07 ޖެނުއަރީ 2019 - 13:42
މިއުނިކް (ޖެނުއަރީ 7) – ބޭރުގައި ރަން ފަށަލައެއް ލާފައި އޮތް އަގުބޮޑު ސްޓޭކް ގަނޑެއް ބަޔާން މިއުނިކުގެ ފްރާންސް ފުޓްބޯޅަ ތަރި ފްރޭންކް ރިބެރީ ކެއުމުން އެކަމާ ދެކޮޅަށް ވާހަކަދެއްކި މީހުންނަށް ރުޅިވެރިކަމާ އެކު ހުތުރުބަހުން އޭނާ ރައްދު ދީފައިވާތީ ބަޔާނުން އޭނާ ޖޫރިމަނާކޮށްފި އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދުބާއީ ގޮސް ހުރި ރިބެރީ ސްޓޭކް ކެއީ ވަރަށް ގިނަ ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައި މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ތުރުކީގެ ސެލެބްރިޓީ ޝެފް ނުސްރަތު (ސޯލްޓް ބޭއި) ގެ ސްޓީކް ހައުސް އިންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ކެއުމުގެ އަގަކީ 1200 ޕައުންޑް (21،218ރ.) އެވެ. ރިބެރީގެ މުސާރައަކީ އަހަރަކު އަށް މިލިއަން ޔޫރޯ (141.4 މިލިއަން ރުފިޔާ) އެވެ.
ރިބެރީ ވަނީ އޭނާ އަށް ނުސްރަތު ސްޓޭކް ސާވްކޮށްދޭ ވީޑިއޯއެއް އިންސްޓަގްރަމަށް ލައިފަ އެވެ. ނުސްރަތަށް ފޯރި ދެމުން ދިޔަ ރިބެރީ ވަނީ ސްޓޭކް ގަނޑަށް ނުސްރަތު ލޮނު ބުރުވާލާ ގޮތަށް، ލޮނު ބުރުވާލައިފަ އެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އިންޓަނެޓުގައި ނުސްރަތު މަޝްހޫރުވެގެން ދިޔައީ ވެސް ވަރަށް އާޓުބޮޑުކޮށް އޭނާ ސްޓޭކް ސާވްކޮށްދޭ ގޮތަށެވެ.
އެ ވީޑިއޯއާ އެކު ރިބެރީ އަށް ފާޑުކިއުން އަމާޒުވާން ފެށި އެވެ. ހާލުގައި ޖެހިފައި އެތައް ބަޔަކު ތިއްބާ އަދި މުސްލިމަކަށް ރިބެރީވެ ހުރެ މުސްލިމް އެތައް ކުދިން ބަނޑުހައިހޫނުކަމުގައި މަރުވަމުންދާއިރު އޭނާ އެވަރުގެ ހޭދައެއް ކެއުމަކާށް ހަރަދުކުރުމުންނެވެ. އެ ކޮމެންޓްތަކަށް ރިބެރީ ރައްދު ދިނީ ވަރަށް ހުތުރުބަހުންނެވެ.
ބަޔާނުގެ ސީނިއާ އޮފިޝަލަކު ބުނީ ރިބެރީ ބޭނުންކުރި ބަސްމަގު އެ ކްލަބުން ބަލައިނުގަންނާނެ ކަމަށާއި އަދި އެއީ އޭނާ ފަދަ ނަމޫނާ ދައްކަން ޖެހޭ ކުޅުންތެރިއަކަށް ބޭނުންކުރުމުގެ ހައްގު ވެސް އޮތް ބަސްމަގެއް ނޫން ކަމަށެވެ.
އަދި އެ ކްލަބުން ވަނީ ރިބެރީ ނުސްރަތުގެ ރެސްޓޯރަންޓަށް ދިޔައީ ދައުވަތަކަށް ކަމަށާއި އެހެންވެ އެ ކެއުމަށް އޭނާ ފައިސާ ދައްކާފައިނުވާނެ ކަމަށެވެ.
ހުނަރުވެރި ކުޅުންތެރިއެއް ނަމަވެސް ރިބެރީ އަކީ ސަޕޯޓަރުންގެ މެދުގައި އެހާ މަގުބޫލު ކުޅުންތެރިއެއް ނޫނެވެ. އެގޮތުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކޭމްޕުގެ ތެރެއިން ފްރާންސް ކުޅުންތެރިން ކުރި ހަޅުތާލުގައި ބައިވެރިވުމާއި އަދި ކުޑަ ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުކުރެވުމަކީ އޭނާއާ މެދު ސަޕޯޓަރުން ހިތްހަމަނުޖެހޭ ސަބަބުތަކެވެ. އެކަމަކު ކުޑަކުއްޖާ މައްސަލައިގެ ދައުވާ ވަނީ ފަހުން އަނބުރާ ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޓްރީނާ
08 January 2019
ރިބެރީއަކީ މުސްލިމް ކުޅުންތެރިއަކަށްވާތީ އޭނައަށް އެ ފިޔަވަޅު އެޅީ. އެހެންދީނެއްގެ މީހެއްނަމަ ވާނީ އޭނާގެ ބުރަމަސައްކަތުން ހޯދި ފައިސާއިން ކެއި އަގުބޮޑު ކެއުމަކަށް.
ހެހެހެ
07 January 2019
އަސްލު ރަންތަ؟
ފަލަޑޭ
08 January 2019
ޢާނ އަސްލު ރަން! ރިބެރީ ބުނިހެން ކަލޭމެންނަށް ކީއްތަ އޭނަ ޖަވާހިރުކެޔަކަސް؟ އޭނަގެ ކާމިޔާބީ އަކީ އޭނަގެ ބުރަމަސައްކަތް