ނެދަލެންޑްސް ކީޕަރު ސިލިސަން: ދެން އޭނާ ފެންނާނީ ބާސެލޯނާ އިން ކަމަށް ރިޕޯޓްތައް ބުނޭ.-
22 އޯގަސްޓް 2016 - 12:05
ބާސެލޯނާ (އޮގަސްޓް 22) - އަޔެކްސް އަށް ކުޅެމުން އަންނަ ނެދަލެންޑްސް ގައުމީ ޓީމުގެ ކީޕަރު ޔެސްޕާ ސިލިސަން ބާސެލޯނާ އަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ސިލިސަން އަކީ ފާއިތުވި ހަތަރު އަހަރު އަޔެކްސްގެ އެއް ނަންބަރު ކީޕަރެވެ. ލީގުގައި މިިދިޔަ ހޮނިހިރު ދުވަހު އަޔެކްސް އަމިއްލަ ދަނޑުގައި ވިލެމް އަތުން ބަލިވި މެޗުގައި ސިލިސަން ނުކުޅެ އެވެ. އަޔެކްސް އިން ބުނީ ސިލިސަން މި މެޗުން ނުފެނުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މުހިއްމު ނިންމުމެއް ނިންމާތީ ކަމަށެވެ.
ރިިޕޯޓްތައް ބުނާގޮތުން ސިލިސަން ވަނީ ބާސެލޯނާ އަށް ބަދަލުވާން އެ ކްލަބާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި ބާސެލޯނާ އިން ވަނީ ސިލިސަން އެ ކްލަބާ ގުޅޭނެކަން ޔަގީންވުމުން އެ ޓީމަށް ކުޅޭ ޗިިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ދޫކޮށްލަން ނިންމައިފަ އެވެ.
ބްރާވޯ އަކީ ރެއާލް ސޮސިއެޑާޑުން 2014 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވުމަށް ފަހު އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީން ވަނީ ބްރާވޯ ގަންނަން ބާސެލޯނާ އަށް 17 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. އަދި ބާސެލޯނާ އިން ވަނީ އެ އަގަށް ބްރާވޯ ވިއްކާލަން އެއްބަސްވެފަ އެވެ.
ބްރާވޯ ގެނައުމަށް ފަހު ސިޓީން އެ ޓީމަށް ކުޅޭ އިނގިރޭސި ގައުމީ ޓީމުގެ ކީޕަރު ޖޯ ހާޓް ދޫކޮށްލާނެ އެވެ. ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވި ފަހުން މިހާތަނަށް ކުޅުނު ރަސްމީ އެއްވެސް މެޗެއްގައި ހާޓަށް ފުރުސަތެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy