ޕާކިސްތާނަށް ދާން ލަންކާގެ 10 ކުޅުންތެރިއަކު ދެކޮޅު!

ޕާކިސްތާނުގައި މި މަހު ފަހުކޮޅުގައި ކުޅެން ހަމަޖެހިފައިވާ ލިމިޓެޑް އޯވާސް ޓުއާގެ މެޗުތައް ކުޅެން އެ ގައުމަށް ދާން ސްރީ ލަންކާގެ 10 ކުޅުންތެރިއަކު ދެކޮޅު ހަދައިފި އެވެ.


މި މަހު 27 އިން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގައި ލަންކާއާ ދެކޮޅަށް ތިން ވަން ޑޭ އިންޓަނޭޝަނަލް މެޗާއި ތިން ޓީޓްވެންޓީ މެޗު ކުޅޭގޮތަށް ވަނީ ރާވައިފަ އެވެ. އެންމެ ފަހުން ޕާކިސްތާނުން ޓެސްޓް މެޗުތަކެއް ހޯސްޓްކުރީ 2009 ވަނަ އަހަރު އެވެ. އެ ފަހަރު ލަންކާ އިން މެޗު ކުޅެން ގޮސް އުޅެނިކޮށް ލަންކާ ޓީމުގެ ބަހަށް ބަޑި ހިފައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގެ ސަބަބުން ހަ ސެކިއުރިޓީ އޮފިޝަލުންނާއި ދެ މީހަކު މަރުވިއިރު ހަ ކުޅުންތެރިޔަކަށް އަނިޔާވި އެވެ.

ތަފާތު ސަބަބުތަކާ ހުރެ ޕާކިސްތާނާ އެކު ލިމިޓެޑް އޯވާސް މެޗުތައް ކުޅެން ލަންކާ އިން ނިންމި ނަމަވެސް މެޗުގައި ކުޅެން ބޭނުންވާ ކުޅުންތެރިން ގޮތެއް ނިންމުމުގެ އިހުތިޔާރުވަނީ ދީފަ އެވެ. އަދި އެކަމަށް ބޭއްވި ބައްދަލުވުމުގައި 10 ކުޅުންތެރިއަކު ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މި މެޗުތަކަށް ނުދާން ނިންމައިފަ އެވެ.

"ބޭއްވި ބައްދަލުވުމަކީ ސެކިއުރިޓީ ކަންތައްތައް މި ދަތުރުގައި ހަމަޖެހިފައިވާ ގޮތް ކުޅުންތެރިންނަށް އޮޅުންފިލުވައިދޭން. އަދި މި މެޗުތަކަށްދާ ސްކޮޑު ފައިނަލް ކުރުމުގެ ގޮތުން ކުޅުންތެރިންގެ ވިސްނުމާއި އެހެން ހުރިހާ ކަމެއް އެނގެން ބޭނުން،" ލަންކާ ކްރިކެޓު (އެސްއެލްސީ)ން ނެރުނު ބަޔާނުގައިވެ އެވެ.

ޕާކިސްތާނަށް ނުދާން ނިންމި ކުޅުންތެރިންގެ ތެރޭގައި ލަންކާގެ ކެޕްޓަން ދިމުތު ކަރުނަރަތުނޭ އާއި ޓީޓްވެންޓީ ކެޕްޓަން ލަސިތު މަލިންގާ ހިމެނެ އެވެ. ދެން ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ނިރޯޝަން ޑިކްވޭލާ، ކުސަލް ޕެރޭރާ އަދި ކުރީގެ ކެޕްޓަން މެތިއުސް އެވެ.

ސްރީލަންކާ ކްރިކެޓް (އެސްއެލްސީ) އާއި ޕާކިސްތާން ކްރިކެޓް ބޯޑް (ޕީސީބީ) އިން އެންމެ ފުރަތަމަ މަޝްވަރާކުރީ މި ލިިމިޓެޑް އޯވާސް ޓުއާ މިދިޔަ މަހުގައި ކުރިއަށް ގެންދާށެވެ. އެކަމަކު އެ ފަހަރު ވެސް ފަސްކުރަން ޖެހުނީ ސަލާމަތީ ސަބަބުތަކާ ހުރެ އެވެ. އެންމެ ފަހުން ޕާކިސްތާނާއި ލަންކާ ބައްދަލުކުރި ޓެސްޓް ސީރީސް މެޗުތައް ކުޅުނީ ޔޫއޭއީގަ އެވެ. އެއީ 2017 ވަނަ އަހަރު އެވެ.