11 އޮކްޓޯބަރ 2019 - 10:11
ތެހެރާން (އޮކްޓޫބަރު 11) - ކުޅިބަލަން އަންހެނުން ދަނޑަށް ވަނުމުގެ ހުއްދާ އީރާނުން އަލުން ދިނުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެންގުމާ އެކު އީރާނުން އެ ފުރުސަތު ދިން ފުރަތަމަ މެޗުގައި ރޭ ވޯލްޑް ކަޕް ކޮލިފައިންގައި އީރާނުން ކެމްބޯޑިއާގެ މައްޗަށް 14-0 އިން ކުރިހޯދައިފި އެވެ.
ސާޅީސް އަހަރު ވަންދެން، އީރާނުގައި މެޗުތައް ބަލަން އަންހެނުންނަށް ދަނޑަށް ވަނުން މަނާކޮށްފައި އޮތުމަށް ފަހު ތަކުރާރުކޮށް އަންހެން ފުޓްބޯޅަ ސަޕޯޓަރުން ދަނޑަށް ވައްދަން ފީފާ އިން އަންގަމުން ދިއުމާ ގުޅިގެން އެންމެ ފަހުން އީރާނުން ގޮތްދޫކުރީ އެވެ. އީރާނުގެ އާޒާދީ ސްޓޭޑިއަމްގައި 100،000 މީހުންގެ ޖާގައިގެ ދަނޑުގައި ރޭ 3500 އަންހެނުން މެޗު ބެލިކަމަށް ރިޕޯޓްތައް ބުނެ އެވެ. ފީފާ އިން ވަނީ އީރާނުގެ މި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
ރަޝިއާގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އީރާނުން ވަނީ މި ފަހަރުގެ ކޮލިފައިންގައި މިހާތަަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ރޭގެ މެޗުގައި ކެމްބޯޑިއާ އަތުން ތަފާތު ބޮޑުކޮށް މޮޅުވުމުގެ ކުރިން ކޮލިފައިންގެ ފުރަތަމަ މެޗުގައި ވަނީ ހޮންކޮން އަތުން 2-0 އިން ރަށުންބޭރުގައި މޮޅުވެފަ އެވެ.
ރޭގެ މެޗު ބަލަން އީރާނުން އަންހެން ސަޕޯޓަރުން ދަނޑަށް ވަންނަން ހުއްދަ ދިނުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ލިބިގެންދިޔަ ކުރިއެރުމެއްގެ ގޮތުގައި އީރާނުގެ ބައެއް ކުޅުންތެރިން ވަނީ ސިފަކޮށްފަ އެވެ. އޭގެ ތެރޭގައި ކުރިން އީރާނުގެ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނާއި މި ވަގުތު ޓީމުގައި ކުޅެމުން އަންނަ ކުޅުންތެރިން ހިމެނެ އެވެ.
އަންހެން ސަޕޯޓަރުން ދަނޑަށް ވައްދަން އީރާނުން މި ނިންމީ ދާދި ފަހުން އީރާނުގެ އަންހެން ފުޓްބޯޅަ ސަޕޯޓަރަކު އަމިއްލަ އަށް ގައިގައި ރޯކޮށްލައިގެން މަރުވުމާ ގުޅިގެން ފީފާގެ ޓީމެއް އީރާނަށް ގޮސް ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ. ސަހާރް ކޮދާޔަން ނަމަކަށް ކިޔާ އެ އަންހެން ސަޕޯޓަރު، އީރާނުގެ ކޯޓެއްގެ ބޭރުގައި އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވީ ފުޓްބޯޅަ މެޗެއް ބަލަން ފިރިހެނެއް ގޮތަށް މޭކަޕް ކޮށްގެން އޭނާ ދަނޑަށް ވަނުމުން ހަ މަސް ދުވަހަށް ޖަލަށްލާން ނިންމުމުންނެވެ.
ގިނަ އަހަރުތަކެއް ވަންދެން އަންހެން ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭ ގޮތަށް އޮތުމަށް ފަހު މިދިޔަ އަހަރު ޖެނުއަރީ މަހު ސައުދީ އަރަބިއްޔާ އިން ވެސް ވަނީ އެ ނިންމުން ބަދަލުކޮށް އަންހެން ސަޕޯޓަރުންނަށް މެޗުތައް ބަލަން ދަނޑަށް ވަނުމުގެ ފުރުސަތުދީފަ އެވެ. އެ ކަމުގައި ވެސް ފީފާ އިން އިސް ރޯލެއް ކުޅުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޓް
13 October 2019
އަންހެނެއް މެދުވެރިކޮއް ދުނިޔެއައް ފުނުވުނީވެސް.. މިއަރަބިންނައް ވިސްނެން ފެށީދޯ
ީފޮނިޓައްޕު ހަސަނު
11 October 2019
އަންހެނުންނަކީ އެމީހުންގެ ގޮތުގައި މޮޅުބައެއް. އަންހެނުން ކުރާ މަސައްކަތެއް ފިރިހެނުން ކިތައްމެ ވަރުގަދަ ވިޔައަސް ނުކުރެވޭނެ.
ރަދީފުއްދީނުލް އަކްބަރު
11 October 2019
މިފެންނަނީ އަންހެން ސަޕޯޓަރުންގެ ބާރު.
ކަރުކެހޭ
12 October 2019
އީރާނުން ރާއްޖެ ގޯލަށް ސަތާރަ ލަނޑުގެ ލަނޑު ބަސްތާއެއް އަޅާލީ އަންހެން ސަޕޯޓަރުން ނެތި