12 ސެޕްޓެމްބަރ 2019 - 09:49
މިލާން، އިޓަލީ (ސެޕްޓެމްބަރު 12) - މި ފަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ކުރިން ނަޕޯލީގެ ސަން ޕައޮލޯ ސްޓޭޑިއަމްގެ މަރާމާތު ކަންތައްތައް ނިންމަން ހަމަޖެހިފައިވީ ނަމަވެސް އަދިވެސް މަސައްކަތްތައް ނުނިމޭތީ ނަޕޯލީގެ ކޯޗު ކާލޯ އަންޗެލޮޓީ ވަރަށް ބޮޑަށް ހިތްހަަމަނުޖެހުން ފާޅުކޮށްފި އެވެ.
ނޭޕްލްސްގައި ހުންނަ ސަން ޕައޮލޯ ސްޓޭޑިއަމް އެޅީ 1948 ވަނަ އަހަރުގަ އެވެ. އިޓަލީގެ އެންމެ މަޝްހޫރު އެއް ސްޓޭޑިއަމް ކަމުގައިވާ ސަން ޕައޮލޯ އަކީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ނަޕޯލީ އަށް 1984 އިން 1991 އަށް ކުޅުނުއިރު، އެންމެ މޮޅު ގޯލުތައް ޖެހި ދަނޑެވެ. އެ ދަނޑުގައި 1990 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފަސް މެޗެއް ކުޅުނެވެ.
މިދިޔަ ޖޫން އަދި ޖުލައި މަހު އިޓަލީގެ ޔުނިވާސިޓީތަކުގެ މެދުގައި ކުރިއަށްދާ ކުޅިވަރު ހަރަކާތައް އިންތިޒާމްކުރީ ސަން ޕައޮލޯ ސްޓޭޑިއަމްގަ އެވެ. އޭގެ ފަހުން ދަނޑުގެ މަރާމާތު މަސައްކަތްތަކެއް ކުރަން ނިންމި އެވެ. އެކަމަކު އަދިވެސް އެކަން ފުރިހަމަވެފައިނުވެ އެވެ.
މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ނަޕޯލީން ކުޅުނު ދެ މެޗު ވެސް ކުޅެފައިވަނީ ރަށުންބޭރުގަ އެވެ. އެއީ ފިއޮރެންޓީނާ އާއި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާ ދެކޮޅަށެވެ. އެކަމަކު ދެން ނަޕޯލީ ކުޅޭ ދެ މެޗު އޮތީ ސަން ޕައޮލޯ ސްޓޭޑިއަމްގަ އެވެ. އެއީ އިޓާލިއަން ލީގުގައި ސަމްޑޯރިއާއާ ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.
އަންޗެލޮޓީ ބުނީ ސްޓޭޑިއަމްގެ ހާލަތު ފެނިފައި އޭނާ އަށް ބުނާނެ ވަކި އެއްޗެއް ނޭނގޭ ކަމަށެވެ.
"ދަނޑުގެ ޗޭންޖިން ރޫމްތަކުގެ ހާލަތު އަހަންނަށް ފެނިއްޖެ. މިހުރީ ބުނާނެ އެއްޗެއް ނޭނގިފައި. ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން މި ވަރުގެ ކަމެއްގައި މިހާ ފަރުވާ ކުޑަކުރާނެ ކަމަށް އަހަންނަށް ގަބޫލެއް ނުކުރެވޭ. މިއީ ނަޕޯލީ ފެންވަރުގެ ސިޓީ އެއްގައި ކަންތައްތައް ވާން ޖެހޭނެ ގޮތެއް ނޫން،" ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އަންޗެލޮޓީ ބުންޏެވެ.
"ދެ މަސް ދުވަހުގެ ތެރޭގައި ބޮޑު ގެޔެއް އަޅާ ނިންމާލެވޭ. އެކަމަކު މި މީހުންނަށް މި އުޅެނީ ދެ މަހުން ޗޭންޖިން ރޫމެއްގެ މަރާމާތު މަސައްކަތެއް ނުކުރެވިގެން. އަހަރެމެން މި ވަރުން ކިހިނެއް ސަޕްޑޯރިއާ އާއި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި ޗޭންޖިން ރޫމް ބޭނުންކުރާނީ،"
މިދިޔަ ސީޒަނުގައި އިޓާލިއަން ލީގަށް ވާދަކުރި ނަޕޯލީން މި ފަހަރުގެ ސީޒަނަށް ތައްޔާރުވީ ވަރަށް ވަރުގަދަ ކޮށެވެ. އުމުރުން 60 އަހަރުގެ އަންޗެލޮޓީ ބުނީ ޓީމަކަށް ރަނގަޅު ނަތީޖާއެއް ނެރެވޭނީ އެ ފެންވަރަށް ވަށައިގެން ހުރި ކަންތައްތައް ވެސް ރަނގަޅުވެގެން ކަމަށާއި އެހެން ހުރި ކަންތައްތައް އަތުން ގޮސްފައި އޮއްވައި ނަތީޖާގެ ވާހަކަ ދެއްކުން ބުއްދިވެރި ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy