ކުޅިވަރު / ސެޕް ބްލެޓާ

ފީފާއާ ދެކޮޅަށް ދައުވާކުރަން ބްލެޓާ ތައްޔާރުވެއްޖެ

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ.-- ފޮޓޯ: އޭއެފްޕީ

ޒިއުރިކް، ސްވިޒަލެންޑް (މެއި 10) - ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކައި އޭނާގެ އަގުވައްޓާލާފައިވާތީ ފީފާއާ ދެކޮޅަށް ދައުވާކުރަން ނިންމާފައިވާ ކަމަށް އެ އިދާރާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.

ބްލެޓާގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެ، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އަށް އަަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ. އަދި ފަހުން އެ ސަސްޕެންޝަނަށް ވަނީ ލުޔެއްދީ ހަ އަހަރަށް ކުޑަކޮށްފަ އެވެ. ފީފާގެ ރައީސްގެ މަގާމަށް އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ ބްލެޓާ އިސްތިއުފާ ދެއްވުމުން 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.

ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ބްލެޓާ މައްޗަށް ކުރެވިފައިވާއިރު، ދާދި ފަހުން ފީފާ އިން ވަނީ އިތުރު މައްސަލަތަކެއް މީޑިއާ އަށް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވީ 2014 ވަަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕަށް ފަހު ބޯނަހުގެ ގޮތުގައި ބްލެޓާ އަށް 12 މިލިއަން ޑޮލަރު ލިބުނު މައްސަލަ އެވެ.

މިކަމާ ބެހޭގޮތުން ސްވިޒަލެންޑުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބްލެޓާ ވިދާޅުވީ އޭނާއާ ބެހޭގޮތުން ފީފާއިން ދައްކަމުން އަންނަ ހަގީގަތާ ހިލާފު ވާހަކަތަކަކީ އެ އިދާރާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައި ހިންގަވާ ޕްރޮޕަގެންޑާއެއް ކަމަށެވެ.

"ފީފާގެ ރައީސް އިންފަންޓީނޯ އާއި ފީފާއާ ދެކޮޅަށް ދައުވާކުރަން ނިންމައިފިން. ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަންވާނެ. މިހާރު ކަންތައްތައް ވަރަށް ގޯސްވެއްޖެ. ފީފާ އިން ތަފާތު ބަޔާންތަކެއްގެ ގޮތުގައި އަހަންނަށް ލިބުނު އާމްދަނީ ކަމަށް ބުނެ ދަނީ ހަގީގަތް އޮޅުވާލަމުން. މިއީ އަހަރެންގެ އަގުވައްޓާލަން ކުރިއަށްގެންދާ ޕްރޮޮޕަގެންޑާ އެއް،" 17 އަހަރު ވަންދެން ފީފާގެ ރައީސްގެ މަގާމު ފުރުއްވި ބްލެޓާ ވިދާޅުވި އެވެ.

އުމުރުން 83 އަހަރުގެ ބްލެޓާ މައްޗަށް ފީފާ އިން ކުރާ އަނެއް ތުހުމަތަކީ ޕެންޝަނުގެ ގޮތުގައި އެކި ފަރާތްތަކަށް ދެވޭ ފައިސާގައި މަކަރާހީލަތްތަކެއް ހަދާފައިވާ ކަމުގެ ތުހުމަތެވެ. ބްލެޓާ ވިދާޅުވީ ފީފާގެ މިސްރާބު މިހާރު ދަނީ ފުޓްބޯޅަ އަށް ފައިދާ ހުރި ގޮތަށް ނޫން ކަމަށެވެ.

"އަހަރެންގެ ބަދަލުގައި ފީފާގެ ލީޑަޝިޕަށް އައި ފަރާތްތަކުން ކަންތައްތައް ކުރަނީ އެންމެ ރަނގަޅަކަށް ނޫން. ފީފާ އަކީ ވަރަށް ބޮޑަށް ފައިދާވާ ޖަމިއްޔާއެއް. އެކަމަކު މިހާރު އެ އިދާރާ އަށް ލިބޭ ފައިދާ އިން ދުނިޔޭގެ ފުޓްބޯޅަ އަށް ކުރަނީ ކުޑަ ފައިދާއެއް،" ބްލެޓާ ވިދާޅުވި އެވެ.

ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިއަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީ އެވެ. ޕްލެޓިނީ އަށް 2011 ވަނަ އަހަރު ބްލެޓާ ދިން 1.3 މިލިއަން ޕައުންޑަކީ 1998 އިން 2002 ވަނަ އަހަރާއި ހަމައަށް ޕެލްޓިނީ ފީފާގެ ކޮންސަލްޓަންޓެއްގެ ގޮތުން ކުރި މަސައްކަތުގެ އަގުކަމަށް ބުނި ނަމަވެސް އެކަން އެއްވެސް އެއްބަސްވުމަކުން ފެންނާކަށް ނެތެވެ. އެހެންވެ މި މައްސަލަ ބެލުމަށް ފަހު ފީފާއިން ނިންމީ ޕްލެޓިނީ އާއި ބްލެޓާ ސަސްޕެންޑް ކުރުމަށެވެ.

އަންނަ މަހު ފަސް ވަނަ ދުވަހު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރައްވަނީ އިންފަންޓީނޯ ގިނިކަންޏާ އެވެ. އެހެންވެ އިންފަންޓީނޯ އަށް އިތުރު ދައުރެއްގެ ޔަގީންކަން މިހާރު އޮތީ ލިބިވަޑައިގެންފަ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454