18 ޖޫން 2019 - 11:05
ޕެރިސް (ޖޫން 18) – ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ޕީއެސްޖީގައި އަމިއްލަ އަށް ވެސް ޒިންމާތައް ނަގަންވީ ކަމަށާއި އޭނާ އަންނަ ސީޒަނުގައި ކްލަބުގެ މަޑުކުރާނެ ކަމުގެ 200 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ޕީއެސްޖީގެ ރައީސް ނަސީރު އެލް-ޚެއްލާފީ ވިދާޅުވެއްޖެ އެވެ.
މި ވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި ޒުވާން ފޯވާޑް ގެންދިއުމަށް ބޮޑެތި އެހެން ބައެއް ކްލަބްތަކުން ބޭނުންވެ އެވެ. ހާއްސަކޮށް ރެއާލް މެޑްރިޑެވެ. އެކަމަށް ބާރު ލިބުނީ، ފްރާންސްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމަށް ފަހު ދެއްކި ވާހަކައަކުންނެވެ.
"މި އެވޯޑް ލިބުމަކީ އަހަރެންގެ ކެރިއަރުގައި އަނެއްކާ ވެސް ތަފާތު ހިސާބަކަށް ދެވުނުކަން އަންގައިދޭ ކަމެއް. މި ލިބޭ ކުރިއެރުންތަކާ އެކު އަހަރެން އެބަޖެހޭ އިތުރު ޒިންމާތަކެއް ނަގަން. ޕީއެސްޖީގައި ވިޔަސް އެ ނޫން ޓީމެއްގައި ވިޔަސް،" މިދިޔަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެމްބާޕޭ ބުންޏެވެ.
އެ ވާހަކަތަކަށް އިޝާރާތްކުރައްވައި ޚެއްލާފީ ވިދާޅުވީ ޓީމާ އެކު، އަމިއްލަ ކެރިއަރު ބިނާކުރުމަށްޓަކައި އެމްބާޕޭ، ޕީއެސްޖީގެ ޕްރޮޖެކްޓުގައި ވަރަށް ބޮޑަށް ބައިވެރިވާން ބޭނުންވާ ކަމަށެވެ.
"އަހަރެން އޭނާ އަށް ކިޔައިދިން އަމިއްލަ އަށް ޒިންމާތަކެއް ނަގަން އެދެން ނުޖެހޭނެޔޭ. އަމިއްލަ އަށް ގޮސް ޒިންމާ ނަގަންވީ. ބައެއް ފަހަރު ޖެހޭނެ އަމިއްލަ އަށް ވެސް ނަގަން،" އެމްބާޕޭ ބުންޏެވެ. "އަހަންނަށް އޮތީ 100 ޕަސެންޓް ޔަގީންކަމެއް ނޫން. އަހަންނަށް އެބައޮތް 200 ޕަސެންޓް ޔަގީންކަން އޭނާ މި ކްލަބުގައި މަޑުކުރާނެ ކަމުގެ."
ޕީއެސްޖީން ފައިނޭންޝިއަލް ފެއާ ޕްލޭ ގަވާއިދުތަކާ ހިލާފުވެފައިވާކަމަށް ބުނެ އެ ޓީމާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ޔުއެފާ އިން އަންނަނީ ތަހުގީގުކުރަމުންނެވެ. ޕީއެސްޖީގެ މައްޗަށް ކުރާ ތުހުމަތު ސާބިތުވެއްޖެނަމަ އެ ކްލަބްގެ ހަރަދުތައް އޮންނަ އުސޫލުގެ ތެރެއިން ފެއްތުމަށް އެމްބާޕޭ ނޫނީ ނޭމާ ވިއްކާލަން ޖެހުމުގެ ބިރު އެ ޓީމަށް އެބައޮތެވެ. އެ ފުރުސަތުގެ ފައިދާނަގައި ރެއާލުން އެމްބާޕޭ ގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
18 June 2019
ފައިސާ ، ފައިސާ ބޭނުންނުވާނީ ކާކު!!! އަދި އެއީ ބޮޑު އަދަދެއްނަމަ ކާކު ބަލާނީ ކޮން ކްލަބެއްތޯ.ނުބަލާނެ ދޯ.
ހަގީގަތް
18 June 2019
ވަރަށް މަދު ކުޅުންތެރިޔެއް ފިޔަވައި. އެކުޅުންތެރިންނަކީ ހަގީގަތުގައިވެސް ކްލަބަށް ވަރަށް ވަފާތެރި ފުޓްބޯޅައިގެ ލެޖެންޑުން.