05 ސެޕްޓެމްބަރ 2019 - 12:03
މެޑްރިޑް (ސެޕްޓެމްބަރު 5) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާ ގަންނަން ބޭނުންވި ބައެއް ކުޅުންތެރިން ނުލިބުމުން ހިތްހަމަނުޖެހިފައި ހުރިކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެ ޓީމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި 300 މިލިއަން ޔޫރޯ އަށް ވުރެ ގިނައިން އާ ކުޅުންތެރިން ގަންނަން ހަރަދުކޮށްފަ އެވެ. އެކަމަކު ޒިދާން ބޭނުންވި އެއް މަގާމެއް ކަމަށްވާ އެޓޭކިން މިޑްފީލްޑަރުގެ މަގާމަށް ކުޅުންތެރިޔަކު ލިބޭގޮތެއްނުވި އެވެ. އެމަގާމަށް ރެއާލުން ހޯދަން މަސައްކަތްކުރީ ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން، މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ، އަޔަކްސްގެ ވެން ޑަ ބީކް އަދި ސްޕޯޓިން ލިޒްބަންގެ ބްރޫނޯ ފެނާންޑޭޒްގެ ތެރެއިން ކުޅުންތެރިޔެކެވެ.
އަނިޔާއާ އެކި މައްސަލަތަކުގެ ސަބަބުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ގެނައި ހުރިހާ ކުޅުންތެރިން އަދި ބޭނުންކުރެވޭގޮތެއްނުވެ އެވެ. ޒިދާން އެންމެ ބޭނުންވި އެއް ކުޅުންތެރިއަކީ ޕޮގްބާ އެވެ. އޭނާ ނުލިބުމުން ރެއާލުގެ ބޯޑާ ޒިދާނާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދުނު ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޒިދާން ބުނީ ރެއާލުގައި އޮތް ސްކޮޑާ މެދު ހިތްހަމަޖެހޭ ކަމަށާއި އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެމެދު އޮތް ގުޅުން ވެސް ވަރަށް ރަނގަޅު ކަމަށެވެ.
"ފްލޮރެންޓީނޯއާ އަހަންނާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް. އޭނާ އަބަދުވެސް އަހަންނަށް ވަރަށް ރަނގަޅު. ފްލޮރެންޓީނޯ އަކީ އަހަރެން މި ކްލަބަށް ގެނެސްދިން ރައީސް. އަހަރެން އެއްވެސް އިރެއްގައި ހަނދާން ނައްތައެއް ނުލާނެ ކަމެއް އެއީ،" ޒިދާން ބުންޏެވެ.
ޒިދާން ވަނީ މީޑިއާގައި ރެއާލާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"ކަންތައްތައް އޮޅުންފިލުވުމަކީ އެންމެ މޮޅު ގޮތް. ފްލޮރެންޓީނޯއާ އަހަންނާ ދެމެދު އޮތް ގުޅުން ރަނގަޅުކަމަށް އަހަރެން ބުނާއިރު މީގެ ތިން ވަނަ މީހެއް ދެކޭގޮތް އެއީ މުހިއްމު ކަމެއް ނޫން. ހަގީގަތާ ހިލާފަށް އަހަރެން ނުބުނާނަން. އެންމެ މުހިއްމު ކަމަކީ އަހަންނަށް މި އޮތީ ވަރަށް ރަނގަޅު ޓީމެއް ލިބިފައި. މި ޓީމާ އެކު ކާމިޔާބު ހޯދުމަކީ އަހަރެންގެ ބޮލުގައި އެޅިފައި އޮތް ޒިންމާ،" މިދިޔަ މާޗް މަހު އަލުން ރެއާލުގެ ކޯޗުކަމާ ހަވާލުވި ޒިދާން ބުންޏެވެ.
ސްޕެނިޝް ލީގުގެ އާ ސީޒަނުގައި މިހާތަނަށް ރެއާލް ކުޅުނު ތިން މެޗުގައި ވެސް އެ ޓީމު ބޭނުންކޮށްފައިވަނީ ތަފާތު ތިން ސިސްޓަމެކެވެ. ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާއިރު، ޒިދާން ބުނީ މީގެ އެކި ހާލަތަށް ޓީމު ތައްޔާރުކުރަން އޭނާ ބޭނުންވާ ކަމަށެވެ. އަދި އެއްވެސް ކުޅުންތެރިޔަކަށް ފުރުސަތު ނުދީ ބަހައްޓަން އޭނާ ބޭނުންނުވާ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy