއާލް ބަލިވި މެޗަށް ފަހު މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އުމުރުން 32 އަހަރުގެ ރާމޯސް ބުނީ މިއީ އޭނާއާ ދެކޮޅަށް ބަޔަކު ފަށައިގެން އުޅޭ ކެމްޕެއިނެއް ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ރޯމާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާމޯސްގެ ދިފާއުގައި ސޮލާރީ ވަނީ ވާހަކަ ދައްކައިފަ އެވެ.
"ރާމޯސް އަކީ ތެދުވެރިއެއް. އޭނާ އަކީ ރެއާލާއި ސްޕެއިނުން ފާއިތުވި އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގައި ބޮޑު ކްރެޑިޓެއް ހައްގުވާ ކުޅުންތެރިއެއް. އެފަދަ ކުޅުންތެރިއެއްގެ އަގުވައްޓާލަން މަސައްކަތް އެބަކުރޭ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ސޮލާރީ ބުންޏެވެ.
"ރާމޯސް ފަދަ ކުޅުންތެރިއެއްގެ ހިމާޔަތުގައި ފުޓްބޯޅައިގެ އެންމެން ނުކުންނަން ޖެހޭ. އެއީ އެ ފަދަ ކުޅުންތެރިއަކާ މެދު ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަމަަލެއް."
ރެއާލުގެ ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ ސޮލާރީ ވަނީ ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އެކަމަކު އޭނާގެ އެއްބަސްވުން ދާއިމީ ކުރި ފަހުން ނުކުތް ފުރަތަމަ މެޗުން ރެއާލް ވަނީ އެއިބާ އަތުން ބަލިވެފަ އެވެ. މިރޭ ޗެމްޕިއަންސް ލީގުގައި ރޯމާއާ ބައްދަލުކުރާ މެޗަކީ ވަރަށް އުނދަގޫވާނެ މެޗެއްގެ ގޮތުގައި ސޮލާރީ ގަބޫލުކުރެ އެވެ.
ރޯމާއާ ދެކޮޅަށް ރެއާލް ދަނޑުގައި ކުޅުނު މެޗުން ވަނީ 3-0 އިން މޮޅުވެފަ އެވެ. މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތް ރެއާލާއި ރޯމާ އަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުގެ ޖާގަ ޔަގީންވާނެ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy