ޖަރުމަނު ގްރޫޕް އެއް ވަނަ އަށް، ނެދަލެންޑްސް ކުރިއަށް

ބެލްފާސްޓް (ސެޕްޓެމްބަރު 10) - ޔޫރޯ ކޮލިފައިންގައި ރޭ ނޮދަން އަޔަލެންޑް އަތުން 2-0 އިން ހޯދި މޮޅާ އެކު ޖަރުމަނު ގްރޫޕް ސީގެ އެއް ވަނަ އަށް ޖެހިލިއިރު، ރަށުން ބޭރުގައި ނެދަލެންޑްސް އިން 4-0 އިން އެސްޓޯނިއާ ބަލިކޮށްފި އެވެ.


ގްރޫޕް ސީގެ އެއް ވަނައިގައި މި ވަގުތު ޖަރުމަނު އޮތީ ދެ ވަނައިގައި އޮތް ނޮދަން އަޔަލެންޑާ އެއް ވަރަށް ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ޖަރުމަނަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތީ ރޭގެ ތިން ޕޮއިންޓާ އެކު ހަތަރު މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފައިވާ ނެދަލެންޑްސް އެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ ހާފްގައި ނޮދަން އަޔަލެންޑަށް ލީޑުނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އޭގެ ތެރެއިން ނޮދަން އަޔަލެންޑްގެ ކޮނާ ވޮޝިންޓަން ޖެހި ބޯޅައެއް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. ޖަރުމަނު މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ދެ ގޯލާ އެކު އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ މާސެލް ހަލްސްޓެންބާގާއި ސާޖް ގްނަބްރީ އެވެ.

ޒުވާން ގިނަ ކުޅުންތެރިން ޓީމުގައި ހިމަނައިގެން ޖަރުމަނުން ކުޅެމުން އަންނައިރު އެ ޓީމުގެ ކޯޗު ޔަކީމް ލޯ ބުނީ މިއީ އެ ގައުމުގެ ފުޓްބޯޅައިގެ ބަދަލުވުމުގެ މަރުހަލާއެއް ކަމަށާއި ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ތަޖުރިބާ ހޯދަމުން އަންނަ ކުޅުންތެރިން ކަމަށެވެ.

"މި ޓީމު މި އަންނަނީ ކަންތައްތަކެއް ދަސްކުރަމުން. ފުރަތަމަ ހާފު ދިޔައީ އަހަރެން ބޭނުންވި ގޮތަަކަށް ނޫން. އެކަމަކު ނޮދަން އަޔަލެންޑުގެ ޕްރެޝަރާ މި ކުޅުންތެރިން ކުރިމަތިލައިފި. ދެ ވަނަ ހާފް ދިޔައީ އަހަރެން ބޭނުންވި ސްޓައިލަށް،" ލޯ ބުންޏެވެ.

އެސްޓޯނިއާ ކުޅުންތެރިއަކު ކައިރިން ބަބެލް (ވ) ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

އެސްޓޯނިއާގެ ޓަލީންގައި ރޭ ކުޅުނު މެޗުގައި އެ ގައުމު ކޮޅަށް ނެދަލެންޑްސްގެ ހަތަރު ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ރަޔާން ބަބެލް އެވެ. މިއީ ގައުމީ ޓީމުގެ އެއް މެޗެއްގައި ބަބެލް ދެ ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ މެމްފިސް ޑީޕާއި އަދި މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ.

ކޮންމެ ގްރޫޕަކުން ދެ ޓީމު ޔޫރޯ އަށް ކޮލިފައިވާއިރު މި ގްރޫޕުން ދާނެ ދެ ޓީމެއް އެނގޭނީ ފަހު މެޗުތަކުންނެވެ. ނޮދަން އަޔަލެންޑަށް އޮތް ކަންބޮޑުވުމަކީ ރަށުން ބޭރުގައި ނެދަލެންޑްސް އާއި ޖަރުމަނާ ދެކޮޅަށް ކުޅެން ޖެހޭ ދެ މެޗު އޮތުމެވެ. މި ވަގުތު ފޯމަށް ބަލާއިރު މެޗު ހަމަވާއިރު ނެދަލެންޑްސް ގްރޫޕްގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ބޮޑެވެ.

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލްޖިއަމް ރޭ ކޮލިފައިންގައި ކުޅުނު މެޗުން ވަނީ ސްކޮޓްލެންޑް އަތުން 4-0 އިން މޮޅުވިއިރު، މެޗުގައި ވިދާލީ ކެވިން ޑިބްރޭނާ އެވެ. އޭނާ ވަނީ ލަނޑެއް ޖެހުމުގެ އިތުރުން އެ ޓީމުން ކާމިޔާބުކުރި އަނެއް ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެ ގޯލުތައް ޖެހީ ރޮމެލޫ ލުކާކޫ، ޓޯބީ އަލްޑަވެއިރަލްޑް އަދި ތޯމަސް ވަމާއެލަން އެވެ.