އެތުލެޓިކޯގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ގްރީޒްމަން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
15 މެއި 2019 - 10:34
މެޑްރިޑް (މެއި 15) - އެތުލެޓިކޯ މެޑްރިޑުގެ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމާފައިވާކަން ރޭ އިއުލާންކުރިއިރު، ސްޕެއިނުގެ މީޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާގެ މިސްރާބު ހުރީ ބާސެލޯނާ އަށެވެ.
މި ސީޒަން ފެށުމުގެ ކުރިން ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނިކޮށް، އޭނާ ވަނީ ވޯލްޑް ކަޕް ފެށުމުގެ ކުރިން އެތުލެޓިކޯއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ގްރީޒްމަން އަށް ބޮޑު 120 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާ ދޫކޮށްލަން ޖެހެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އޮތީ އެ އަދަދު ދޭން ތައްޔާރަށެވެ.
އުމުރުން 28 އަހަރުގެ ގްރީޒްމަން ބުނީ އެތުލެޓިކޯގައި އޭނާ ހޭދަކުރި ފަސް އަހަރު ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރަށް ޝުކުރުއަދާކުރާކަމަށާއި ކްލަބް ބަދަލުކުރަން ނިންމާ އާ ޗެލެންޖެއް ނެގުމުގެ ގޮތުން ކަމަށެވެ.
"ހަގީގަތަކީ މިއީ ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު މިއީ ކެރިއަރަށް މުހިއްމު ނިންމުމެއް. ވޭތުވެދިޔަ ފަސް އަހަރު ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ފްރާންސާ އެކު މިދިޔަ އަހަރުގެ ވޯލްޑް ކަޕް ހޯދި ގްރީޒްމަން ބުންޏެވެ.
ގްރީޒްމަން ހޯދަން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުން. -- ފޮޓޯ: އޭއެފްޕީ
މިދިޔަ އަހަރުގެ ބާސެލޯނާ އިން ގްރީޒްމަން ހޯދަން އޭނާ އަށް ނުފޫޒުފޯރުވާކަމަށް ބުނެ އެތުލެޓިކޯ އިން ވަނީ އެ މައްސަލަ ފީފާ އަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށްގެންދަން ފަހުން އެތުލެޓިކޯ އިން ބޭނުމެއްނުވި އެވެ.
ރެއާލް ސޮސިއެޑާޑުން 2014 ވަަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި އެ ޓީމާ އެކު ޔޫރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާުބުކުރި އެވެ. އަދި އޭނާ އަކީ މިދިޔަ ފަސް ސީޒަނުގައި ވެސް އެތުލެޓިކޯ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ގްރީޒްމަން ގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ޓީމަށް ކުޅޭ ބްރެޒިލްގެ ދެ ވިންގް ފިލިއްޕޭ ކުޓީނިއޯ އާއި މެލްކޮމް ދޫކޮށްލާނެ އެވެ. ކުޓީނިއޯ ގަންނަން ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ މަސައްކަތްކުރަމުން އަންނައިރު، ލޯން އެއްބަސްވުމެއްގެ ދަށުން މެލްކޮމް ހޯދަން ފްރާންސާއި ޖަރުމަނުގެ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސާ
15 May 2019
މަރުހަބާ ގްރީޒްމަން
މީނަ
15 May 2019
މީނަޔަށްވެސް ވާނީ ކުޓީނިއޯޔަށް ވީގޮތް. މިއީ ކުޓީނިއީ 2.0