ރޮނާލްޑޯގެ ހެޓްރިކުން ޕޯޗުގަލް ފައިނަލަށް

ޕޯޓޯ (ޖޫން 6) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ސްވިޒަލެންޑް 3-1 އިން ބަލިކޮށް ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ޕޯޗުގަލް ރޭ ދަތުރުކޮށްފި އެވެ.


އަންނަ ހޮނިހިރު ދުވަހުގެރޭ ޕޯޓޯގައި ކުޅޭ ފައިނަލުގައި ޕޯޗުގަލް ބައްދަލުކުރާނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ އިންގްލެންޑާއި ނެދަލެންޑްސް ކުޅެ މޮޅުވާ ޓީމަކާ އެވެ.

އަމިއްލަ ސަބަބުތަކާ ހެދި މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅެފައިނުވާ ރޮނާލްޑޯ ރޭގެ މެޗުގައި ޕޯޗުގަލަށް ކުރި ހޯދައިދިނީ 34 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުންނެވެ.

ސްވިޒަލެންޑުން އެއްވަރުކުރީ 57 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ރިކާޑޯ ރޮޑްރިގޭޒް ޖެހި ލަނޑުންނެވެ. މި ޕެނަލްޓީ އަށް ސްވިޒަލެންޑުން ފުރަތަމަ އެޕީލްކުރުމުން ޖަރުމަން ރެފްރީ އަޅާނުލި އެވެ. އެ ބޯޅައިގައި ގޮސް ޕޯޗުގަލުން އުފެއްދި ހަމަލާގައި އެ ޓީމަށް ޕެނަލްޓީއެއް ރެފްރީ ދިނީ އެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ ސްވިޒަލެންޑުން އެޕީލްކުރި ޕެނަލްޓީ ދޭން ޖެހޭ ކަމަށެވެ. އެހިސާބުން ޕޯޗުގަލްގެ ޕެނަލްޓީ ނިންމުން އަނބުރާ ގެނައީ އެވެ.

ސްވިޒަލެންޑުން އެއްވަރުކޮށް، އެ ނަތީޖާގައި މެޗު ނިމެން ދިއުމުން ބެލެވުނީ އިތުރު ވަގުތު ކުޅެން ޖެހޭނެ ކަމަށެވެ. އެކަމަކު ރޮނާލްޑޯ ވަނީ ބެނާޑޯ ސިލްވާގެ ހުރަހަކުން 88 ވަނަ މިނެޓުގައި ގޯލް ޖަހައި ޕޯޗުގަލަށް އަލުން ކުރި ހޯދައިދީފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން ހެޓްރިކް ފުރިހަމަކޮށް ޕޯޗުގަލަށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްދިނެވެ.

ރޮނާލްޑޯ ކެރިއަރުގެ 53 ވަނަ ހެޓްރިކް ހަދައި ޕޯޗުގަލް ފައިނަލަށް ގެންދިއުމާ އެކު އޭނާ އަށް މިވަނީ އެ ޓީމަށް ބައިނަލްއަގްވާމީ ދެ ވަނަ ތަށްޓެއް ހޯދައިދޭން ފުރުސަތު ލިބިފަ އެވެ. އަމިއްލަ ގައުމުގައި 2004 ގައި ބޭއްވި ޔޫރޯގެ ފައިނަލުން ބަލިވެފައިވަނިކޮށް، އޭނާ ފުރަތަމަ ފަހަރަށް ޕޯޗުގަލަށް ކާމިޔާބުކޮށްދިން މުބާރާތަކީ 2016 ވަނަ އަހަރުގެ ޔޫރޯ އެވެ.