ޔުވެންޓަސްގެ ކޯޗު ސާރީ އަށް ނިއުމޯނިއާ ޖެހިއްޖެ

ޓިއުރިން (އޮގަސްޓް 20) – ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ އަށް ނިއުމޯނިއާ ޖެހިއްޖެ އެވެ.


ސާރީ ހުން އައިސްގެން އުޅޭތީ ހަފުތާ ބަންދުގައި ޓްރިއެސްޓިނާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު އެކުވެރިކަމުގެ މެޗުގައި ކޯޗުކޮށްނުދެ އެވެ. ފަހުން ހެދި ޓެސްޓްތަކުން އެނގުނީ އޭނާ އަށް ޖެހިފައިވަނީ، ފުއްޕާމޭގައި ޖަރާސީމު، ވައިރަސް ނުވަތަ ފަންގަސް އަށަގަނެގެން އާއްމުކޮށް ޖެހޭ ބައްޔެއް ކަމަށްވާ ނިއުމޯނިއާ ކަމަށެވެ.

ޔުވެންޓަސް އިން ބުނީ ސާރީގެ ސިއްހީ ހާލަތު އާއްމުކުރީ އޭނާގެ އެދުމުގެ މަތިން ކަމަށާއި، ފަރުވާގެ ކަންކަން ކުރިއަށްދާ ކަމަށެވެ. ސީޒަނުގެ ފުރަތަމަ މެޗުގައި އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހު ޕާމާއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗަށް ސާރީ ފިޓްވާނެ ކަމަށް އަދި ނޭގެ އެވެ.

އުމުރުން 60 އަހަރުގެ ސާރީ އަކީ ވަރަށް ގަދަޔަށް ސިނގިރެޓް ބޯ މީހެކެވެ. އޭނާ އިޓަލީގެ ނަޕޯލީ އަށް ކޯޗުކޮށްދިން ދުވަސްވަރު މެޗުގެ ތެރޭގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. ދުވާލަކު 60 ސިނގިރެޓް ބޮމުން އައި ސާރީ މިހާރު އެކަން ހުއްޓާލަން އުޅޭ ކަމަށްވެ އެވެ.

ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ އެންމެ ފުރަތަމަ އެ މަސައްކަތްކުރީ ބޭންކެއްގައި ވަޒީފާއަދާކުރަމުން ހުސް ގަޑީގަ އެވެ. އޭނާ ފުލްޓައިމްކޮށް ކޯޗިން އަށް ވަނީ 1999 ވަނަ އަހަރެވެ. އޭނާ ފާހަގަވާން ފެށީ 2012 އިން 2015 އަށް އެމްޕޮލީ އަށް ކޯޗުކޮށްދިން ދުވަސްވަރެވެ. އިޓަލީ ދޫކޮށް މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެލްސީއާ ގުޅި އެ ޓީމަށް ޔުރޮޕާ ލީގު ކާމިޔާބުކުރި އެވެ. އެކަމަކު މެނޭޖްމަންޓާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އެ ކްލަބުން ވަކިވެ ޔުވެންޓަސްއާ ގުޅުނީ އެވެ.