ކުޓީނިއޯއާ އެކު ބަޔާން މިއުނިކުގެ ސަޕޯޓަރަކު ފޮޓޯއެއް ނަގަނީ. --ފޮޓޯ: އޭއެފްޕީ
21 އޯގަސްޓް 2019 - 10:44
މިއުނިކް (އޮގަސްޓް 21) – ބާސެލޯނާގައި އުއްމީދު ކުރި ގޮތަށް ގިނަ ކަންކަން ނުދިޔަ ކަމަށާއި ބަޔާން މިއުނިކުގައި ދިގު މުއްދަތެއް ހޭދަކޮށް ތަށިތައް ކާމިޔާބުކުރަން ބޭނުންވާ ކަމަށް ބްރެޒިލް ޕްލޭމޭކާރު ފިލިއްޕެ ކުޓީނިއޯ ބުނެފި އެވެ.
ބާސެލޯނާ އަށް ކުޅެމުން އައި ކުޓީނިއޯ ބަޔާނާ ގުޅުނީ އެއް އަހަރުގެ ލޯނެއްގެ ދަށުންނެވެ. ލިވަޕޫލުގައި މޮޅު ކުޅުމެއް ދެއްކި ކުޓީނިއޯ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާ އިން ގަތީ 120 މިލިއަން ޔޫރޯ އަށެވެ. އެކަމަކު އެ ޓީމުން އޭނާ އަށް ޖާގަ ކަށަވަރެއް ނުކުރެވުނެވެ.
"އަހަރެން ތަސައްވަރުކުރި ގޮތަށް ވަރަށް ގިނަ ކަންކަން ބާސެލޯނާގައި ނުދިޔަ. އެކަމަކު މިހާރު އެއީ މާޒީ. މިހާރު އުއްމީދުކުރަނީ ބަޔާން މިއުނިގައި ދިގު މުއްދަތެއްގައި މަޑުކޮށް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދަން. ބަޔާން މިއުނިކުގެ ޖާޒީ އާއި 10 ނަމްބަރަކީ ވަރަށް ބޮޑު ޒިންމާއެއް،" ކުޓީނިއޯ ބުންޏެވެ.
ކުޓީނިއޯ އަށް ލިބުނު 10 ނަމްބަރު ޖާޒީ އަކީ ނެދަލެންޑްސް ވިންގާ އާޔެން ރޮބެން ބޭނުންކުރި ނަމްބަރެވެ. ރޮބެން އަކީ ވެސް ކުޓީނިއޯ ފަދައިން ސްޕެއިނާއި އިންގްލެންޑުގައި ކުޅެފައި ބަޔާނަށް އައިސް ބޮޑެތި ކާމިޔާބީތަކެއް ހޯދި ކުޅުންތެރިޔެކެވެ.
"ރޮބެން އަކީ ފުޓްބޯޅައިގައި މުހިއްމު ނަމެއް. އަހަރެން ހީކުރަން، ދަނޑުމަތީގައި ރަނގަޅަށް ކުޅެ ސަޕޯޓަރުންގެ އުއްމީދުތަކާ އެއްވަރަށް ކުޅެވޭނެ ކަމަށް،" ކުޓީނިއޯ ބުންޏެވެ.
ބްރެޒިލްގެ ވަސްކޮ ޑަ ގާމާ އިން ވިދާލި އުމުރުން 27 އަހަރުގެ ކުޓީނިއޯ ޔޫރަޕުގެ ކެރިއަރު ފެށީ އިންޓަ މިލާނުންނެވެ. އެކަމަކު އޭނާ ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ބަދަލުވީ ލިވަޕޫލުގަ އެވެ. އޭނާ އެ ޓީމު ދޫކޮށްލުމަކީ ގޯހެއް ކަމަށް ވެސް ބެލެވުނެވެ. އަދި މި ފަހަރު އެނބުރި އެ ކްލަބަށް ބަދަލުވަން ވެސް މަސައްކަތްކުރި އެވެ.
ބަޔާނުގެ ޗީފް އެގްޒެކެޓިވް ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވީ ކުޓީނިއޯ ގެންނަން އެ ކްލަބުން މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އޭނާ ދޫކޮށްލަދީނީތީ ބާސެލޯނާ އަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ކުޓީނިއޯ އޭނާގެ އުފެއްދުންތެރިކަމާއި ޓެކްނީކްސް ބޭނުންކޮށްގެން ބަޔާނުގެ އެޓޭކް ވަރުގަދަކޮށްދޭނެ ކަމަށް ރުމެނިގާ ގަބޫލުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy