12 ސެޕްޓެމްބަރ 2019 - 09:45
ތެހެރާން (ސެޕްޓެމްބަރު 12) - އީރާނުގެ އަންހެން ފުޓްބޯޅަ ސަޕޯޓަރަކު އަމިއްލަ އަށް ގައިގައި ރޯކޮށްލައިގެން މަރުވުމާ ގުޅިގެން ފީފާގެ ޓީމެއް އެ ގައުމަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިދިޔަ ހަފްތާގައި ސަހާރް ކޮދާޔަން އެ ގައުމުގެ ކޯޓެއްގެ ބޭރުގައި އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވީ ފުޓްބޯޅަ މެޗެއް ބަލަން ފިރިހެނެއް ގޮތަށް މޭކަޕް ކޮށްގެން އޭނާ ދަނޑަށް ވަނުމުން ހަ މަސް ދުވަހަށް ޖަލަށްލާން ނިންމުމުންނެވެ.
ދީނީ އަދި ސަގާފީ ސަބަބުތަކެއްގެ ތެރެއިން 1981 ވަނަ އަހަރަށް ފަހު އީރާނުން އަންްހެން ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމާފައިވާއިރު، ފިރިހެނުން ގޮތަށް މޭކަޕް ކޮށްގެން މެޗު ބަލަން ދަނޑަށް ވަންނަން މަސައްކަތްކުރި އަންހެން ސަޕޯޓަރުންތަކެއް ވަނީ އެތަކެއް ފަހަރު މަތިން ހައްޔަރުކޮށްފަ އެވެ. އަދި ހަރުކަށު އަދަބުވެސް ދީފައިވެ އެވެ.
އޭއެފްޕީން ރިޕޯޓްކުރާގޮތުގައި ފީފާއިން އީރާނަށް ދާން ނިންމާފައިވާ ތިން މެމްބަރުން ޓީމުގައި ހިމެނެނީ ފީފާގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓާއި ސެކިއުރިޓީ ޑިޕާޓްމަންޓްގެ މެމްބަރުންނެވެ. މި ބައްދަލުވުމުގައި އީރާންގެ ފުޓްބޯޅަ ފެޑެރޭޝަނާ ބައްދަލުކުރާނެކަން ފީފާއިން ކަށަވަރުކޮށްދިން ނަމަވެސް އީރާންގެ ސަރުކާރުގެ އޮފިޝަލަކާ ބައްދަލުކުރާނެ ކަމެއް އަދި ނޭގެ އެވެ.
އެތައް އަހަރު ވަންދެން އީރާނުގައި މެޗުތައް ބަލަން އަންހެން ސަޕޯޓަރުން ދަނޑަށް ވަނުން މަނާކޮށްފައި އޮތުމަށް ފަހު މިދިޔަ އަހަރު އޮކްޓޫބަރު މަހުގައި އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗު ބަލަން އަންހެން ސަޕޯޓަރުން ވަންނަން ހުއްދަދިނެވެ. އެ ފަހަރު އެތައް ސަތޭކަ އަންހެން ސަޕޯޓަރުން ދަނޑަށްވަދެ ޝުއޫރުފާޅުކުރަމުންދިޔަ އެވެ. އެކަމަކު އެ މެޗަށް ފަހު އަލުން އިރާނުން ވަނީ އަންހެން ފުޓްބޯޅަ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމައިފަ އެވެ.
މިދިޔަ ޖޫން މަހު ހަ ވަނަ ދުވަހު އީރާނުން އެ ގައުމުގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗު ބަލަން ދިޔަ އަންހެން ސަޕޯޓަރުން ދަނޑަށް ނުދެއްވި އެވެ. ސަލާމަތީ ބާރުތަކުން ވަނީ ދަނޑަށް ވަންނަން ދިޔަ ސަޕޯޓަރުން ހުއްޓުވައިފަ އެވެ. އޭގެ ސަބަބުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސޮއިކުރައްވާ އީރާނަށް ފޮނުއްވި ސިޓީއެއްގައިވަނީ އަލުން އަންހެން ސަޕޯޓަރުންނަށް އެ ފުރުސަތު ހުޅުވާލައިދިނުމަށެވެ. އިންފަންޓީނޯ ވިދާޅުވީ އީރާނުގެ ރައީސް ހަސަން ރޫހާނީއާ އެކު މިދިޔަ އަހަރު މާޗް މަހު ބޭއްވުނު ބައްދަލުވުމުގައި ގިނަ ކަންތައްތަކަށް އެއްބަސްވެވަޑައިގެންނެވުނު ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ އަންހެން ސަޕޯޓަރުންނަށް ގެއްލިފައި އޮތް ފުރުސަތު އަލުން ހުޅުވާލުން ކަމަށެވެ.
އެ ސިޓީ އަށް ޖަވާބުދީ އީރާން ފުޓްބޯޅަ ފެޑެރޭޝަނުން މިދިޔަ މަހު ވަނީ ދެން އެންމެ އަވަހަށް ކުޅޭ މެޗަކަށް އަންހެން ސަޕޯޓަރުންނަށް ފުރުސަތު ދޭނެ ކަމަށް މިދިޔަ މަހު ބުނެފަ އެވެ. ފީފާއިން މިކަމުގައި ގޮތެއް ނިންމަން އީރާނަށް ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ފީފާއިން ބުނީ އަންހެން ސަޕޯޓަރުން ދަނޑަށް ނުވެއްދުމަކީ އީރާނުގެ ގާނޫނުގައި ލިޔެފައިވާ ކަމަކަށްނުވާއިރު، އެކަން ނުކުރެވޭނެ އެއްވެސް ހުރަހެއް އެގޮތުން ބަލާއިރު ވެސް ނެތް ކަމަށާއި އެއީ ފީފާ ގަވާއިދާ ވެސް ހިލާފު ކަމެއް ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 10 ވަނަ ދުވަހު އީރާނުގައި ކެމްބޯޑިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy