ރަޝިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އެކްސްކޯ މެމްބަރެއް ކަމަށްވާ އަލެކްސަންޑަ ޝިޕްރިގީން.-- ފޮޓޯ: އޭއެފްޕީ
14 ސެޕްޓެމްބަރ 2019 - 10:51
ލުސޭން، ސްވިޒަލެންޑް (ސެޕްޓެމްބަރު 14) - މީގެ އަހަރުތަކެއްގެ ކުރިން ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން ރަޝިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އެކްސްކޯ މެމްބަރެއް ކަމަށްވާ އަލެކްސަންޑަ ޝިޕްރިގީން އަށް ބޮޑު އަދަބެއް ދޭން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާއިން ނިންމައިފި އެވެ.
ރަޝިޔާގެ އޮފިޝަލް ސަޕޯޓާސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމު ވެސް ފުރަމުން އަންނަ އަލެކްސަންޑަ އަށް އަދަބުދޭން ނިންމީ 2014 އާއި 2015 ވަނަ އަހަރު އޭނާގެ ސޯޝަލް މީޑިއާގައި ނަސްލީ ތަފާތު ކުރުމަށް މަގުފަހިވާ ގޮތަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށް ވަކި ބަޔަކަށް މަންފާ ހޯދައިދޭން ވާހަކަ ދައްކާފައިވާތީ އެވެ.
މި މައްސަލަ ބެލުމަށް ފަހު ފީފާގެ އެތިކްސް ކޮމިޓީން ނިންމާފައިވަނީ އަލެކްސަންޑަ 10،121 ޑޮލަރުން ޖޫރިމަނާ ކުރުމުގެ އިތުރުން ދެ އަހަރު ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކުރުމަށެވެ. އޭނާ އަށް ފުޓްބޯޅައިގެ ކަމެއްގައި ބައިވެރިވެ އުޅެވޭނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ރަޝިޔާގައި މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައި ބްލެކް މާކެޓްގައި ޓިކެޓް ވިއްކި ކަމުގެ ތުހުމަތު ވެސް ކުރެވުނު އަލެކްސަންޑަ އަށް ވަނީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ފްރާންސްގެ ސަރުކާރުން ވެސް ހަރުކަށި އަދަބެއްދީފަ އެވެ. އެ ގޮތުން އެ ފަަހަރު ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން އުފައްދާ ކަޅު ނަސްލުގެ ކުޅުންތެރިންނަށް ފުރައްސާރަ ކުރުމަށް އަލެކްސަންޑަ އިސްވެ ރަޝިޔާގެ ސަޕޯޓަރުންނަށް އަންގާފައިވާތީ އެކަން ތަހުގީގުކޮށް ފްރާންސްގެ ސަރުކާރުން ވަނީ އަލެކްސަންޑަ އެ ގައުމުން ޑީޕޯޓްކޮށްލައިފަ އެވެ. އަދި އަލެކްސަންޑަ އަކީ ފްރާންސް ސަރުކާރުން ބްލެކްލިސްޓް ކޮށްފައިވާ މީހެކެވެ.
ފީފާ އިން އަލެކްސަންޑަ އަށް އަދަބުދިން މައްސަލައިގައި މިހާތަނަށް ރަޝިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން މީޑިއާގައި ވާހަކަ ދައްކާފައިނުވި ނަމަވެސް އަލެކްސަންޑަ އަންނަނީ މައްސަލަ އެޕީލްކުރުމަށް މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy