އާޖެންޓީނާގެ ފޮއިތު (ކ) ކައިރިން ޖަރުމަނުގެ ގްނަބްރީ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
10 އޮކްޓޯބަރ 2019 - 09:37
ބާލިން (އޮކްޓޯބަރު 10) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އާޖެންޓީނާ އިން ފަހަތުން އަރައި ޖަރުމަނާ 2-2 އިން އެއްވަރުކޮށްފި އެވެ.
އަނިޔާގެ ސަބަބުން ޖަރުމަނުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ރޭގެ މެޗުގައި ނުކުޅޭއިރު އެ ޓީމުން ވަނީ ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އަނެއްކޮޅުން އާޖެންޓީނާ ވެސް ކުޅުނީ މަޝްހޫރު ކުޅުންތެރިން ނެތި އެވެ. ލިއޮނަލް މެސީ ސަސްޕެންޝަނެއްގައި ހުރިއިރު، ގޮންޒާލޯ ހިގައިން އާއި ސާޖިއޯ އަގުއޭރޯ އަދި އެންހެލް ޑި މާރިއާ ސްކޮޑުގައި ނުހިމެނެ އެވެ.
ބޮރޫޝިއާ ޑޯޓްމަންޑްގެ މަޝްހޫރު ސްޓޭޑިއަމް ސިގްނަލް އިޑޫނާ ޕާކުގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި ޖަރުމަނަށް ލީޑުނަގައިދިނީ މި ވަގުތު އާދަޔާހިލާފު ފޯމެއްގައި ހުރި ސާޖް ގްނަބްރީ އެވެ. މި ލަނޑާ އެކު ގްނަބްރީ ވަނީ 11 މެޗުން ގައުމީ ޓީމަށް 10 ލަނޑު ހަމަކޮށް އެންމެ އަވަހަށް އެ އަދަދަށް ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމުކޮށްފަ އެވެ. ކުރިން މި ރެކޯޑް އޮތީ 13 މެޗުން 10 ލަނޑު ހަމަކުރި ޖަރުމަނުގެ ލެޖެންޑް މިރޮސްލާވް ކްލޯސާ އަތުގަ އެވެ.
މެޗުގެ 22 ވަަނަ މިނިޓްގައި ޖަރުމަނުން ލީޑުފުޅާކުރީ ބަޔާ ލެވަކޫސަންގެ ޒުވާން މިޑްފީލްޑަރު ކާއީ ހާވާޓްޒް ޖެހި ގޯލުންނެވެ. ގްނަބްރީ ދިން ބޯޅައަކުން ހާވާޓްޒް މި ލަނޑު ޖެހިއިރު، މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
އާޖެންޓީނާ އިން އެއްވަރުކުރީ ދެ ވަނަ ހާފްގައި ޖެހި ގޯލުތަކުންނެވެ. ދެ ގޯލު ވެސް ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ދެ ކުޅުންތެރިންނެވެ. މެޗުގެ 66 ވަނަ މިނިޓްގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖެހީ ލޫކަސް އަލާރިއޯ ބޮލުންނެވެ. އަލާރިއޯ ދިން ބޯޅައަކުން މެޗު ނިމެން ހަ މިނިޓަށް ވެފައި ހުއްޓައި އާޖެންޓީނާ އަށް އެއްވަރުކޮށްދިނީ ލޫކަސް އޮކަމްޕޯސް އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ރޭގެ މެޗުގައި ޖަރުމަނުގެ ގޯލު ބެލެހެއްޓީ ބާސެލޯނާގެ ގޯލްކީޕަރު އަންދްރޭ ސްޓެގެން އެވެ. ބަޔާންގެ ރައީސް އުލީ ހޮއެނެސް ދާދި ފަހުން ވަނީ މެނުއަލް ނޯޔާގެ ބަދަލުގައި ޖަރުމަނުގެ އެއް ވަނަަ ކީޕަރަކީ ސްޓެގެން ކަމަށް ހަދައިފިނަމަ ބަޔާނުން ގައުމީ ޓީމަށް ކުޅުންތެރިން ނުފޮނުވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ރޭ ޖަރުމަނުގެ ގައުމީ ކޯޗު ޔަކީމް ލޯ ވަނީ ނޯޔާއާ ވާހަކަ ދެއްކުމަށް ފަހު ސްޓެގެން އަށް ފުރުސަތު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޑީފް
10 October 2019
މެސީ ނެތީމަ ރަގަޅީ އޭ ހަމަ.
ސޮށްޕެ
10 October 2019
ރޭގެ މެޗުގަ ފަހުހާފާ ދިމާކޮށް މެސީހުރިނަމަ ޖަރުމަނު އަވަދިކުރިސް
އާއިޝަތު ރަދީފާ
10 October 2019
މެސީ ހުރެގެން އަވަދިވަނީ އާރޖެންޓީނާ
ސޮށްޕެ
10 October 2019
ދޮންކަލޯ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ސަރަފްވެރި މުބާރާތަކީ ވޯލްޑްކަޕް، 2014 ވޯލްޑްކަޕް ފައިނަލައް އާޖެންޓީނާ ދިޔައީ މެސީގެ ބޮޑުދައުރެއް އޮވެގެން އަދި އެމުބާރާތުގެ ރަންބޯޅަވެސް ހާސިލްކޮށް ވޯލްޑްކަޕްގެ ތާރީހުގަ މެސީގެނަން ލިޔެވުނީ މެސީ އާޖެންޓީނާއައް ކުޅެގެން.. ތިބުނާ މޮޅު ރޮނާލްޑޯގެ ނަމެއްނެއް ދުނިޔޭގެ އެންމެ ސަރަފްވެރިމުބާރާތުގެ ތާރީހުގަ ލިޔެފައެއް...
ބޮއްލާ
10 October 2019
ރަނގަޅު ވާހަކަ އެއް. މެސީ ހުރެގެން އަވަދިވާނީ އާޖެންޓީނާ. ނަސީބެއް އެސޮރު ނެތް ކަން. ހެހެހެހެ
އަސްލު ހަގީގަތް
10 October 2019
އާއިޝަތު ރަދީފާޔަށް. ބަލަ މެސީ ހުރެގެން އާރޖެންޓީނާ ވަނީ ޖަރުމަނުގެ ވާރލްޑް ކަޕް ވިނިންގް ސްކޮޑު ހަތަރު ލަނޑު ދެ ލަނޑުން ބަލިކޮށްފަ. ދެން ކީއްވެ މިހާރުގެ ޒުވާން ޓީމު ބަލިނުކުރެވެންވީ.
ޢިބޫ
10 October 2019
އާޖެންޓީނާގެ ހުރިހާވެސް މައްސަލައަކީ ބައިކޮޅަށް އީޒީ ލަނޑުތައް ވަނުން.. މެސީމެން މާޔޫސް ވަނީ އެހެންވެ..