ކޯޗިން އަށް އެނބުރި އަންނަން ވެންގާ ބޭނުންވެއްޖެ

ލަންޑަން (ސެޕްޓެމްބަރު 3) - މީގެ އަހަރެއްހާ ދުވަސްކުރިން އާސެނަލްގެ ކޯޗުކަން ދޫކޮށްލި ތަޖުރިބާކާރު ކޯޗު އާސެން ވެންގާ އަލުން ކޯޗިންގެ ތެރެއަށް އަންނަން ބޭނުންވާ ކަމަށް ބުނެފި އެވެ.


ބާވީސް އަހަރަށް ފަހު މިދިޔަ އަހަރު މެއި މަހު އާސެނަލް ދޫކޮށްލި ވެންގާ މި ވަގުތު އަދާކުރަމުން އަންނަނީ މަޝްހޫރު ކުޅިވަރު މީޑިއާ ބީން ސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓެއްގެ އިތުރުން ފުޓްބޯޅަ ކޮންސަލްޓަންޓެއްގެ ވަޒީފާ އެވެ. އޭނާ މީގެ ކުރިން ވަނީ މިދިޔަ ޖެނުއަރީ މަހު ޓީމަކާ ހަވާލުވާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެކަމަކު މިހާތަނަށް އޭނާ އަދި ރަސްމީކޮށް އެއްވެސް ޓީމަަކާ ހަވާލެއްނުވެ އެވެ. ވެންގާ ދާދި ފަހުން ވަނީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމާ ހަވާލުވާން މަޝްވަރާކޮށްފަ އެވެ.

ވެންގާ ވަނީ އާސެނަލް ކޯޗުކަމުގައި އޭނާ އަށް ދިރިއުޅުމުގެ ގިނަ ފިލާވަޅުތަކެއް ދަސްވި ކަމަށް ބުނެފަ އެވެ. އަދި އަންނަ މަހު އުމުރުން 70 އަހަރު ފުރުނަސް އަމާޒުހުރީ ޓީމަކާ ހަވާލުވާން ކަމަށެވެ. އަދި ވަޒީފާއެއް ނެތި ހުރިއިރު ވަރަށް ރަނގަޅު ހުށަހެޅުންތަކެއް ލިބުނުކަމަށް ވެސް ވެންގާ ބުންޏެވެ.

"އަލުން ބެންޗެއްގައި ހުރެ ފުޓްބޯޅައިގެ އެ ޕްރެޝަރުތަކާ އެ އުފާވެރި އިހުސާސްތައް އަލުން ތަޖުރިބާނުކުރެވޭނެއޭ ހިތައް އަރުވަން އަހަރެން ބޭނުމެއް ނޫން. ޓީމެއްގެ މަތީ މަގާމެއް އަދި ބޭނުމެއް ނޫން. އަދިވެސް ބޭނުމީ ޓީމެއްގެ ބެންޗުގައި ތަފާތު ތަޖުރިބާއެއް ކުރަން. އެކަމަކަށް މިހާރު ތައްޔާރު ވަނީ،" ވެންގާ ބުންޏެވެ.

ފްރާންސްގެ ނޭންސީގެ ކޯޗުކަމުން 1984 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ވެންގާ 1996 ވަނަ އަހަރު އާސެނަލާ ހަވާލުވީ ފްރާންސްގެ މޮނާކޯ އާއި ޖަޕާނުގެ ނަގޯޔާ ގްރެމްޕަސް އަށް ކޯޗުކޮށްދިނުމަށް ފަހު އެވެ. އާސެނަލަށް ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބުކޮށްދިން ވެންގާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ކްލަބަށް އާސެނަލް ހެދުމުގެ ޝުކުރު ހައްގުވާ ފަރާތެވެ. އެގޮތުން 1996 ވަނަ އަހަރު އޭނާ އެ ޓީމާ ހަވާލުވިއިރު ހައިބަރީ ކިޔާ ނިސްބަތުން އާދައިގެ ސްޓޭޑިއަމަކާއި މަދު މުވައްޒަފުންތަކެއް ތިބި ނަމަވެސް ފަހުން އެ ކްލަބުން ވަނީ ބޮޑު ސްޓޭޑިއަމެއް ބިނާކޮށް ފައިދާ ނެރެން ފަށައިފަ އެވެ.

ވެންގާ ބުނީ އޭނާ ޝައުގުވެރިވި އެތައް ހުށަހެޅުންތަކަކަށް ކެރިއަަރުގައި މިހާތަނަށް ނޫނެކޭ ބުނެވިފައިވާ ކަމަށާއި އެއީ އެކި ސަބަބުތަކާ ހުރެ ކަމަށެވެ. އެކަމަކު ދެން އެ ފަދަ ފުރުސަތެއް ލިބިއްޖެނަމަ ފުރިހަމަ އަށް ބޭނުންހިފާނެ ކަމަށް ވެންގާ ބުންޏެވެ.