އާޖެންޓީނާ އެފްއޭގެ ރައީސް ޓަޕިއާ: އޭނާ ވަނީ ފީފާ ކައުންސިލުން ވަކިކޮށްފައި.-- ފޮޓޯ: އޭއެފްޕީ
24 ޖުލައި 2019 - 10:32
އަސުންސިއޮން، ޕެރަގުއޭ (ޖުލައި 24) - ކޮޕަ އެމެރިކާގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުން ބަލިވި މެޗަށް ފަހު އެ މެޗުގެ ރެފްރީ ރޮޑީ ޒަމްބޮރާނޯ އަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ފާޑުކިޔައި، އެ މައްސަލައިގައި އަމަލުކުރި ގޮތުން ފީފާ ކައުންސިލުން އޭނާ ވަކިކުރަން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނިންމައިފި އެވެ.
ބްރެޒިލް އަތުން ސެމީގައި 2-0 އިން ބަލިވި މެޗަށް ފަހު ޓަޕިއާ، ކޮންމެބޯލަށް ފޮނުއްވި ހަ ސަފުހާގެ ސިޓީގައި ވަނީ ބްރެޒިލްގައި ކުރިއަށްދާ މުބާރާތްތަކާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ސެމީ ފައިނަލް މެޗުގައި ހިނގާދިޔަ ކަންތައްތަކާ މެޗުގެ ރެފްރީ ޒަމްބޮރާނޯގެ މައްސަލަ އެވެ. އެ ގޮތުން މެޗުގެ ނަތީޖާ ބަދަލުވެދާނެފަދަ ދެ ދަނޑިވަޅެއްގައި ރެފްރީ ޒަމްބޮރާނޯ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ އެހީ ނުހޯދަން ނިންމައިފަ އެވެ. އެއިން އެނގޭ އެންމެ ބޮޑު ކަމަކީ އޭނާ ބޭނުންވަނީ އާޖެންޓީނާ ބަލިވުމަށް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް ޓަޕިއާގެ ސިޓީގައި ވަނީ މުބާރާތް ކުރިއަށްދިޔަ ބްރެޒިލާ މެދު ވެސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ގޮތުން މެޗުތަކަށް ދަނޑަށް ޓީމުތަކުން ގެންނަ އެއްޗެހީގެ ކަންތައްތައް އިންތިޒާމުކޮށްދިނުމުގައި ލަސްކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ބްރެޒިލް ކުޅޭ މެޗުތަކުގައި ހުރިހާ އިންތިޒާމެއް ރަނގަޅުކޮށްފައިވަނީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައިކަން އެނގޭ ކަމަށް ބުނެފައިވެ އެވެ. އަދި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ސެމީ ފައިނަލް މެޗު ބައްލަވަން ވަޑައިގެންނެވުމުން އެނގެނީ ސިޔާސީ މަންފާއެއް ވެސް މީގެތެރެއިން ހޯދަން މަސައްކަތްކުރިކަން ކަމަށް އެ ސިޓީގައިވެ އެވެ.
އާޖެންޓީނާގެ ހަފްލާއެއްގެ ތެރެއިން ޓަޕިއާ (ކ) އާއި މެސީ.-- ފޮޓޯ: އޭއެފްޕީ
ކޮންމެބޯލް އިން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ފެޑެރޭޝަނުގެ ފަރާތުން ފީފާ ކައުންސިލްގައި ޓަޕިއާ ފުރުއްވަމުން އައި މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބު އޮންނާނެ ކަމަށެވެ.
"ޓަޕިއާ ފުރުއްވަމުން އައި ފަދަ މަގާމެއްގައި ހުރެ އެ ފަދަ ވާހަކަތަކެއް ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެހެންވުމުން ކޮންމެބޯލް އިން ނިންމީ ފީފާ ކައުންސިލުން ޓަޕިއާ ވަކިކުރަން. އަދި ވަރަށް އަވަހަށް އިންތިހާބެއް ބާއްވައި ފީފާ ކަންސިލްގައި ކޮންމެބޯލް ތަމްސީލްކުރާނެ އާ މީހަކު ގެންނަން ވަނީ ނިންމާފައި،" ބަޔާނުގައިވެ އެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަނީ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާ އިން ކޮޕަ އެމެރިކާ ބާއްވާ ބްރެޒިލަށް މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ބޭނުންވާ ކަމަށް ބުނެ ކޮންމެބޯލަށް ފާޑުކިޔައިފަ އެވެ. މެސީ މި ވާހަކަތައް ދެއްކީ ތިން ވަނަ ހޮވަން ކުޅުނު ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ރަތް ކާޑު ދެއްކުމުންނެވެ.
ޗިލީ މެޗުގައި ދެއްކި ރަތް ކާޑާއި ގުޅިގެން ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗަށް މެސީ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ރެފްރީއާ ބެހޭގޮތުންނާއި ބައެއް އިންތިޒާމުތަކާ ބެހޭގޮތުން ދެއްކި ވާހަަކަތަކުގެ ސަބަބުން މެސީ ވަނީ 1،500 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކޮންމެބޯލަށް ފާޑުކިޔާފައިވާތީ މެސީގެ އެ މައްސަލަ ވަކިން ބަލަމުން އަންނައިރު، އެ ކަމަށް ދޭ އަދަބު ބޮޑުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގަތްް
24 July 2019
1500 މަދު. އެއީ ރަދީފަށްވެސް ބޮޑު އަދަދަކަށް ނުވާނެ.
ރަދީފްް
25 July 2019
މަށަށް ބޮޑު އަދަދާ ކުޑަ އަދަދު ކިޔައިދޭން ކަލޭގެ ލަދު ކޮބާ؟
މީނަ
25 July 2019
ނުހައްގުން ދެއްކި ރަތްކާޑަކަށް 1500 ޑޮލަރު މަދޭ ކަލޭ ތިޔަ ބުނަނީ. އެ ރަތްކާޑުވާނީ އަންނަންއޮތް ޖީލްތަކަށްވެސް ބޮޑު ޖޯކަކަށް.