ޕާކިސްތާން މެޗު ބޮއިކޮޓްކުރަން ހަރްބަޖަން ގޮވާލައިފި

ނިއު ދިއްލީ، އިންޑިއާ (ފެބްރުއަރީ 20) - ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލްކުރާ ސަރަހައްދުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ޕާކިސްތާނުގެ އަތެއް ވާކަމަށް ތުހުމަތުކޮށް، ކްރިކެޓް ވޯލްޑް ކަޕްގެ ޕާކިސްތާނާ ދެކޮޅަށް އަންނަ ޖޫން މަހު ކުޅެން ހަމަޖެހިފައި އޮތް މެޗު އިންޑިއާ އިން ބޮއިކޮޓްކުރަން ޖެހޭ ކަމަށް އިންޑިއާއާ އެކު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ހަރްބަޖަން ސިންގް ބުނެފި އެވެ.


މިދިޔަ ބުރާސްފަތި ދުވަހު ކަޝްމީރުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައިވަނީ 42 މީހުން މަރާލައިފަ އެވެ. މިއީ އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރްޕީއެފް) އަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށާއި އެހެންވެ ބައިނަލްއަގުވާމީ މުޖްތަމައުން ޕާކިސްތާން މުޅިން އެކަހެރިކޮށްލާނެ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ. ޕާކީސްތާން ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފަ އެެވެ.

"ޕާކިސްތާނާ އެއްވެސް ގުޅުމެއް ބާއްވަން ނުޖެހޭ. ޖޫން 16 ވަނަ ދުވަހު ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާނާ ދެކޮޅަށް ނުކުޅެން ގޮވާލަން. އެންމެ ފުރަތަމަ އިސްކުރަންވީ ގައުމު. ގައުމުގެ ދިފާއުގައި އަހަރެމެން ތިބެން ޖެހޭ،" އުމުރުން 38 އަހަރުގެ ހަރްބަޖަން ބުންޏެވެ.

"ޕާކިސްތާނުން އަންނަނީ ބޯޑަރު ސަރަހައްދުގައި ޓެރަރިޒަމްގެ ގިނަ އަމަލުތަކެއް ހިންގަމުން. މިކަމުގެ އުނދަގޫ އިންޑިއާ އަށް އަންނަނީ ބޮޑުވަމުން." އިންޑިއަން ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ހަރްބަޖަން ބުންޏެވެ.

އިންޑިއާ އަކީ މި ފަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ފޭވަރިޓެކެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކޮށްލައިފިނަމަ އިންޑިއާ އަށް މުބާރާުތުގައި އުނދަގޫ ހާލަތެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ހަރްބަޖަންގެ ނަޒަރުގައި ޕާކިސްތާނާ ދެކޮޅަށް ނުކުޅެ ވެސް މުބާރާތް ކާމިޔާބު ކުރެވޭނެ ފެންވަރު އިންޑިއާގެ އެބަހުއްޓެވެ.

"ޕޮއިންޓު އުނިވުމަކުން މާ ބޮޑު ގެއްލުމެއް ނެތް. ޕާކިސްތާނާ ދެކޮޅަށް ނުކުޅެވެސް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެހާ އިންޑިއާ ޓީމު ވަރުގަދަ،" ޓެސްޓް ކްރިކެޓުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ވިކެޓް ނަގާފައިވާ އޮފް ސްޕިނާ ބުންޏެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ޗީފް އެގްޒެކްޓިވް ޑޭވިޑް ރިޗާޑްސަން ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާން ކުޅޭ މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ވަރުގަދަވާނެ އެއް މެޗު ކަމަށާއި ކަޝްމީރުގައި މި ހިނގާދިޔަ ހާދިސާ އަށް ފަހު ވެސް އެ މެޗު ޝެޑިއުލާ އެއްގޮތަށް ކުރިއަށްގެންދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކަޝްމީރުގެ މި ހާދިސާ އަށް ފަހު އިންޑިއާގެ ޓޮޕް ފުޓްބޯޅަ ލީގު ކަމަށްވާ އައި ލީގުގެ މެޗުތައް ކުޅޭ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ.

އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި މިދިޔަ ހަފުތާގައި މާލޭގައި އެއާ އިންޑިއާ އާއި ގައުމީ ކްރިކެޓް ޓީމު ކުޅުނު މެޗަށް ހަރްބަޖަން އަންނަ ގޮތަށް ފުރަތަމަ ހަމަޖެހުނު ނަމަވެސް ފަހުން އަމިއްލަ ސަބަބަކާ ހުރެ އޭނާ ނާދެ އެވެ.