19 ޖޫން 2019 - 12:03
މެޑްރިޑް (ޖޫން 19) – ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ ގަތުމަށް ރެއާލް މެޑްރިޑުން ކުރާ މަސައްކަތުގައި، އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމިރޯ ގުރުބާންކުރަން މެޑްރިޑް އޮތީ ތައްޔާރަށް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަހުލާގީ މައްސަލަތަކާ ހެދި އަދި ނޭމާ ވެސް ބޭނުންވާތީވެ ޕީއެސްޖީން ވަނީ ނޭމާ ވިއްކާލަން ނިންމައިފަ އެވެ. އެކަމަކު އެ ކްލަބުން ކިޔަނީ 220 މިލިއަން ޔޫރޯގެ އަގެކެވެ. މެޑްރިޑުން މިހާރު ވެސް ބޮޑު ހަރަދުތަކެއް ކޮށްފައިވާތީވެ އެއް ކުޅުންތެރިޔަކަށް އެވަރުގެ ހޭދައެއް ކުރަން ފަސްޖެހެ އެވެ.
އެހެންވެ މެޑްރިޑުން ނިންމީ އެ ޑީލުގައި ކަސެމިރޯ ހިމަނައިގެން އަގުކުޑަކުރާށެވެ. ޕީއެސްޖީން ހޯލްޑިން މިޑްފީލްޑަރަކަށް ބަލަމުން އަންނައިރު ކަސެމިރޯ އަކީ އެ ޓީމުން ވެސް ބޭނުންވާ ކުޅުންތެރިޔެކެވެ. ނަޕޯލީގެ އެލަން އަށް ވުރެ ވެސް ޕީއެސްޖީން ޝައުގުވެރިވަނީ ކަސެމިރޯ އަށް ކަމަށްވެ އެވެ. އަނެއްކޮޅުން މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާނުގެ ޕްލޭނުގައި ކަސެމިރޯގެ ރޯލް ކުޑަވެފައިވާތީ އޭނާ ދޫކޮށްލަން އެ ކްލަބުގެ ޑިރެކްޓަރުން ފަސް ނުޖެހެ އެވެ.
ރެއާލް މެޑްރިޑުން ވަނީ އާ ސީޒަނަށް ޗެލްސީގެ ޕްލޭމޭކަރު އެޑެން ހަޒާޑް ގެނެސްފަ އެވެ. އެކަމަކު އެއީ ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބް ދޫކޮށްދިއުމުން މާޔޫސްވެފައި ތިބި މެޑްރިޑުގެ ސަޕޯޓަރުން އެންމެ ހިތްހަމަޖެހޭ ބަދަލެއް ނޫނެނެވެ. ހަޒާޑްގެ ޕްރެޒެންޓޭޝަނުގައި މެޑްރިޑުގެ ސަޕޯޓަރުން ވަނީ ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ގެންނަން ގޮވާލައިފަ އެވެ.
މެޑްރިޑާ ވާދަވެރި ބާސެލޯނާ އަށް ކުރިން ކުޅުނު ނޭމާ ގަންނަން މެޑްރިޑުން ކުރިން ވެސް މަސައްކަތްކުރި އެވެ. އެކަމަކު އޭރު އޭނާ އިހުތިޔާރުކުރީ ބާސެލޯނާ އެވެ. އަދި ލިއޮނަލް މެސީގެ ހިޔަނިން ސަލާމަތްވާން ވެގެން ފަހުން ޕީއެސްޖީ އަށް ދިޔައީ އެވެ. އެކަމަކު އެ ކްލަބުގައި އޭނާ އަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އަނިޔާ އާއި އެހެން މައްސަލަތަކާ ދިމާވީ އެވެ.
އަހުލާގު ދަށް އަމަލުތަކެއް ފެންނަ ކުޅުންތެރިންނަށް ޕީއެސްޖީގައި ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ނޭމާ އަށް އެ ކްލަބްގެ ރައީސް ނާސިރު އެލް ހެއްލާފީ ނުސީދާ އިންޒާރެއް ދާދި ފަހުން ދެއްވި އެވެ. އަދި ޕީއެސްޖީން އަމަލުކުރާ އުސޫލުތަކަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އެ ގޮތްތަކަށް ނުރުހޭ ކުޅުންތެރިންނަށް ކްލަބް ދޫކޮށްލަން "ދޮރުހުޅުވިފައި ހުންނާނެ" ކަމަށް ވެސް ހެއްލާފީ ވަނީ ވިދާޅުވެފަ އެވެ.
އަހުލާގީ މައްސަލަތަކުގެ ސަބަބުން ބްރެޒިލްގެ ކެޕްޓަން ބޭންޑް ނޭމާ އަތުން ނެގުމަށް ފަހު ވަނީ ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް އަށް ދީފަ އެވެ. ގަތަރާ ދެކޮޅަށް ކުޅެނިކޮށް ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ނޭމާ އަށް ވަނީ މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ގެއްލިފަ އެވެ. އަދި ބްރެޒިލް އަންހެނެއް ފްރާންސަށް ގެނެސް މިދިޔަ މަހު އޭނާ ރޭޕްކުރި ކަމުގެ ތުހުމަތު ނޭމާ އަށް ކުރެވިފައިވާއިރު، އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބްރެޒިލްގެ ޕޮލިހަށް ހާޒިރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީދާނޫ
19 June 2019
އެމްބާޕޭ ގެންނައުން މާ ރަގަޅުވާނެ ކަމަށް ފެންނަނީ. އަޚުލާގީ މައްސަލަތަކާ އަނިޔާގެ މައްސަލަ އަށް ބަލާއިރު ނޭމާ އަށް އެކަނި އެހާބޮޑު ހަރަދެއްކުރުން ރަގަޅު އިންވެސްޓްމެންޓަކަށް ވާނެކަމަކަށް ނުބެލެވޭ.
ހަގީގަތް
19 June 2019
މިސީޒަނުގައި ދެން ގެންނަންހުރި މީހުން ނިމުނީ. ވަކި ވަރަކަށްދޯ ޚަރަދުކުރެވޭނީ. އެމްބާޕޭގެ އަގަކީ 300 މިލިޔަން ޔޫރޯ.
ކޮމެންޓޭ1
19 June 2019
ނޭމާ ބެކް ޓު ބާސާ
އިންޓެލިޖެންސް
19 June 2019
ބޮޑުއަގުގައި ގެންނަ ވަރުގެ ކުޅުންތެރިއެއްނޫން ނޭމާއަކީ، ކުޅުން މޮޅަސް ލެޖެންޑުންނަކީ ކުޅިވަރުގެ އަހުލާގު ހުންނަންޖެހޭ ބައެއް
ހަގީގަތް
19 June 2019
އެމްބާޕޭ ގެނައިއްޔާ މާ ރަނގަޅުވާނެ. ސުއަރޭޒް، ކުޓީނިޔޯ އަދި ރަކިޓިޗް ވިއްކާލާފައި އޭނަ ގެންނަންވީ.
ދޮން ބުޅާ
20 June 2019
މެސީ ވިއްކާލާފަ އެމްބާޕޭ ގެންނަން ވީ