11 މެއި 2019 - 12:10
ލަންޑަން (މެއި 11) - ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ ޓޮޓެންހަމް ދޫކޮށްލަފާނެ ކަމުގެ ވާހަކަތަކެއް އެ ޓީމުގެ ކޯޗު މައުރީސީއޯ ޕޮޗެޓީނޯ ދައްކާތީ އެ ކްލަބްގެ ވެރިން އެކަމާ ކަންބޮޑުވެފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގެ ދެ ވަނަ ހާފްގައި ދެއްކި އާދަޔާހިލާފު ހިތްވަރާ އެކު ޓޮޓެންހަމުން ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
އަޔަކްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވެސް ޕޮޗެޓީނޯ ވަނީ ޗެމްޕިއަންސް ލީގު ލިބިއްޖެނަމަ އެ ޓީމުން ދެން ނުފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. ޗެމްޕިއަންސް ލީގުގެ ކާމިޔާބީއާ އެކު ޕޮޗެޓީނޯގެ މުސްތަގުބަލާ ގުޅޭ ވާހަކަތައް ހުއްޓޭނެ ކަމަށް ބެލެވުނު ނަމަވެސް ޕްރިމިއާ ލީގުގެ ފަހު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ވަނީ އަނެއްކާ ވެސް އެ ވާހަކަތަައް ތަކުރާރުކޮށްފަ އެވެ.
"ފަސް އަހަރަށް ފަހު މި އަންނަަނީ އެއް ޗެޕްޓަރެއް ބަންދުކޮށްލަން ޖެހޭ ވަގުތުކޮޅު. ޖުލައި މަހު އަހަރެމެން ޕްރީ ސީޒަން ފަށާއިރު ދެން އޮންނާނީ ކުރިން އޮތް ގޮތަކަށްއް ނޫން. އަހަރެމެން ކުރިއަށްދާންވީ ގޮތް. އާ ހިޔާލުތަށް އަންނަން ޖެހޭ،" ކުރިން އާޖެންޓީނާ ގައުމީ ޓީމަށް ކުޅުނު ޕޮޗެޓީނޯ ބުންޏެވެ.
ވޭތުވެދިޔަ ފަސް އަހަރު ވިސްނުން ހުރީ އެއް ބިިލިއަން ޑޮލަރުގެ އަގުހުރި ސްޓޭޑިއަމް ނިމެންދެން ކްލަބް އެއް ފެންވަރެއްގައި ދެމެހެއްޓުން ކަމަށާއި އެ މަސައްކަތް ފުރިހަމަ އަށް ކުރެވުނުކަން ގަބޫލުކުރާ ކަމަށް ޕޮޗެޓީނޯ ބުންޏެވެ. ޓޮޓެންހަމުން މި ސީޒަނުގެ ގަދަ ހަތަރެއް ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދިއިރު، މި ސީޒަނުގައި ކުޅުންތެރިއަކު ގަންނަން ހަރަދެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އެއީ ސްޓޭޑިއަމް ނިންމުމުގެ ގޮތުން ހަރަދުކުޑަކުރުމަށެވެ.
މި ސީޒަން ފެށުމުގެ ކުރިން ޕޮޗެޓީނޯ ހޯދަން ރެއާލް މެޑްރިޑުން ހުށަހެޅި އެވެ. އެކަމަކު ޓޮޓެންހަމުން ވަނީ ޕޮޗެޓީނޯ ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ. ޕޮޗެޓީނޯގެ ސޮއި ހޯދަން ދެން އެންމެ ބޭނުންވި އަނެއް ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑެވެ. މިދިޔަ ޑިސެމްބަރު މަހު ހޯސޭ މޮރީނިއޯ ވަކިކޮށް އޮލެ ގުނަ ސޯލްޝެއާ ވަގުތީ ގޮތުން ހަމަޖެއްސީ ފަހުން ޕޮޗެޓީނޯ ގެނައުމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ސޯލްޝެއާ އަށް ދާއިމީ އެއްބަސްވުމެއް ދިނީ ޕޮޗެޓީނޯ ހޯދަން ކުރި މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުންނެވެ.
ޓޮޓެންހަމާ އެކު ޕޮޗެޓީނޯ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. ސްޕެއިނުގެ ޗެމްޕިއަން ބާސެލޯނާ އާއި ޕީއެސްޖީގެ ގަދަބާރު ޕީއެސްޖީ ވެސް އަންނަ ސީޒަނުގައި ކޯޗުން ބަދަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު ޕޮޗެޓީނޯ އަށް އެ ދެ ކްލަބުގެ ހުށަހެޅުމެއް ލިބުމުގެ ފުރުސަތު ބޮޑެވެ.
"ސީޒަން ނިމުމުން އަހަރެން ޑެނިއަލް (ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ)އާ ވާހަކަ ދައްކާނަން. އެއީ ވަރަށް މުހިއްމުވާނެ ބައްދަލުވުންތަކެއް،" މުސްތަގުބަލާ ބެހޭގޮތުން ޕޮޗެޓީނޯ ބުންޏެވެ.
އެސްޕަންޔޯލުން 2009 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޕޮޗެޓީނޯ އެންމެ ފުރަތަމަ ބަދަލުވީ 2013 ވަނަ އަހަރު ސައުތެމްޓަން އަށެވެ. އޭނާ ޓޮޓެންހަމާ ގުޅުނީ 2014 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެމެލް
11 May 2019
އެއީ މުސާރަ ބޮޑުކުރެވޭތޯ ދައްކާ އާރޓް...
ޢިބޫ
11 May 2019
އާޖެންޓީނާ ގައުމީޓަަށް އާދޭ.
އަންްނި
11 May 2019
ބާރސާއަށް ގެންދޭ. އެއިރުން ރަދީފްމެންކަހަލަ އާރސެނަލް ފޭނުން އުފަލުން ފޮޅޭނެ
ވާލުސޮރު
11 May 2019
ތިކަމެއް ނުވާނެ ޕޮޗޭ