ސިޓީގެ މެޗަކަށް ފަހު އެ ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ
07 ޖޫން 2019 - 10:07
ޒިއުރިކް، ސްވިޒަލެންޑް (ޖޫން 6) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ މެންޗެސްޓާ ސިޓީން ހިލާފުވެފައިވާ ކަމަށް ބުނެ، އެ ޓީމާ ދެކޮޅަށް ފިޔަވަޅު އަޅަން ޔުއެފާއިން ނިންމާފައިވާ ކަމަށް އަޑުފެތުރިފައިވަނިކޮށް އެކަމުން ސަލާމަތްވާން ސިޓީން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ގޮސްފި އެވެ.
މި ސީޒަނުގައި އިނގިރޭސި ތިން މުބާރާތް ކާމިޔާބުކުރި ސިޓީގެ މައްސަލަ މިދިޔަ އަހަރުގެ ފަހު ކޮޅުގައި ޔުއެފާ އިން އަލުން ތަހުގީގުކުރަން ފެށީ ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީގަލް އިން އާންމުކުރި ރިޕޯޓްތަކަކަށް ފަހު އެވެ. އެ ލިއެކިޔުންތަކުގައިވާ ގޮތުން ސިޓީން އަންނަނީ ޔުއެފާގެ ބައެއް އޮފިޝަލުންތަކަކަށް ރިޝްވަތުދީގެން ތަކުރާރުކޮށް އެފްއެފްޕީ ގަވާއިދާ ހިލާފުވަމުންނެވެ. އެ ޓީމުން ހިލާފުވެފައިވަނީ ކްލަބްގެ ދަރަނިތައް ފޮރުވުމަށާއި ތަފާތު ސްޕޮންސަރުންތަކެއް މެދުވެރިކޮށް އުސޫލުން ބޭރުން ކްލަބަށް ފައިސާ ހޯދައި، އެ ފައިސާ ކުޅުންތެރިން ގަންނަން ހަރަދުކޮށްގެންނެވެ. އެންމެ ބޮޑަށް ސިޓީން ބޭނުންކުރީ އިއްތިހާދު އެއާވޭސްގެ ފައިސާ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޔުއެފާގެ ޗެމްބަރުން މި މައްސަލައިގައި ނިންމާފައިވަނީ ސިޓީ އެއް ސީޒަނަށް ޗެމްޕިއަންސް ލީގުން ސަސްޕެންޑްކުރުމަށެވެ. ސިޓީން ޔުއެފާގެ ތުހުމަތުތަކަށް ދެކޮޅު ހަދަމުން އަންނައިރު، އެ ޓީމުން މިހާރު ވަނީ އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި ސީއޭއެސް އަށް ހުށަހަޅައިފަ އެވެ.
"ސިޓީން އެޕީލްކޮށްފައިވަނީ ޔުއެފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުގެ ނިންމުމާ ދެކޮޅަށް. ސިޓީން އެދިފައިވަނީ ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭ ގަވައިދާ އެއްގޮތަށް އެ ކްލަބުން އަމަލުކޮށްފައިވަނިކޮށް ހަގީގަތާ ހިލާފު ކަންތައްތަކެއްގެ މައްޗަށް އެ ކްލަބަށް އަދަބުދޭން އުޅޭ މައްސަލަ ރަނގަޅަށް ބަލައިދިނުމަށް އެދި،" ސީއޭއެސްގެ ބަޔާނުގައިވެ އެވެ.
ޔުއެފާގެ ޗެމްބަރުން ނިންމާފައިވާ ގޮތާ ދެކޮޅަށް ސީއޭއެސްގެ ނިންމުމެއް ނާންނާނެ ކަމަށް ބައެއް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ސިޓީން ސީއޭއެސް އަށް ދިޔައީ ޔުއެފާގެ ސަސްޕެންޝަން އަންނާނެކަން އެ ޓީމަށް ޔަގީންވުމުންނެވެ.
މިހާރު އޮތްގޮތުން ޗެމްޕިއަންސް ލީގުން ސިޓީ ސަސްޕެންޑްކުރާނީ 2020-2021 ވަނަ އަހަރުގެ ސީޒަނަށެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މީގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވަނީ އެ ކްލަބުން އޮންނަ އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ވިދާޅުވީ ސިޓީއާ ދެކޮޅަށް މި ކުރިއަށްދާ ކަންތައްތަކަކީ ވާދަވެރި ޓީމުތަކުން ހަސަދަވެރިވެގެން ހިންގާ އަމަލުތަކެއް ކަމަށެވެ.
އެފްއެފްޕީއާ ހިލާފުވެގެން ޔުއެފާ އިން ވަނީ 2014 ވަނަ އަހަރު ވެސް ސިޓީ އަށް އަދަބުދީފަ އެވެ. އެ ފަހަރު ސިޓީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ކުޅުންތެރިންގެ މުސާރަ އާއި ކުޅުންތެރިން ގަންނަން ހަރަދުކުރުމުގައި މަކަރުހަދާފައިވާތީ އެވެ. އޭގެ އިތުރުން އަދަބެއްގެ ގޮތުން އެ ފަހަރު ސިޓީން ޗެމްޕިއަންސް ލީގުގައި ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އަދަދު ވެސް މަދުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy