16 ޖޫން 2019 - 20:12
ލަންޑަން (ޖޫން 16) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ދީފި އެވެ.
ޕޮގްބާ ހޯދަން އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސް އާއި ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތްކުރަމުންނެވެ. ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޗިޓީ ވަނީ ދާދި ފަހުން ޔުނައިޓެޑްގެ އޮފިޝަލުންނާ ބައްދަލުވެސް ކޮށްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕޮގްބާ ބޭނުންވަނީ ޒިނެދިން ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލަށް ކުޅޭށެވެ.
މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެމުން ޕޮގްބާ ބުނީ މިއީ ކެރިއަރުގައި އާ ޗެލެންޖަކާ ދިމާލަށް މިސްރާބު ޖަހަން ރަނގަޅު ވަގުތެއް ކަމަށެވެ.
"ނޫސްވެރިން ތިބުނާ ގޮތަށް ވަރަށް ގިނަ ވާހަކަތަކެއް އެބަދެކެވޭ. ވަރަށް ގިނަ ވިސްނުންތަކެއް ވެސް އެބަހުރި. އަހަރެން ދެކޭގޮތުގައި މެންޗެސްޓާގައި އަހަރެން ތިން އަހަރު ހޭދަ މިކުރީ ވަރަށް ރަނގަޅު ހަނދާންތަކާއި ތަފާތު ގޯސް ތަޖުރިބާތަކަކާ އެކު. އެންމެންނެކޭ އެއްގޮތަށް އެއީ ދިޔަ ގޮތަކީ،" އުމުރުން 26 އަހަރުގެ ޕޮގްބާ ބުންޏެވެ.
"ވަރަށް ގިނަ ކަންތައްތަކެއް މި ސީޒަނުގައި ދިމާވެއްޖެ. މިއީ އަހަރެންގެ އެންމެ ފުރިހަމަ ސީޒަން. އަހަންނަށް ވިސްނޭ ގޮތުގައި މިއީ އެހެން ތަނެއްގައި އާ ޗެލެންޖެއް ނަގަން ޖެހޭ ވަގުތު. އަހަރެން މި އަންނަނީ އެ ކަމާ މެދު ވިސްނަމުން."
ރެއާލުން މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުމާ އެކު ޕޮގްބާ ހޯދުމަށް މަޝްވަރާކުރަން ފެށި އެވެ. އެކަމަކު އޭރު ޔުނައިޓެޑުން ޕޮގްބާ ދޫކޮށްލަން ކީ އަގު ބޮޑުވުމުން އެ ޑީލް ކުރިއަށްގެންދަން ރެއާލުން ބޭނުންނުވި އެވެ. ޔުނައިޓެޑުން އޭރު ބޭނުންވީ ޕޮގްބާ 180 މިލިއަން ޔޫރޯ އަށް ވިއްކާލާށެވެ. އެކަމަކު ރެއާލުން އެންމެ މައްޗަށް ވެސް ޕޮގްބާ އަށް ބިޑްކުރާނީ 110 މިލިއަން ޔޫރޯ އެވެ. އަދި އެ ޑީލްގެ ތެރެއިން ގަރެތު ބޭލް ޔުނައިޓެޑަށް ދޫކޮށްލުމަށް ވެސް ރެއާލުން ބޭނުންވެ އެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯއާ މައްސަލަ ޖެހިގެން ޕޮގްބާ އެ ޓީމު ދޫކޮށްލަން ބޭނުންވި އެވެ. އެކަމަކު މޮރީނިއޯ ޑިސެމްބަރު މަހު މަގާމުން ދުރުކޮށް އޮލެ ގުނަ ސޯލްޝެއާ ޔުނައިޓެޑާ ހަވާލުވި ފަހުން ޕޮގްބާ ވަނީ ތަފާުތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ސޯލްޝެއާއާ އެކު ޔުނައިޓެޑްގައި ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށް އޭރު ބުންޏެވެ. އެކަމަކު ރެއާލުގެ ކޯޗަކަށް ޒިދާން އަލުން ހަމަޖެއްސި ހިސާބުން ޕޮގްބާގެ ވިސްނުން ބަދަލުވީ އެވެ. އަދި މީޑިއާގައި ވެސް ޕޮގްބާ ވަނީ ޒިދާން އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ އަށް އެ ޓީމުން އެކަށީގެންވާ ފުރުސަތެއް ނުލިބޭތީ 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ބަދަލުވި އެވެ. ޔުނައިޓެޑުން އޭނާ އަލުން ގެނައީ 2016 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 95 މިލިއަން ޔޫރޯ އަށެވެ.
ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ ވަނީ އޭނާގެ އޭޖެންޓް މިނޯ ރައިއޯލާއާ މަޝްވަރާ ކުރުމަށް ފަހު ޔުނައިޓެޑް ދޫކޮށްލުމުގެ މަޝްވަރާތައް ކުރިއަށްގެންދަން ނިންމައިފަ އެވެ. އަދި ޔުނައިޓެޑްގެ ޕްރީ ސީޒަނުގައި ބައިވެރިނުވާން ޕޮގްބާ ނިންމާފައިވާ ކަމަށް ވެސް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
17 June 2019
''ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ އަށް އެ ޓީމުން އެކަށީގެންވާ ފުރުސަތެއް ނުލިބޭތީ 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ބަދަލުވި އެވެ.'' އެކަމަކުވެސް ދުނިޔޭގެ އެންމެ މޮޅު ލީގް.ހެހެހެހެހެ
ހިސޭ
17 June 2019
ބަލަ 2012ގަ ޔުނައިޓެޑުން ފުރުސަތު ނުލިބޭ ވާހަކަ ދޯ؟ އެއިން ކިހިނެއްތަ ލީގުގެ ފެންވަރު ދަށްކަމަށް ކަނޑައެޅޭނީ؟ ރަދީފް ބުނާ އެންމެ ވަރުގަދަ ލީގުގެ އެއްވަނައަށް ޔޫރަޕުގެ ފައިނަލެއްގައި ނުކުޅެވޭތާ 4 އަހަރު. އެންމެ ފަހުން ތިޔަ ލީގުގެ 4 ޓީމު ޔޫރަޕުގެ ފައިނަލުގައި ކުޅުނު ޒަމާނެއް ބުނެދީބަލަ؟