ވޯލްޑް ޗެމްޕިއަންޝިޕްގެ ތެރެއިން އެލިސަން ފީލިކްސް.-- ފޮޓޯ: އޭއެފްޕީ
02 އޮކްޓޯބަރ 2019 - 09:06
ދޯހާ (އޮކްޓޫބަރު 2) - ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހަތަރެއް ގުނަ 400 މީޓަރު މިކްސް ޖެންޑާ ރިލޭގައި ހޯދި ރަން މެޑެއްޔާ އެކު، ދުނިޔޭގެ މުބާރާތްތަކުގައި މަޝްހޫރު ދުވުންތެރިޔާ އުސައިން ބޯލްޓް ހަދާފައިވާ ރަން މެޑަލް ހޯދުމުގެ ރެކޯޑް އެމެރިކާގެ އަންހެން ދުވުންތެރިޔާ އެލިސަން ފީލިކްސް މުގުރާލައިފި އެވެ.
އުމުރުން 33 އަހަރުގެ އެލިސަން މީގެ ދިހަ މަސް ކުރިން އަންހެން ދަރިއަކު ލިބުމުން ޕްރެކްޓިސް މެދުކަނޑާލި ނަމަވެސް އަލުން އެނބުރި އައިސް މި ވަނީ ތަފާތު ދައްކައިފަ އެވެ. އެލިސަން ރެކޯޑް ހެދީ ވޯލްޑް ޗެމްޕިއަންޝިޕްގައި 12 ރަން މެޑަލް ހަމަކޮށްގެންނެވެ. ޖެމެއިކާގެ ސްޕްރިންޓަރު ބޯލްޓް އަތުގައި އޮތީ 11 ރަން މެޑަލެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެލިސަން ވިހެއީ އެމަޖެންސީކޮށް ސީ ސެކްޝަން ހަދައިގެންނެވެ. ބަނޑުބޮޑުވުމުން އެލިސަން އަތުގައި އޭރު އޮތް ނައިކީގެ ކޮންޓްރެކްޓް އޭނާ އަތުން ގެއްލުނެވެ. އަލުން އެ ކޮންޓްރެކްޓް ހޯދަން އެތައް ގޮތަކުން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. މިހާރު އެތުލީޓާގެ ސްޕޮންސަރުގެ ދަށުގައި ވާދަކުރަމުން އަންނަ އެލިސަން މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވާއިރު، ފިރިމީހާ އާއި ދަރިފުޅު އަންނަނީ އޭނާ އަށް ހިތްވަރުދިނުމުގައި ބައިވެރިވަމުންނެވެ.
އެލިސަންގެ ހާއްސަ އިވެންޓްތަކަކީ ރިލޭގެ އިތުރުން 100 މީޓަރާއި 200 މީޓަރެވެ. އޭނާ މިހާރު އެންމެ ބޮޑަށް އަމާޒުކަނޑައަޅާފައިވަނީ އަންނަ އަހަރު އޮތް ޓޯކިޔޯ އޮލިމްޕިކްސް އަށެވެ. އޮލިމްޕިކްސްގައި މިހާތަނަށް އެލިސަން ވަނީ ހަ ރަން މެޑަލް ހޯދައިފަ އެވެ.
"ދަރިފުޅު ކުރިމަތީގައި މި މެޑަލް ކަރުގައި އަޅުވާލައިގެން ހުންނައިރު އަހަންނަށް ކުރެވެނީ ތަފާތު އިހުސާސެއް. މިއީ އަހަންނަށް ގަބޫލުކުރަން ވެސް ދަތިގޮތަކަށް ދިޔަ އަހަރެއް،" އެލިސަން ބުންޏެވެ.
ފްރޭސާ-ޕްރައިސް އޭނާގެ ދަރިފުޅު އުރައިގެން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އެލިސަން އެކޭ އެއްގޮތަށް ޖެމެއިކާގެ އަންހެން ސްޕްރިންޓަރު މިހާރު އުމުރުން 32 އަހަރުގެ ފްރޭސާ-ޕްރައިސް ވެސް ވަނީ ދަރިއަކު ލިބުމުން މެދުކެނޑުމަކަށް ފަހު އަލުން ވޯލްޑް ޗެމްޕިއަންޝިޕްގައި މި ފަހަރު ވާދަކޮށް 100 މީޓަރު ދުވުން ކާމިޔާބުކޮށްފަ އެވެ. އެލިސަން ބުނީ މަންމަ އަކަށް ވެ ހުރެ ވެސް ވާދަކުރެވޭނެ ކަމަށް ހިތްވަރުދިނުމުގައި ފްރޭސާ-ޕްރައިސް އަދާކުރި ރޯލަށް ޝުކުރުއަދާކުރާ ކަމަށެވެ.
"ފްރޭސާ-ޕްރައިސް ވަނީ އަހަންނަށް ވަރަށް ގިނަ ގޮތްގޮތުން އެހީވެދީފައި. އެއީ އަހަރެންގެ ހިތްވަރު އަދި ވަރަށް ގިނަ މީހުންގެ ވެސް ހިތްވަރަކަށްވާނެކަން ޔަގީން،" އެލިސަން ބުންޏެވެ.
ދަރިއަކު ލިބުމަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިސް ގިނަ އަންހެން ކުޅިވަރު ކުޅުންތެރިން އަންނަނީ ތަފާތު ދައްކަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ހިމެނެ އެވެ. އަދި މީގެ އަހަރުތަކެއް ކުރިން ރިޓަޔާކުރި ދުނިޔޭގެ ޗެމްޕިއަނެއް ކަމަށްވާ ބެލްޖިއަމްގެ ކިމް ކިމް ކްލައިސްޓާސް ވެސް އަންނަނީ އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމައްޔާތް
02 October 2019
ރަނގަޅަށް ގިރިސް ޖަހާލާ ދަބަރު ތަޅައިލެވުނީމަ ވާނެ ތިހެން! މަރުހަބާ!
އޯވަހޯލް
02 October 2019
މި އަހަރުގެ އެންމެ ފުރިހަމަ ކޮމެންޓް!