މެޑަލް ހާސިލްކުރި ވިދުޝާ.-- ފޮޓޯ: އޭއެފްޕީ
25 އެޕްރީލް 2019 - 09:24
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާގެ ވިދުޝާ ހީނަތިމުލާ ވާދަކުރާއިރު އޭނާ އަށް ވަނީ ފުން ހިތާމައެއް ލިބިފަ އެވެ. އެ ގައުމުގައި މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާގައި އޭނާގެ ފަސް އެކުވެރިއަކު މަރުވި އެވެ. އެ ހިތާމަތަކާ އެކު މުބާރާތުގައި ބައިވެރިނުވެ ދޫކޮށްލުމުގެ އިހުތިޔާރު ކޯޗު ކިއުބާގެ ލުއިސް ދިނެވެ. އެކަމަކު އޭނާ ވާދަކުރަން ނިންމީ ޕްރޮފެޝަނަލް އުސޫލު ދެމެހެއްޓުމަށާއި ގައުމަށް ރީތި ނަން ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ މިވަނީ އެ ހިތާމަތަކުގެ މައްޗަށް ހިތްވަރު އިސްކޮށް ޓްރިޕަލް ޖަމްޕުން ލޯ މެޑަލް ހާސިލްކޮށްފަ އެވެ.
ލަންކާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ވިދުޝާ ޓްރިޕްލް ޖަމްޕް ފުރިހަމަކުރީ އޭނާގެ ސީޒަނަލް ބެސްޓް ކަމަށްވާ 13.52 މީޓަރަށް ފުންމައިގެންނެވެ. މި ކާމިޔާބީގެ އެންމެ ފުރިހަމަ އުފާ އޭނާ އަށް ލިބެން ނެތް ނަމަވެސް މިއީ އޭނާގެ ނަޒަރުގައި ކުޑަ ހިތްހަމަޖެހުމެކެވެ.
"މި އިވެންޓަށް އައުމުގެ ކުރީގައި އަހަރެން ހުރީ ޝޮކެއްގައި. އެހެންވެ ކަޅު ބޭންޑް އަޅައިގެން ބައިވެރިވީ. އަހަރެންގެ އުއްމީދަކީ މި ކާމިޔާބީ އަކީ ސްރީލަންކާ އަށް ކިތަންމެ ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބުން. މި މެޑަލް މި ހާއްސަކުރަނީ ފުން ހިތާމައެއްގައި އޮތް އަހަރެންގެ ގައުމަށް،" ރޮވިފައިހުރެ ވިދުޝާ ބުންޏެވެ.
ވިދުޝާ އިވެންޓުގައި ބައިވެރިވަނީ. -- ފޮޓޯ: އޭއެފްޕީ
ނިއުސްޓެޑް ގާލްސް ކޮލެޖުން ފާހަގަވި ވިދުޝާ ވަނީ 2014 ވަނަ އަހަރުގެ ޖޫނިއާ އޭޝިއަން ޗެމްޕިއަންޝިޕާއި 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ޓްރިޕްލް ޖަމްޕް ބައިން ރިހި މެޑަލް ހާސިލްކޮށްފަ އެވެ. އެކަމަކު މި ފަހަރުގެ ކާމިޔާބީ އޭނާ އަށް ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އަދި އޭނާ ވަނީ މި އުނދަގޫ ދަނޑިވަޅުގައި ވެސް ގައުމަށް ރީތި ނަން ހޯދައިދޭން މަސައްކަތްކޮށް މެސެޖެއް ދީފަ އެވެ.
"އަހަރެމެން މަސައްކަތް މި ކުރަނީ އެއް ދިދައެއްގެ ދަށުގައި. އަހަރެމެން އެންމެ އެކުވެގެން ގައުމުގެ މުސްތަގުބަލަށްޓަކައި އެބަޖެހޭ މި ޓެރަރިސްޓުންގެ ކިބައިން ގައުމު ސަލާމަތްކުރަން." ވިދުޝާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސާ ފޭން
25 April 2019
ގާރލް ޕަވާރ
ނަރީމާ
25 April 2019
ސެލިއުޓް ޔޫ ވިދުޝާ!! ވަރަށް ހިތްވަރުގަދަ.
ހަސަން ދެވަނަ
25 April 2019
ކަނބުލޮއަށް މަރުހަބާ.