ގާޑިއޯލާ (ކ) ބާސެލޯނާ އަށް ކޯޗުކޮށްދިން ދުވަސްވަރު މެސީ އަށް އިރުޝާދު ދެނީ. --ފޮޓޯ: އޭއެފްޕީ
21 އެޕްރީލް 2019 - 09:11
ދޯހާ (އޭޕްރިލް 21) – މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް މިހާރު ޗެމްޕިއަންސް ލީގު ކާމިޔާބުނުކުރެވެނީ އޭނާގެ ޓީމުގައި ލިއޮނަލް މެސީ ނެތުމުން ކަމަށް އޭސީ މިލާނާ އެކު މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ނެދަލެންޑްސް ކުރީގެ ތަރި ރުޑް ހުލިޓް ބުނެފި އެވެ.
ގާޑިއޯލާ ވަނީ މެސީ ހިމެނިގެން ބާސެލޯނާ އަށް 2009 އާއި 2011 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން ބަޔާން މިއުނިކުގައި އަދި މިހާރު މެންޗެސްޓާ ސިޓީއާ އެކު ވެސް އޭނާ އަށް ވަރުގަދަ ސްކޮޑެއް އޮވެމެ މުބާރާތް ކާމިޔާބުކުރެވޭ ގޮތެއް ނުވެ އެވެ.
"ގާޑިއޯލާ އަށް ޗެމްޕިއަންސް ލީގެއް ކާމިޔާބެއް ނުކުރެވޭނެ އޭނާގެ ޓީމުގައި ލިއޮނަލް މެސީ ނެތުމުން. އެކަން ވަރަށް ބޮޑު ތަފާތަކަށްވޭ،" ބީން ސްޕޯޓްސްގެ އެނަލިސްޓަކަށް މަސައްކަތްކުރާ ހުލިޓް ބުންޏެވެ. "އޭނާ ބަޔާން މިއުނިކާ އެކު މަސައްކަތްކުރި. ކޮންމެ ފަހަރަކު އެހާމެ ގާތަށް ގޮސް ކާމިޔާބުނުވެ ދަނީ."
ހުލިޓް ބުނީ ބާސެލޯނާގައި، ވާދަވެރިކޮށް އުނދަގޫކޮށްދާ މެޗުތަކުގައި މެސީ ތަފާތު ދައްކާ ކަމަށާއި އެގޮތުން ގާޑިއޯލާ ބާސެލޯނާ އަށް ކޯޗުކަންކުރިއިރު އެތައް މެޗެއްގައި މެސީ ތަފާތުދެއްކި ކަމަށެވެ.
"އެ ތަފާތު ދައްކާނެ ޓީމެއް ނުގަނެވޭނެ. އެކަމަކު އަހަރެން އޭނާއާ މެދު ހިތާމަކުރަން. ސަބަބަކީ މި މުބާރާތް ކާމިޔާބުކުރަން އޭނާ ބޭނުންވެފައި ހުރި މިންވަރު ފެންނާތީވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީދުކަޅުބެ
23 April 2019
ދައްކާ ވާހަކަ ދޯ... މެސީ ނެތިގެން ދޯ އާޖެންޓީނާއަށް ވޯލްޑްކަޕް ކާމިޔާބު ނުކުރެވިގެން އުޅެނީ.
ޙުސަންބޭ
23 April 2019
6 އެންގަލް ދެއްކިއަސް ހަމަ ކަޓާނެ.
ހަސަން ނުވަވަނަ
21 April 2019
ސިޓީ ކަޓޫވާލީ ވާރގެ އެއްމެ އެންގަލެއްގެ ކެމެރާ ރިޕްލޭ ދައްކައިގެން