ޗެލްސީ ދޫކޮށް ސާރީ ޔުވެންޓަސްއާ ހަވާލުވެއްޖެ

ޓިއުރިން (ޖޫން 16) - މިދިޔަ ސީޒަނުގައި ޗެލްސީއާ ހަވާލުވެ އެ ޓީމަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ އެ ކްލަބް ދޫކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ހަވާލުވާން ނިންމައިފި އެވެ.


ޔުވެންޓަސްއާ ސާރީ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީއާ އެކު ސާރީ މިދިޔަ އަހަރު ސޮއިކުރި ތިން އަހަރުގެ އެއްބަސްވުމުގައި ބާކީ ދެ އަހަރުގެ ބަދަލެއްގެ ގޮތުގައި ޔުވެންޓަސް އިން ފަސް މިލިއަން ޕައުންޑް ދައްކާނެ އެވެ. ޔުވެންޓަސް އަށް ފާއިތުވި އަހަރުތަކުގައި ކޯޗުކޮށްދިން މެސިމޯ އަލެގްރީ ވަނީ ފުޓްބޯޅައިން ބްރޭކެއް ނަގާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރު ޖުލައި މަހު އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކިކޮށް ޗެލްސީގެ ކޯޗަކަށް ހަމަޖެއްސީ ސާރީ ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ޗެލްސީގެ ޑިރެކްޓަރު މާރިއާ ގަރަނޯވްސްކިއާއާ އެކު ބޭއްވި ބައްދަލުވުމުގައި ސާރީ ވަނީ އޭނާ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް އަންގައިފަ އެވެ. ސަބަބެއްގެ ގޮތުގައި ސާރީ ބުނީ އާއިލާއާ ގާތުގައި ހުރެ މަސައްކަތްކުރަން ބޭނުންވުން ކަމަށެވެ.

އެކަމަކު އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނަޕޯލީގެ ކުރީގެ ކޯޗު ސާރީ ދޫކޮށްލަން ޗެލްސީން ނިންމި ސަބަބަކީ އޭނާގެ ބައެއް ޑިމާންޑްތަކުގެ ސަބަބުންނެވެ. ސާރީ ވަނީ އޭނާ ކްލަބްގައި މަޑުކުރާނީ އެ ޓީމުގެ ބޯޑު މެމްބަރުންގެ ސަޕޯޓު އޮތްކަން ރަސްމީ ސިފައެއްގައި ކްލަބުން މީޑިއާގައި ހާމަކުރުމުން ކަމަށެވެ. އެހެން ނަމަވެސް ޗެލްސީގެ ބޯޑް މެމްބަރުން ސާރީގެ އެ ޑިމާންޑާ އެއްގޮތަށް އަމަލުނުކޮށް އޭނާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ސްކައިސްޕޯޓްސް އިން ރިޕޯޓްކުރެ އެވެ.

ސާރީ އަކީ ޗެލްސީއާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު ހަވާލުވި ފަހުން އެ ޓީމުން ވަކިވި ނުވަ ވަނަ ފުލްޓައިމް ކޯޗެވެ. ރިޕޯޓްތައް ބުނާގޮތުގައި އަބްރަމޮވިޗާއި ސާރީއާ ދެމެދު މައްސަލަ ގޯސްވީ ޕްރިމިއާ ލީގުގެ ބައެއް މެޗުތަކުން ޗެލްސީ ތަފާތު ބޮޑުކޮށް ބަލިވުމުގެ އިތުރުން ފީފާ އިން ޗެލްސީ އަށް ދީފައިވާ ޓްރާންސްފާ ސަސްޕެންޝަން ތަންފީޒުކުރުމުގެ ކުރިން ސާރީ ބޭނުންވާ ކުޅުންތެރިން ހޯދަން މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ބަޖެޓެއް ނުދިނުމުންނެވެ.

ޗެލްސީގެ ކޯޗުކަމާ ހަވާލުވާނީ ވަކި ކަންތައްތަކާ މެދު އެ ކްލަބްގެ މެނޭޖްމަންޓުން އެއްބަސްވާނަމަ ކަމަށް ބުނެ، އެ ޓީމުގެ ކުރީގެ ތަރި އަދި ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ޝަރުތުތަކެއް ހުށަހަޅައިފަ އެވެ. ލަމްޕާޑް މަޑުކުރުވަން ޑާބީގެ މެނޭޖްމަންޓުން ވަނީ އޭނާ އަށް އިތުރު އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. ލަމްޕާޑް ބޭނުންވަނީ އޭނާ އަށް ޓީމެއް ބިނާކުރަން ދެ އަހަރުގެ މުހުލަތެއް ދޭ ގޮތަށް އެއްބަސްވުމެވެ.

ކޮންމެ ކޯޗެއް ޗެލްސީއާ ހަވާލުވި ނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ދީފައިވާ ސަސްޕެންޝަނެވެ. ޗެލްސީގެ ތަރި އެޑެން ހަޒާޑް ވަނީ އެ ޓީމު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. ހަޒާޑް ނެތްތަން ފޫބައްދަން ޗެލްސީ އަށް އުނދަގޫވާނެ ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.