ރޯހިތަށް ތާރީހީ ރެކޯޑެއް، އިންޑިއާ އަށް އެއް ވަނަ

ލީޑްސް، އިންގްލެންޑް (ޖުލައި 7) - ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުގައި އިންޑިއާ އިން ހަތް ވިކެޓުން ސްރީ ލަންކާ ބަލިކޮށް އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ވޯލްޑް ކަޕެއްގެ ފަސް މެޗުގައި ސައްތަ ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފްވެރި ރެކޯޑް އިންޑިއާގެ ތަރި ރޯހިތު ޝަރްމާ ހޯދައިފި އެވެ.


ސްރީ ލަންކާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ރޯހިތު ވަނީ 103 ލަނޑު ހަމަކޮށްފަ އެވެ. މިއީ އޭނާ 100 ލަނޑު ޖެހިޖެހިގެން ހަމަކުރި ތިން ވަނަ މެޗެވެ. އަދި ޖުމްލަ އެކު މުބާރާތުގެ ފަސް މެޗެއްގައި އެކަން ހާސިލްކުރުމުން އޭނާ އަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. މީގެ ކުރިން ވޯލްޑް ކަޕެއްގައި އެންމެ ގިނަ މެޗުން 100 ލަނޑު ހަމަކުރުމުގެ ރެކޯޑް އޮތީ ސްރީ ލަންކާގެ ކުމާރް ސަންގަކާރާ އަތުގަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ މުބާރާތުގައި ހަތަރު މެޗުގައި 100 ލަނޑު ހަމަކޮށްފަ އެވެ.

އިންޑިއާ އަށް އެއް ވަނަ ޔަގީންވީ އިއްޔެ އެ ޓީމު ކުޅުނު މެޗުން މޮޅުވިއިރު، ސައުތު އެފްރިކާ އިން އޮސްޓްރޭލިއާ ބަލިކުރުމުންނެވެ. އަންގާރަ ދުވަހު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި އިންޑިއާ ނުކުންނާނީ ނިއު ޒީލެންޑާ ދެކޮޅަށެވެ. އަދި ބުރާސްފަތި ދުވަހު ދެ ވަނަ ސެމީގައި މުބާރާތް ކުޅޭ އިންގްލެންޑް ކުޅޭނީ އޮސްޓްރޭލިއާއާ އެވެ.

އިއްޔެގެ މެޗުގައި ފުރަތަމަ ކުޅެން އަރައި ސްރީ ލަންކާ 50 އޯވަރު ތެރޭގައި 7 ވިކެޓަށް ހެދުނީ 264 ލަނޑެވެ. ޖަވާބުގައި އިންޑިއާ އިން ކުޅެން އަރައި 44 ވަނަ އޯވަރުގެ ތެރޭގައި 265 ލަނޑު ހަމަކޮށް މެޗު ކާމިޔާބުކުރި އެވެ. އެ ޓީމަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 111 ލަނޑު ހެދި ކޭއެލް ރާހުލް އެވެ.

ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ އޮސްޓްރޭލިއާ އިއްޔެ ދެކުނު އެފްރިކާ އަތުން ބަލިވީ 10 ލަނޑުންނެވެ. މި މެޗުގައި ފުރަތަމަ ކުޅެން އަރައި ދެކުނު އެފްރިކާ އިން 50 އޯވަރުގެ ތެރޭގައި 325 ލަނޑު ހަމަކުރި އެވެ. ޖަވާބުގައި އޮސްޓްރޭލިއާ ކުޅެން އަރައި 50 އޯވަރު ހަމަވާން ކައިރިވެފައި ވަނިކޮށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 315 ލަނޑަށެވެ.

ލީގު ބުރުގެ ރެކޯޑަށް ބަލާއިރު މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ތަށި އުފުލާލާފައިވާ އިންޑިއާ އެވެ. ދިހަ ޓީމު ކުޅުނު ފުރަތަމަ ބުރުގައި އިންޑިއާ ބަލިވީ އެންމެ މެޗަކުންނެވެ.