މަހްފޫޒާ (ވ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަނީ. -- ފޮޓޯ: ބީއެފްއެފް
19 މާޗް 2019 - 09:58
ޑާކާ، ބަންގްލަދޭޝް (މާޗް 19) - މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށް ޖަލަށް ލާފައިވާ ބަންގްލަދޭޝްގެ ސީނިއާ ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރު އަދި ފީފާގެ ކައުންސިލް މެމްބަރު މަހުފޫޒާ އަކުތަރު ސަލާމަތްކުރުމަށް އެކި ޖަމިއްޔާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާގެ ވަކީލު ލިއާކަތު ހުސައިން ބުނެފި އެވެ.
މަހަފޫޒާ ޖަލަށް ލާފައިވަނީ، މިދިޔަ މަހު ޓީވީ ޝޯއެއްގައި އެ ގައުމުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އަށް ފާޑުކިޔާފައިވަނިކޮށެވެ. އެ ޝޯ ގައި މަހުފޫޒާ ބުނީ ހަސީނާގެ ވިސްނުންފުޅު ހުރީ ހަމައެކަނި ވަކި ކުޅިވަރުތަކެއް ކުރިއެރުވުމަށް ކަމަށާއި ފުޓްބޯޅަ އަށް ދެނީ ވަރަށް ކުޑަ އަހައްމިއްޔަތުކަމެއް ކަމަށެވެ. އަދި ފުޓްބޯޅަ ކުޅުންތެރިންގެ ކާމިޔާބީތައް ފާހަގަނުކޮށް ކްރިކެޓަށް ވަރަށް ބޮޑަށް ސަރުކާރުން ހޭދަކުރާ ކަމަށް އޭނާ ތުހުމަތުކުރި އެވެ.
އެ ވާހަކަަތަކާ މެދު ހިތްހަމަނުޖެހި ހަސީނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މެމްބަރަކު ހުށަހެޅި މައްސަލައަކާ ގުޅިގެން މަހުފޫޒާ ހައްޔަކުރަން އަމުރެއް ނެރުނީ މިދިޔަ އަންގާރަ ދުވަހު އެވެ. މައްސަލަ ހުށަހެޅިއިރު ފާހަގަކޮށްފައިވާ ކަމަކީ މަހްފޫޒާގެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދުމުގެ ފުރުސަތު އޮތުމެވެ.
މަހުފޫޒާގެ ވަކީލު ލިއާކަތު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މިއީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާގެ އޮފިޝަަލަކާ މެދު ބަންގްލަދޭޝް އިން ވަރަށް އިހާނެތިކޮށް ކުރާކަމެއް ކަމަށާއި ކަފާލާތުގެ ދަށުން ވެސް މަހަފޫޒާ ދޫނުކުރަން ނިންމުމުގެ ފަހަތުގައި އޮތީ ފޮރުވިފައިވާ އެޖެންޑާ އެއް ކަމަށެވެ.
"އަހަރެން ގޮވާލަން މަހުފޫޒާގެ ހިމާޔަތުގައި ޖަމިއްޔާތަކުން ނުކުތުމަށް. އޭނާ ދެއްކި ވާހަކަ އަކީ ހަމަހަަމަކަމާ އިންސާފުގެ ހައްގުގައި ދެއްކި ވާހަކަތަކެއް،" ލިއާކަތު ބުންޏެވެ.
ފީފާ ކައުންސިލަށް މަހްފޫޒާ އިންތިހާބުކުރީ 2017 ވަނަ އަހަރު އެވެ. އޭނާ އަކީ ބަންގްލަދޭޝްގެ ފުޓްބޯޅަ އަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ. އަދި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނާ މިހާރު ވެސް ގާތްގުޅުމެއް އޮވެ އެވެ.
މަހްފޫޒާ ހައްޔަރުކުރުމާ ބެހޭގޮތުން މިހާތަނަށް ބަންގްލަދޭޝްގެ ސަރުކާރުންނާއި ފީފާ އިން ރަސްމީކޮށް އަދި އެއްޗެއް ނުބުނެ އެވެ. އަންނަ މަހު ހަ ވަނަ ދުވަހު އޭއެފްސީގެ އިންތިހާބު އޮތްއިރު، މި ކަމާ ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބަހެއް ނުބުނާތީ އެ ގައުމުގެ ގިނަ މީޑިއާތަކުން އަންނަނީ އެ އިދާރާ އަށް ފާޑުކިޔަމުންނެވެ.
ބަންގްލަދޭޝްގެ ފޮޓޯގްރާފަރެއް ކަމަށްވާ ޝާހިދުލް އާލަމް މިދިޔަ އަހަރުގެ އޮގަސްޓް މަހު އެއްވުމެއްގެ ތެރެއިން ސަރުކާރަށް ފާޑުކިއުމާ ގުޅިގެން ހައްޔަރުކޮށްފައިވެ އެވެ. ގައުމީ އެވޯޑެއް ހާސިލްކުރި ޝާހިދުލް ޖަލުން ދޫކޮށްލީ 107 ފަހުންނެވެ. އެ މުއްދަތުގެ ތެރޭގައި ޖަލުގައި އޭނާ އަށް ނުހައްގުން ގިނަ އަނިޔާތަކެއް ދިން ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނީ
19 March 2019
ޝެއިޚް ހަސީނާ އާއި މައުމޫނު މިއީ ހަމަ އެއްގޮތަކަށް ވެރިކަންކުރި ދެމީހުން! މިޒަމާނު ޑިކްޓޭޓަރުންނަކަށް ކުރިއަރައި ނުދެވޭނެ. މައުމޫނު 30 އަހަރު ވެރިކަންކުރީވެސް ރައްޔިތުން ބަނދެގެން.
ބަބުރުކަލޯ
19 March 2019
ޖަލަށްލާވަރު ވާހަކައެއް އެދެއްކީ.