އިންޑިއާ ގައުމީ ޓީމުގެ ރާހުލް (ކ) އާއި ހާޑިކް.. ފޮޓޯ: އޭއެފްޕީ
12 ޖެނުއަރީ 2019 - 11:04
ނިއު ދިއްލީ (ޖެނުއަރީ 12) - އިންޑިއާގެ މަޝްހޫރު ޓޯކްޝޯ "ކޮފީ ވިތު ކަރަން" ގައި ބައިވެރިވި އިންޑިއާގެ ދެ ކްރިކެޓް ކުޅުންތެރިން ކަމަށްވާ ހާޑިކް ޕާންޑިޔާ އާއިކޭއެލް ރާހުލް އަންހެނުނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އެ ދެ ކުޅުންތެރިންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، ޓީމުން ބާކީކުރަން އިންޑިއާގެ ކްރިކެޓް ބޯޑުން ނިންމައިފި އެވެ.
ޝޯގައި ވާހަކަ ދައްކަމުން ހާޑިކް ވަނީ އެކި އަންހެނުންނާ އެކު އޭނާ ގުޅުން އޮންނަ ކަމަށް ބުނެ އިހުތިރާމް ކުޑަ ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތަކުގައި ރާހުލް ވެސް ބައިވެރިވި އެވެ. މިއީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ގެނެސްދޭ މި ޝޯ ގައި ކްރިކެޓް ތަރިންތަކެއް ބައިވެރިވި ފުރަތަމަ ފަހަރެވެ.
އެކަމާ ހެދި އިންޑިއާގެ ގިނަ ސަޕޯޓަރުންގެ މެދުގައި ޓީމުގެ އަގުވެއްޓުމުގެ ސަބަބުން އިންޑިއާގެ ކްރިކެޓް ބޯޑުން ވަނީ މި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ފަށައިފަ އެވެ. އެ ޝޯގައި ވާހަކަ ދައްކަމުން ޕާންޑިޔާ އާއި ރާހުލް ވަނީ އާންމުންގެ މެދުގައި ޓީމުގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް ވާހަކަ ދައްކައިފަ އެވެ.
އިންޑިއާ އިން ޓެސްޓް ސީރީސް މެޗެއްގައި މިއަދު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ ޓީމުގައި ހިމެނޭ ޕާންޑިޔާ އާއި ރާހުލް ޓީމުން ވަކިކުރީ ދެ މެޗަށް ކަމަށް ރިިޕޯޓްތައް ބުނެ އެވެ. އެ މައްސަލައިގައި ޕާންޑިޔާ މާފަށް އެދުނު ނަމަވެސް އިންޑިއާގެ ކްރިކެޓް ބޯޑުން ވަނީ ސަސްޕެންޝަނާ ދަމަހައްޓާނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކްރިކެޓް ބޯޑުގެ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ ކޮމިޓީގައި ހިމެނޭ އިންޑިއާ އަންހެން ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ދިއާނާ އެދުލްޖީ ވަނީ ފުރިހަމަ ތަހުގީގެއް ނުނިމެނީސް ޕާންޑިޔާ އާއި ރާހުލް އަށް ގައުމީ ޓީމުން އަލުން ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެފަ އެވެ.
މި މައްސަލައިގައި އިންޑިއާ ޓީމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވެމުންދާތީ ޓީމުގެ ދިފާއުގައި ކެޕްޓަން ވިރާޓު ކޯލީ ވަނީ ތެދުވެފަ އެވެ. އޭނާ ބުނީ އިންޑިއާ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކީ އަންހެނުންނަށް ދޭން ޖެހޭ އިހުތިރާމް ފުރިހަމަ އަށް ދޭ ބައެއް ކަމަށާއި އެއްވެސް ވަރަކަށް އަންހެނުންނަށް އިހުތިރާމް ކުޑަކޮށް ދައްކާ ވާހަކަތަކަށް ތާއީދުނުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިއްބެ ހޯރަފުށި
13 January 2019
ރޭޕިސްތާން ... # ލައްކަވާހަކަ