ކްރިކެޓް ވޯލްޑް ކަޕަށް ސަމާލުކަން ބޮޑުވާނެ: ވިރާތު

ލަންޑަން (މެއި 24) - އަންނަ ބުރާސްފަތި ދުވަހު އިންގްލެންޑާއި ވޭލްސްގައި ފަށާ ކްރިކެޓް ވޯލްޑް ކަޕް ވެގެންދާނީ މި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ސަޕޯޓަރުން ބަލާނެ މުބާރާތަށް ކަމަށް އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ބުނެފި އެވެ.


މި މަހު 30 އިން ޖުލައި 14 ވަނަ އަހަރަށް ކުރިއަށްދާ ވޯލްޑް ކަޕަށް އިންޑިއާ ނުކުންނަނީ މުބާރާތުގެ އެއް ފޭވަރިޓުގެ ގޮތުގަ އެވެ. އިންޑިއާ ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ. އެއީ 1983 އާއި 2011 ވަނަ އަހަރު އެވެ.

މި ފަހަރުގެ މުބާރާތުގެ ކުރިން އިއްޔެ ލަންޑަނުގައި އޮތް ކެޕްޓަނުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިރާތު ބުނީ މި ފަހަރުގެ ވޯލްޑް ކަޕު ކުރިއަށް ވުރެ ތަފާތުވާނެ ވަރަށް ބޮޑު ސަބަބެއް އެބައޮތް ކަމަށެވެ.

"މިއީ އިނގިރޭސިވިލާތަށް ހޫނު މޫސުން. ވޯލްޑް ކަޕްގެ މެޗުތައް މި ފަހަރު ކުޅޭ ދަނޑުތަކަކީ ވަރަށް ފެންވަރު ރަނގަޅު ސްޓޭޑިއަމްތަކެއް. އަހަރެންގެ ނަޒަރުގައި މި ފަހަރުގެ ވޯލްޑް ކަޕަށް ގިނަ ބަޔެއްގެ ސަމާލުކަން ބޮޑުވާނެ އެއް ސަބަބަކީ މެޗުތަކުގެ ސްކޯ އިތުރުވުން،" އުމުރުން 30 އަހަރުގެ ވިރާތު ބުންޏެވެ.

މުބާރާތް ބާއްވާ އިންގްލެންޑްގެ އިތުރުން ގިނަ ބަޔެއްގެ ނަޒަރުގައި ދެން މުބާރާތުގެ ފޭވަރިޓުންނަކީ އޮސްޓްރޭލިއާ އަދި އިންޑިއާ އެވެ. ވިރާތު ބުނީ އިންޑިއާގައި އޮތް ޓީމަށް ބަލާއިރު ޗެމްޕިއަންކަން ނުހޯދެންވީ ސަބަބެއް ނެތް ކަމަށެވެ.

"އަހަރެމެން ވޯލްޑް ކަޕަށް މި ދަނީ ވަރަށް ބެލެންސް ޓީމަކާ އެކު. ތަޖުރިބާ ވެސް އެބައޮތް ހުނަރު ވެސް އެބައޮތް. އެކަން ފެނިގެންދިޔަ އެންމެ ފަހުން އޮތް އައިޕީއެލް އިން ވެސް. މި ޓީމުގައި ތިބި ކުޅުންތެރިން ވަރަށް ރަނގަޅު ފޯމެއްގައި ތިބީ،" މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާނެ ކަމަށް ގިނަ ބަަޔަކު ބުނަމުން އަންނަ ވިރާތު ބުންޏެވެ.

މީގެ ކުރިން 14 ޓީމާ އެކު ވޯލްޑް ކަޕް ބޭއްވި ނަމަވެސް ފަހުން އެ އަދަދު ވަނީ 10 އަށް ކުޑަކޮށްފަ އެވެ. ވިރާތު ބުނީ ފުރަތަމަ ކުރިއަށްދާ ލީގު ބުރުގައި އިންޑިއާގެ ފޯކަސް ބަހައްޓަންވީ އަބަދުވެސް ކުރިއަށް އޮތް މެޗަށް ކަމަށާއި ވަކި ހާއްސަ މެޗަކަށް އެންމެ ކުރިން ތައްޔާރުވުމަކީ މުބާރާތުގެ ފޯކަސް އެ ޓީމަށް ގެއްލޭނެ ކަމެއް ކަމަށެވެ.

"އެބައޮތް އިންޑިއާއާ ވަރަށް ވާދަވެރި ގައުމުތައް. ޕާކިސްތާން އާއި އޮސްޓްރޭލިއާ ފަދަ ޓީމުތައް. އެކަމަކު އަހަރެމެން އެންމެ ފުރަތަމަ ވިސްނަންވީ އަބަދުވެސް ކުރިއަށް އޮތް މެޗަށް. އެންމެ ފުރަތަމަ ވެސް ސެމީ ފައިނަލަސް ދެވޭނެ ގޮތެއް ހޯދަން އުޅެގެން ރަނގަޅެއް ނުވާނެ. މެޗަކަށް ފަހު މެޗަކަށް ވިސްނަންވީ،" ވިރާތު ބުންޏެވެ.

ވޯލްޑް ކަޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ފަސް ވަނަ ދުވަހު ބައްދަލުކުރާނީ ދެކުނު އެފްރިކާއާ އެވެ.