08 ނޮވެމްބަރ 2019 - 10:44
ލަންޑަން (ނޮވެމްބަރު 8) - އަންނަ އާދިއްތަ ދުވަހު ފަށާ އޭޓީޕީ ފައިނަލްސްގައި ކުޅެ ދުނިޔޭގެ އެއް ވަނަ މަގާމު ދަމަހައްޓަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ބުނެފި އެވެ.
މިދިޔަ ހަފްތާގައި ކުޅުނު ޕެރިސް މާސްޓާސް މުބާރާތުގައި ނުކުޅެން ނަޑާލް ނިންމީ އޭނާގެ ބަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ. އެހެން ނަމަވެސް ނަޑާލަށް ވަނީ ސާބިއާގެ ނޮވަކް ޖޮކޮވިޗާ ވާދަކޮށް ރޭންކިން އެއް ވަނަ މަގާމު ލިބިފަ އެވެ. ނަޑާލަށް މި އަހަރު ނިމޭއިރު ރޭންކިން އެއް ވަނަ މަގާމުގައި އޮވެވޭނީ އޭޓީޕީ ފައިނަލްސްގައި ރަނގަޅު ނަތީޖާއެއް ނެރެގެންނެވެ.
ނަޑާލް ބުނީ އެއް ވަނަ މަގާމަށް އަންނަން އޭނާ ވަރަށް މަސައްކަތްކުރި ކަމަށާއި އޭޓީޕީ ފައިނަލްސްގައި ވާދަކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"ކުރިން ދުވަހު އަހަރެން ހެދި އެމްއާރްއައި ޓެސްޓުން ދައްކާ ގޮތުން ބަނޑުގައި ދަތުވާ ދިމާލުގައި އަދިވެސް އެބަހުރި ތަދު. އެކަމަކު މިއީ ފައިނަލްސްގައި އަހަރެން ނުކުޅެ ހުންނަވަރަށް ވުރެން ކުޑަ އިންޖަރީއެއް. ވަރަށް އަވަހަށް ޕްރެކްޓިސް ފަށައި މުބާރާތަށް ތައްޔާރުވާނަން،" ނަޑާލް ބުންޏެވެ،
މުބާރާތުގައި ނަޑާލަށް މެޗެއް ނުކުޅެވިއްޖެނަމަ ޖޮކޮވިޗް ރޭންކިންގެ އެއް ވަނަ އަށް އަލުން އަރަން ބޭނުންވަނީ ފައިނަލަށް ދަތުރުކުރުމެވެ. ޖޮކޮވިޗް މުބާރާތް ކާމިޔާބުކޮށްފިނަމަ ނަޑާލަށް އެއް ވަނަ ދިފާއުކުރެވޭނީ ސެމީން ފުރުސަތު ހޯދައިގެންނެވެ.
"މީގެ އެންމެ މުހިއްމު ކަމަކީ މިހާތަނަށް އަހަރެން ކުރި މަސައްކަތް ހުއްޓާނުލައި ކުރިއަށް ދިއުން. ރޭންކިން އެއް ވަނައިގައި އަހަރު ނިންމާލަން ވަރަށް ބޭނުން،" އުމުރުން 33 އަހަރުގެ ނަޑާލް ބުންޏެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހު 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އޭޓީޕީ ފައިނަލްސްގައި ކުޅޭނީ އެންމެ މޮޅު އަށް ކުޅުންތެރިންނެވެ. މިހާރު އޮތްގޮތުން މި މުބާރާތުގެ ފޭވަރިޓުންނަކީ ނަޑާލްގެ އިތުރުން މި މުބާރާތުގެ ތަށި ފަސް ފަހަރު އުފުލާލައިފައިވާ ޖޮކޮވިޗާއި ކާމިޔާބު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އެވެ. ފެޑެރާ ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy