ރެއާލަށް ދެރަބަހެއް ނުބުނާނަން: ބޭލް

ކާޑިފް، ވޭލްސް (ސެޕްޓެމްބަރު 6) - އޭނާއާ މެދު ރެއާލް މެޑްރިޑުން ކަންކުރިގޮތް އެންމެ ރަނގަޅު ނޫން ކަމުގައި ވިޔަސް އެ ޓީމަށް ދެރަ ބަހެއް ނުބުނާނެ ކަމަށް ވޭލްސްގެ ތަރި ގަރެތު ބޭލް ބުނެފި އެވެ.


މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މުސާރައިގެ ގޮތުގައި ހަފުތާ އަކު އެއް މިލިއަން ޕައުންޑް (1.1 މިލިއަން ޑޮލަރު) ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް ފަހު ވަގުތު ރެއާލުން ވަނީ އެ ޑީލް ހުއްޓުވައިފަ އެވެ. އޭގެ ކުރިން ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނަމުންދިޔައީ ބޭލް އަށް އެ ޓީމުގައި އެއްވެސް ކުރިމަގެއް ނެތް ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ބޭލް އެ ޓީމު ދޫކޮށްލުން ކަމަށެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކޮށް ރެއާލުން ވަނީ ބޭލް މަޑުކުރުވައިފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބޭލް ވަނީ މުހިއްމު ދެ ގޯލު ޖަހައިފަ އެވެ.

އުމުރުން 30 އަހަރުގެ ބޭލް ބުނީ މީޑިއާގައި ދެކެވޭ ހުރިހާ ވާހަކައަކާ މެދު އޭނާ ނުވިސްނާ ކަމަށެވެ.

"އަހަރެން އެހާ ގިނައިން އެ ވާހަކަތަކަށް (މީޑިއާ ރިޕޯޓްތަކަށް) އަޑެއް ނާހަން. އެއީ ހަގީގަތުގައި ހިނގާ ކަންތައްތައް އެ މީހުންނަށް ނޭނގޭ. އެ މީހުން ބޭނުމެއް ނުވޭ އެނގޭކަށް ވެސް. ޕްރީ ސީޒަނަށް އެނބުރި އައިސް އަހަރެން އެންމެ އިސްކަމެއް ދިނީ ފިޓްވެ ކުރިން ހުރި ލެވެލަށް އެނބުރިދާން. ހިނގާދިޔަ ހުރިހާ ކަމަކުން އަހަންނަށް ލިބުނީ އާދަޔާހިލާފު ހިތްވަރެއް،" ބޭލް ބުންޏެވެ.

ރެއާލުގެ ކޯޗު ޒިދާނާއި ބޭލްގެ ގުޅުން އެންމެ ރަނގަޅު ނޫން ކަމަށް ބުނެ، ސްޕެއިނުގެ މީޑިއާގައި ގިނަ ވާހަކަތަކެއް އަބަދުވެސް ދެކެވެ އެވެ. އަދި ބޭލް އެ ޓީމުގައި މަޑުކުރުވަން ޒިދާން ބޭނުންނުވާ ކަމަށް ތުހުމަތުކޮށް އެ ސުވާލުތައް ވެސް ނޫސްވެރިން އޭނާއާ ކުރިމަތިކުރެ އެވެ. ބޭލް ބުނީ ހަގީގަތް ހާމަކުރަންޖެހޭނީ ކްލަބުން ކަމަށެވެ.

"ހިނގާދިޔަ ކަަންތައްތައް އޮންނާނީ ކްލަބްގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންތައްތަކުގެ ތެރޭގައި ސިއްރުކުރެވިފައި. ޖަވާބު ހޯދާނަމަ އެކަން އޮޅުން ފިލުވަންޖެހޭނީ ރެއާލް މެޑްރިޑްގެ މީހުން ގާތުން. އަހަރެން ރެއާލަށް އިހުތިރާމްކުރަން. އެ ޓީމާ ބެހޭގޮތުން ދެރަބަހެއް އަހަރެން ނުބުނާނަން،" ބޭލް ބުންޏެވެ.

ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބޭލް ހޯދަން މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމުން ވެސް މަސައްކަތްކުރި އެވެ.

ޔޫރޯ ކޮލިފައިންގައި ބޭލް، ވޭލްސް ގޮވައިގެން މިރޭ ނުކުންނާނީ އަޒަރުބައިޖާނާ ދެކޮޅަށެވެ.