ރޯހިތުގެ ސައްތަ އިން އިންޑިއާ އަށް ރަނގަޅު ފެށުމެއް

ސައުތުހެމްޓަން (ޖޫން 6) – ނުބައިނުވެ ރޯހިތު ޝަރްމާ ހެދި 122 ލަނޑާ އެކު އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ދެކުނު އެފްރިކާ އަތުން ހަ ވިކެޓުން މޮޅުވެއްޖެ އެވެ.


ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އިންޑިއާ އިން ފެށުން ރަނގަޅުކުރިއިރު ދެކުނު އެފްރިކާ ކުޅުނު ތިން މެޗުން ވެސް ބަލިވެ އޮތީ ޕްރެޝަރުގަ އެވެ.

ސައުތުހެމްޓަންގެ ރޯސް ބޯލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޓޮސް ދިމާވުމުން ދެކުނު އެފްރިކާ އިން ކުޅެން އަރައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 227 ލަނޑެވެ. އިންޑިއާގެ އުކުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ސްޕިނާ ޔުޒްވެންދްރާ ޗަހާލް 51 ބޯޅައިން ހަތަރު ވިކެޓް ނެގިއިރު، ފާސްޓް ބޯލަރުން ކަމަށްވާ ޖަސްޕްރީތު ބުމްރާ އާއި ބުވްނެޝްވަރު ކުމާރު، ކޮންމެ ކުޅުންތެރިޔަކު ދެ ވިކެޓް ނެގި އެވެ. ދެކުނު އެފްރިކާ އިން އެންމެ ރަނގަޅަށް ކުޅުނީ 42 ލަނޑު ހެދި ކްރިސް މޮރިސް އެވެ.

ޖަވާބުގައި އިންޑިއާ ކުޅެން އަރައި ކުރީކޮޅު އޯޕަނިން ބެޓްސްމަން ޝިކާރު ދަވަން އަދި ކެޕްޓަން ވިރާތު ކޯލީ ވަނީ ނުބައިވެފަ އެވެ. މިވަގުތު ވަންޑޭ ކްރިކެޓުގެ ދުނިޔޭގެ އެންމެ މޮޅު ބެޓްސްމަން ވިރާތު 34 ބޯޅައިން 18 ލަނޑު ހަދާފައިވަނިކޮށް ނުބައިކޮށްލީ ދެކުނު އެފްރިކާގެ ވިކެޓް ކީޕަރު ކިންޓަން ޑި ކޮކް އެވެ.

އެކަމަކު ވައިސް ކެޕްޓަން ރޯހިތު ޝަރްމާ ވަނީ އިންޑިއާ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދީފަ އެވެ. އޭނާ ނުބައިކުރަން ދެކުނު އެފްރިކާ އަށް އިނިންގްސްގެ ކުރީކޮޅު ދެ ފަހަރަށް ފުރުސަތު ލިބުނު ނަމަވެސް ދެ ބޯޅަ ވެސް ބައުންސްވެގެން ވެއްޓުނީ އެވެ. ރޯހިތުގެ ނަސީބު ރަނގަޅުކަމާ އެކު، އޭނާ 144 ބޯޅައިން ހެދި 122 ލަނޑާ އެކު އިންޑިއާ އިން މެޗު ނިންމާލީ 15 ބޯޅަ ބާކީ އޮއްވާ، 230 ލަނޑު ހަދައިގެންނެވެ. މިއީ 2015 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބަންގްލަދޭޝާ ދެކޮޅަށް ސައްތައެއް ހެދި ރޯހިތު ޝަރްމާ ވޯލްޑް ކަޕެއްގައި ހެދި ދެ ވަނަ ސައްތަ އެވެ. އިންޑިއާގެ އެހެން ކުޅުންތެރިންގެ ތެރެއިން ކޭ.އެލް ރާހުލް 42 ބޯޅައިން 26 ލަނޑު ހެދިއިރު ކުރީގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ވަނީ 46 ބޯޅައިން 34 ލަނޑު ހަދައިފަ އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު ދެ ވަނަ މެޗުގައި ނިއު ޒީލެންޑުން ވަނީ ބަންގްލަދޭޝް އަތުން ދެ ވިކެޓުން މޮޅުވެފަ އެވެ. ބަންގްލަދޭޝް އިން 49.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 244 ލަނޑު ހެދިއިރު، ނިއު ޒީލެންޑުން ވަނީ 47.1 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 248 ލަނޑު ހަދައިފަ އެވެ.

ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ ނިއު ޒީލެންޑެވެ. ވެސްޓް އިންޑީޒް، އޮސްޓްރޭލިއާ، އިންގްލެންޑް، އިންޑިއާ، ބަންގްލަދޭޝް، ސްރީ ލަންކާ އަދި ޕާކިސްތާންގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ދެކުނު އެފްރިކާ އާއި އަފްގާނިސްތާނަށް ޕޮއިންޓެއް ނުލިބެ އެވެ. ސެމީ ފައިނަލަށް ހޮވޭނީ 10 ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.