30 ނޮވެމްބަރ 2018 - 09:41
ލިވަޕޫލުގެ މިސްކިތެއްގެ ފާހާނާ ސާފުކުރުމުގައި އަމަލީ ގޮތުން ބައިވެރިވީ ދެއްކުންތެރިންކަމުގެ ގޮތުން ނޫން ކަމަށް ލިވަޕޫލުގެ ފުޓްބޯޅަ ޓީމުގެ ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭ ބުނެފި އެވެ.
މީގެ ދެ މަސް ކުރިން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި މާނޭ އާއި އެހެން ފިރިހެނަކު ލިވަޕޫލްގައި ހުންނަ އަލް-ރަހްމާ މިސްކިތުގެ ފާހަނަ ސާފުކުރުމުގައި އުޅެ އެވެ. މާނޭ ވަނީ ދާދި ފަހުން އެ ވީޑިއޯގެ ކަން ހިނގައިދިޔަ ގޮތް މީޑިއާ އަށް ހިއްސާކޮށްފަ އެވެ.
"އަހަންނަކީ މުސްލިމެއް. ފަސް ވަގުތު އަހަރެން ނަމާދުކުރަން. ހުރިހާ ވަގުތަކު ވެސް އަހަރެން އިސްކަންދެނީ މިސްކިތުގައި ކުރަން. އެ ފަހަރު (ވީޑިއޯ ނެގި ފަހަރު) އަހަންނާ މިސްކިތުން ދިމާވީ ގާނާގެ މީހެއް. އޭނާ އަކީ އަހަރެންގެ ރައްޓެއްސެއް. އަހަރެން އޭނާ ގާތުގައި އެދުނީ އަހަންނާ އެކު ގެޔަށް އަންނަން. އެކަމަކު އޭނަ މިސްކިތު ފާހާނަ ސާފުކުރަން ބުނީމަ އަހަރެން އޭނައާ ބައިވެރިވެލީ،" ފްރާންސްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މާނޭ ބުންޏެވެ.
އޭނާ ބުނީ މިސްކިތް ސާފު ކުރަން އުޅުނު ވަގުތުގައި އެތަނަށް އައި އެހެން މީހަކު އެ މަންޒަރުތައް ވީޑިއޯ ކުރި ކަމަށާއި އެ ވީޑިއޯ އެއްވެސް ވަރަކަށް ސޯޝަލް މީޑިއާގައި ބޭނުންނުކުރަން އެދުނު ކަމަށެވެ.
"އަހަރެން އޭނާ (ވީޑިއޯ ކުރި މީހާ) ގާތުގައި އެދުނިން އެ އިންޓަނެޓަށް ނުލަން. އެ ޔަގީންކަން ވެސް އޭނާ ދިން. އެކަމަކު އެ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެންމެން ހީކުރީ އަހަރެން އިސްތިހާރެއް ކުޅުނު ކަމަށް. އެކަމަކު އެއީ ހަގީގަތެއް ނޫން،" މާނޭ ބުންޏެވެ.
ފުޓްބޯޅައިގައި މާނޭގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ ނަޒަރުގައި އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކަމަށާއި އެކަން ދެމެހެއްޓެނީ އަބަދުވެސް ކޮންމެ ކަމެއް އިހުލާސްތެރިކަމާ އެކު ކުރާތީ ކަމަށް ބުންޏެވެ.
މާނޭ އަކީ އޭނާގެ އުފަން ގައުމު ސެނެގޯލްގެ ކުޑަކުދިންނަށް ގިނަ އެހީތަކެއް ވެފަ އެވެ. އެ ގޮތުން ކުދިންނަށް ކިޔަވައިދޭ ސްކޫލުތަކަށް ކޮންމެ އަހަރަކު އޭނާ ޗެރިޓީގެ ގޮތުގައި އެތައް ފައިސާއެއް ހަދިޔާކުރެ އެވެ. އަދި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދިއުމުން އޭނާ ވަނީ އެ ގައުމުގެ ގިނަ ކުޅުންތެރިންނަށް ލިވަޕޫލްގެ ޖޯޒީ ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
01 December 2018
"މާނޭ އަކީ އޭނާގެ އުފަން ގައުމު ސެނެގޯލްގެ ކުޑަކުދިންނަށް ގިނަ އެހީތަކެއް ވެފަ އެވެ." މި ޖުމުލައިގެ އިބާރާތްކުރުން ރަނގަޅުނޫން ކަމަށް ފެންނާތީ، ރަނގަޅު ކޮށްލުމަށް ދަންނަވާލަން.