ރައިއޯލާ (ކ) އާއި އިބްރަހިމޮވިޗް ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އޭއެފްޕީ
11 މެއި 2019 - 12:19
ނިޔޯން، ސްވިޒަލެންޑް (މެއި 11) - މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އޭޖެންޓްކަން ކުރަމުން އަންނަ އިޓަލީ އަށް އުފަން މިނޯ ރައިއޯލާ ތިން މަހަށް ސަސްޕެންޑްކުރުމަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ނިންމައިފި އެވެ.
ފީފާ އިން ރައިއޯލާ އަށް އަދަބުދިންއިރު، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ ސަސްޕެންޝަނުގެ މުއްދަތު ހަމަވާނީ ޔޫރަޕްގެ ގިނަ ގައުމުތަކަށް ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވުމުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ހިމެނެ އެވެ.
ޕައުލް ޕޮގްބާ އާއި ޒަލަޓަން އިބްރަހިމޮވިޗް ފަދަ ކުޅުންތެރިންގެ އޭޖެންޓްކަން ކުރަމުން އަންނަ ރައިއޯލާ ބުނީ އޭނާއާ މެދު އަޅާފައިވާ ފިޔަވަޅަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އެއީ ޒާތީ ނިންމުމެއް ކަމަށެވެ.
"އިޓަލީ ފެޑެރޭޝަނުން ސަސްޕެންޝަން އައީމަ ހައިރާނެއްނުވޭ. އެއީ އަހަރެން ފާއިތުވި މަސްތަކުގައި އަހަރެންގެ ކުޅުންތެރިންނަށް ނަސްލީ ގޮތުން ދިމާކުރާތީ އެކަމާ ފާޑުކިއުމުން އައި ސަސްޕެންޝަނެއް،" ޔުވެންޓަސްގެ ދެ ކުޅުންތެރިން ކަމަށްވާ މޮއިސް ކީން އާއި ބްލައިސް މަޓުއިޑީގެ އޭޖެންޓްކަން ވެސް ކުރަމުން އަންނަ ރައިއޯލާ ބުންޏެވެ.
ރައިއޯލާ ސަސްޕެންޑް ކުރަން ފީފާ އިން ނިންމީ އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ނުފޫޒުން ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ފީފާގެ ސަސްޕެންޝަނަކީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި އޭނާގެ އަޑުކަނޑުވާލަން ކުރި އަމަލެއްގެ ގޮތުގައި ރައިއޯލާ ދެކެ އެވެ.
"ފީފާ އަށް އޮތީ ގޯސް މައުލޫމާތުތަކެއް ފޯރުކޮށްދީފައި. ކޮންމެ ގޮތެއް ވިޔަސް ފީފާގެ ހާލަތު މިހާރު އޮތްގޮތުން އިޓަލީގެ ނިންމުންތަައް ދަމަހައްޓާނެ. އަހަރެން މި ސަސްޕެންޝަން އެޕީލްކުރާނަން،" ރައިއޯލާ ބުންޏެވެ.
ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ރައިއޯލާއާ އެކު އޭނާގެ ވިޔަފާރީގައި އެހީތެރިވާ އާއިލާގެ އެހެން މެމްބަރެއް ކަމަށްވާ ވިންޗެންޒޯ ރައިއޯލާ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ރައިިއޯލާގެ މި ސަސްޕެންޝަނުގެ ސަބަބުން ބައެއް ކުޅުންތެރިންގެ ޓްރާންސްފާ އަށް އަސަރުކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން ޕައުލް ޕޮގްބާ އާއި ނެދަލެންޑްސްގެ އުއްމީދީ ޑިފެންޑަރު މަތައިސް ޑި ލިޓްގެ ޓްރާންސްފާ ކަންތައްތަކުގައި ރައިއޯލާ އަށް މަޝްވަރާނުކުރެވޭއިރު، އެ ދެ ކުޅުންތެރިންނަށް މިހާރު ޖެހިފައިވަނީ ވަގުތީ ގޮތުން އޭޖެންޓް ބަދަލުކުރުމަށެވެ.
"އަހަރެންގެ ކްލައިންޓުން (ކުޅުންތެރިންނަށް) އޭޖެންޓް ބަދަލުކުރުމުގެ ފުރުސަތު ދޭނީ އަހަރެންގެ އެޕީލް ކާމިޔާބު ނުވެއްޖެނަމަ ކޮންޓްރެކްޓެއްގެ ދަށުން،" ރައިއޯލާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ރައިއޯލާއާ މެދު ފީފާ އިން މީގެ ކުރިން ވެސް ފިޔަވަޅު އަޅަން މަސައްކަތްކުރި އެވެ. އެއީ ކުޅުންތެރިންގެ ޓްރާންސްފާ ފީތަކުގެ ތެރެއިން އޭޖެންޓް ފީގެ ގޮތުގައި ބޮޑު އަދަދެއް ކުޅުންތެރިން އަތުން ނަގާ މައްސަލައެއް ފީފާ ޑިސިޕްލިނަރީ ކޮމީޓީ އަށް ހުށަހެޅުމުންނެވެ. އެކަމަކު އެ ފަހަރު ރައިއޯލާ ސަލާމަތްވީ ފީފާ އަށް އެކަށީގެންވާ ވަރަށް ހެކި ނުލިބުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަފައިދާ
11 May 2019
ދެން ސަސްޕެންޑް ކުރަންވީ މިއުޅޭ ރަދީފް
ބާސެލޯނާ
12 May 2019
ރަދީފް ނެތީއާ މިތަން ވަރަށް ވައި ވާނެ
ރަދީފްްގެ ލީގަލް ޓީމް
12 May 2019
މެސީ ބާރސެލޯނާގައި އެހިފަހައްޓަނީ ރަދީފްގެ އޭޖެންޓްކަމުގެ ދަށުން