އިނގިރޭސި ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ.-- ފޮޓޯ: އޭއެފްޕީ
08 ސެޕްޓެމްބަރ 2016 - 12:00
ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 8) - ޔޫއެސް އޯޕަންގެ ކުއާޓާ ފައިނަލުން ޖަޕާންގެ ކެއި ނިޝިކޯރީ އަތުން ބަލިވީ ރެފްރީގެ ގޯސް ނިންމުތަކެއްގެ ސަބަބުން ކަމަށް އިނގިރޭސި އެއް ވަނަ ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ ބުނެފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 1-6 6-4 4-6 6-1 7-5 އިންނެވެ. ނިޝިކޯރީ ބުނީ ފެށުން ދިޔައީ ދަށްކޮށް ކަމަށާއި ފަހަތުން އަރައި މޮޅުވެވުނީ ވަރަށް ހިތްވަރު ކޮށްގެން ކަމަށެވެ.
މެޗު ފަށައިގެން މަރޭ އަތުގައި ކޮންޓްރޯލް އޮތް ނަމަވެސް އޭނާގެ ލީޑު ދިޔައީ ތިން ވަނަ ސެޓާ ހަމައިންނެވެ. ތިން ވަނަ ސެޓުގައި ވިއްސާރަ ވުމުގެ ސަބަބުން މެޗު މެދުކަނޑާލިއިރު ވެސް މަރޭ އައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު ހަތަރު ވަނަ ސެޓުގެ މެދުތެރެއިން ދަނޑުގެ ސައުންޑް ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން އަމްޕަޔަރު މެޗުގެ ކުޅުން ހުއްޓާލުމުން މަރޭ އަށް ލިބެން އޮތް ޕޮއިންޓެއް ގެއްލުނެވެ.
އެކަމާ ގުޅިގެން މަރޭ ވަނީ އަމްޕަޔަރާއި މުބާރާތުގެ ރެފްރީ ގާތު އެ ވަގުތު ޝަކުވާ ކޮށްފަ އެވެ. އެ ހިސާބުން ފެށިގެން ރުޅިގަދަވެ، މަރޭ މެޗަށް ދޭން ޖެހޭ ސަމާލުކަން ގެއްލުނެވެ.
"އަހަންނަށް ލިބެން ޖެހޭ ޕޮއިންޓެއް ހުއްޓުވީ އަމްޕަޔަރު. އެއީ އަހަރެން ހިތްހަމަ ނުޖެހުނު ސަބަބަކީ. އެކަމުގެ ސަބަބުން އަހަރެންގެ ކުޅުމަށް އަސަރުކުރި،" މެޗަށް ފަހު މަރޭ ބުންޏެވެ.
މިއީ މި އަހަރުގެ ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީ އަށް ނުގޮސް ދުނިޔޭގެ ދެ ވަނައިގައި މި ވަގުތު އޮތް މަރޭ ކެޓި ފުރަތަމަ ފަހަރެވެ. މި އަހަރަކީ މަރޭގެ ޓެނިސް ކެރިއަރުގައި އޭނާ އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަހަރެވެ.
މި އަހަރުގެ މިހާތަނަށް ކުޅުނު ހުރިހާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި މަރޭ ވާދަކުރިއިރު، ވިމްބަލްޑަން ތަށި ކާމިޔާބުކުރި އެވެ. އެ އަށް ފަހު މިދިޔަ މަހު އޮތް އޮލިމްޕިކްސްގެ ރަން މެޑަލް ވެސް ދިފާއުކުރި އެވެ. ބަލިނުވެ 22 މެޗު ހަމަކުރިިއިރު، މަރޭ ބަލިވީ މިދިޔަ މަހު އޮތް ސިންސިނާޓީ މާސްޓާސް ފައިނަލުގައި މަރިން ސިލިޗް އަތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭ
09 September 2016
ކަލޯ މުރޭ