ނަޕޯލީ މެޗުގައި ސާރީ ބެންޗުން ފެނިދާނެ

ޓިއުރިން (އޮގަސްޓް 29) – ނިއުމޯނިއާ ޖެހި މިވަގުތު އެނދުމަތިކޮށްފައިވާ ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ އަށް، އެ ޓީމުން އޭނާގެ ކުރީގެ ކްލަބް ނަޕޯލީއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗަށް ބެންޗަށް ދެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އާ ސީޒަނުގެ އިޓާލިއަން ލީގުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ޕާމާ އަތުން ހަނިގޮތަކަށް 1-0 އިން ސަލާމަތްވި މެޗަށް ސާރީ އަށް ނުދެވުނެވެ. އެކަމަކު ހޮސްޕިޓަލުގައި އޮވެ ޓީވީން މެޗު ބަލައި އޭނާ ދިޔައީ އެސިސްޓަންޓް ކޯޗަކަށް އިރުޝާދު ދެމުންނެވެ. އަދި މެޗުގެ ކުރިންނާއި ހާފް ޓައިމްގައި އޭނާ ކުޅުންތެރިންނާ ވާހަކަދެއްކި އެވެ.

އެކަމަކު މިހާރު އޭނާ ގެޔަށް ދޫކޮށްލާފައިވާ ކަމަށްވެ އެވެ. އަދި ބައެއް ޕްރެކްޓިސް ސެޝަންތަކަށް ވެސް ނުކުންނަ ކަމަށްވެ އެވެ. އެކަމަކު ފުއްޕާމޭގައި ޖަރާސީމު، ވައިރަސް ނުވަތަ ފަންގަސް އަށަގަނެގެން އާއްމުކޮށް ޖެހޭ ބައްޔެއް ކަމަށްވާ ނިއުމޯނިއާ އަށް ފަރުވާ ހޯދަމުން ވެސް އޭނާ ސިނގިރޭޓް ބޯތީ ކްލަބުގެ ވެރިން ހިތްހަމަނުޖެހިފައި ތިބި ކަމަށްވެ އެވެ. މި ހަފުތާގެ ކުރީކޮޅު އޭނާގެ ގޭ ކައިރިން ސަޕޯޓަރުންނާ އެކު ފޮޓޯ ނެގިއިރު އަތުގައި ސިނގިރެޓް ފޮށްޓެއް އޮތެވެ.

އޭނާ އެއްކޮށް ފިޓްނުވިޔަސް ނަޕޯލީ މެޗަށް ދާނެ ކަމަށް ބެލެވެ އެވެ. ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗު ހުރިހާ ގޮތަކުން ވެސް ހާއްސަ އެވެ. އެއީ މި ސީޒަނުގައި ވެސް އަދި ސާރީގެ ކޯޗުކަމުގައި ޔުވެންޓަސް އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ. އަދި ސާރީ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗު ވެސް މެ އެވެ. އަނެއްކޮޅުން ލީގު ޗެމްޕިއަންކަމުގެ ވާދަ ބޮޑުވެފައިވާތީ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެން ޔުވެންޓަސް އަށް ވަރަށް މުހިއްމެވެ.

ނަޕޯލީގައި ވިދާލި ސާރީ އަށް އެ ކްލަބަށް ކާމިޔާބެއް ހޯދައިނުދެވެ އެވެ. އޭގެ ފަހުން ގުޅުނު ޗެލްސީ އަށް މިދިޔަ ސީޒަނުގައި ޔުރޮޕާ ލީގު ކާމިޔާބުކޮށްދިނެވެ. އެކަމަކު ނަޕޯލީ ސަޕޯޓަރުންގެ ލޯބި އޭނާ އަށް ލިބިފައިވެ އެވެ. އެހެންވެ ވާދަވެރި ޔުވެންޓަސް އަށް އޭނާ ދިއުމަކީ އެ ކްލަބުގެ ސަޕޯޓަރުންނަށް ބަލައިގަންނަން އުދަނގޫވި ކަމެކެވެ.