10 އޮކްޓޯބަރ 2019 - 11:35
މިލާން (އޮކްޓޯބަރު 10) – މާކޯ ޖިއަމްޕައޮލޯ ވަކިކޮށް އޭސީ މިލާނުން އެ ޓީމުގެ އާ ކޯޗަކަށް ސްޓެފާނޯ ޕިއޮލީ ހަމަޖައްސައިފި އެވެ.
ފުރަތަމަ ހަތް މެޗަށް ފަހު ޖިއަމްޕައޮލޯ ވަކިކުރީ ހަތަރު މެޗުން ބަލިވުމުންނެވެ. އޭނާގެ ބަދަލުގައި އެ ޓީމުން ފުރަތަމަ މަސައްކަތްކުރީ އިންޓަ މިލާނުގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ގެންނާށެވެ. އެކަމަކު އޭނާ އަދިވެސް ހުރީ އިންޓަގެ ކޮންޓްރެކްޓެއްގައި ކަމަށްވާތީ އޭނާ އާއި އިންޓަ އަށް ރިލީޒް ފީ އަކާ މެދު އެއްބަސްނުވެވުނީ އެވެ.
ޕިއޮލީ އަކީ މަތީ ފަންތީގެ ކޯޗަކަށް ނުވާތީ އޭނާއާ ދެކޮޅަށް އެ ކްލަބުގެ ސަޕޯޓަރުން ވަނީ ޓްވިޓާގައި އަޑުއުފުލައިފަ އެވެ. އަދި ޕިއޮލީ ނުގެންގަން އެދި ދައުރުކުރި ހޭޝްޓެގް ވަނީ ދުނިޔޭގެ ޓްރެންޑިން ލިސްޓުގެ ކުރިއަށް އަރައިފަ އެވެ.
ޕިއޮލީ ބުނީ ކްލަބުގެ ސަޕޯޓަރުންނަށް އިހުތިރާމް ކުރާ ކަމަށާއި އޭނާ އަށް ފާޑުކިއުމުގެ ހައްގު ސަޕޯޓަރުންނަނަށް އޮންނާނެ ކަމަށެވެ. އެކަމަކު އެކަން ނަގާނީ ހިތްވަރެއްގެ ގޮތުގައި ކަމަށް ޕިއޮލީ ބުންޏެވެ. މިލާނުގެ ސްޕޯޓިން ޑިރެކްޓަރު ޕައޮލޯ މަލްޑިނީ ބުނީ ސީޒަނުގެ ބޮޑުބައި އަދި އޮތީ ކަމަށާއި ޕިއޮލީ ގެނައީ ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށެވެ.
ޔުވެންޓަސް އާއި ފިއޮރެންޓީނާގެ ކުރީގެ ޑިފެންޑަރު ކޯޗިން ކެރިއަރު ފެށީ 2003 ގަ އެވެ. އިޓަލީގެ މެދު ފެންވަރުގެ ކްލަބްތަކުގައި މަސައްކަތްކުރި ޕިއޮލީ ވަނީ ފަހުން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ލާޒިއޯ ޗެމްޕިއަންސް ލީގަށް ގެންގޮސްދިނުން ހިމެނެ އެވެ. އެކަމަކު ފަހުން އިންޓަ އާއި ފިއޮރެންޓީނާގައި މާބޮޑު ކާމިޔާބެއް ނުހޯދުނެވެ.
ޕިއޮލީ އަކީ މިލާނަށް އެންމެ ފަހުން އިޓާލިއަން ލީގު ކާމިޔާބުކޮށްދިން މަސިމިލިއާނޯ އެލެގްރީ 2011 ވަނަ އަހަރު ވަކިކުރި ފަހުން ގެނައި ފުލް ޓައިމް ނުވަ ވަނަ ކޯޗެވެ. މިދިޔަ އަހަރުތަކުގައި ފެއިލްވި ކޯޗުންގެ ތެރޭގައި ކުރީގެ ކުޅުންތެރިން ކަމަށްބާ ކްލަރެންސް ސީޑޯފާއި ފިލިއްޕޯ އިންޒާގީ އާއި ސިނިސާ މިހަލޮވިޗާއި ވިންޗެންޒޯ މޮންޓެލާ އާއި ޖެނާރޫ ގަޓޫސޯ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy