05 ޑިސެމްބަރ 2018 - 12:15
މެޑްރިޑް (ޑިސެމްބަރު 5) – އޭނާ އަށް ލިބުނު ބެލޮންޑިއޯ އެވޯޑް ހާއްސަކުރާނީ، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ "ނުފޫޒު"ގެ ސަބަބުން މި އެވޯޑް ނުލިބުނު ކުޅުންތެރިންނަށް ކަމަށް މި އަހަރުގެ ބެލޮންޑިއޯ ހާސިލްކުރި ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ބުނެފި އެވެ.
މިދިޔަ 10 އަހަރު މެސީ އާއި ރޮނާލްޑޯ ނޫން ކުޅުންތެރިޔަކަށް އެވޯޑް ލިބިފައެއް ނުވެ އެވެ. މީގެ ކުރިން އަންދްރޭ އިނިއެސްޓާ އާއި ޒަވީ ހެނާންޑޭޒް އަދި ފްރޭންކް ރިބެރީ އާއި ވެސްލީ ޝްނެއިޑާ މޮޅަށް ކުޅުން އަހަރުތަކުގައި ވެސް އެ ފުރުސަތެއް ނުލިބުނެވެ.
"އެ ދެ ކުޅުންތެރިން (މެސީ އާއި ރޮނާލްޑޯ) މިދިޔަ 10 އަހަރު ތިބީ މުޅިން ތަފާތު ފެންވަރެއްގައި. ފަހަރުގައި މިދިޔަ އަހަރުތަކުގައި ތިބި މި އެވޯޑް ލިބިދާނެ ކުޅުންތެރިން. މިސާލަކަށް ޒަވީ އާއި އިނިއެސްޓާ ނޫނީ ޝްނެއިޑާ. އެކަމަކު އެކަމެއް ނުވި،" މޮޑްރިޗް ބުންޏެވެ.
މޮޑްރިޗް ބުނީ މިއީ ފުޓްބޯޅަ އަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި އޭނާ އަށް ލިބުމުން އުފާވާ ކަމަށާއި އެކަމަކު މިއީ އެވޯޑް ހައްގުވެ އެކަމަކު ނުލިބުނު ކުޅުންތެރިންނަށް ހާއްސަ އެވޯޑެއް ކަމަށް ބުންޏެވެ.
މޮޑްރިޗަށް ވުރެ އިންޑިވިޖުއަލީ މޮޅު ކުޅުމެއް މި އަހަރު މެސީ އާއި ރޮނާލްޑޯ އަދި ކީލިއަން އެމްބާޕޭ އާއި އެންޓޮއިން ގްރިޒްމަން ދެއްކި ކަމަށް އެއް ބަޔަކު ދެކެ އެވެ. މޮޑްރިޗަށް ލިބުނު އެންމެ ބޯނަހަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއި ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy