ފްރާންސަށް ޒިދާން ކޯޗުކޮށްދޭނެ: ޑެޝޯމްޕްސް

ޕެރިސް (ޑިސެމްބަރު 21) - ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން ކޯޗިން ކެރިއަރުގެ ކޮންމެވެސް ހިސާބަކުން ފްރާންސް ގައުމީ ޓީމަށް ކޯޗުކޮށްދޭނެ ކަމަށް ފްރާންސްގެ މިހާރުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.


ޒިދާނާ އެކު ފްރާންސަށް ކުޅެ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޑެޝޯމްޕްސް އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2012 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ކުއާޓާ ފައިނަލުން ކެޓުމުން 2016 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޭނާ ބަހައްޓަން ފްރާންސުން ނިންމި އެވެ. އެ މުބާރާތުގެ ފައިނަލުން ޕޯޗުގަލް އަތުން ފްރާންސް ބަލިވި ނަމަވެސް ޑެޝޯމްޕްސް ވަކިނުކޮށް މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ޓީމަށް އިރުޝާދު ދިނުމުގެ ފުރުސަތު ދިނެވެ. އެ ފުރުސަތުގެ ބޭނުންކޮށް ޑެޝޯމްޕްސް ވަނީ 20 އަހަރަށް ފަހު ފްރާންސަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

ފްރާންސާ އެކު ޑެޝޯމްޕްސް ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާނެ އެވެ. އަންނަ އަހަރުގެ ޔޫރޯ އަކީ ޑެޝޯމްޕްސް ފްރާންސަށް ކޯޗުކޮށްދޭނެ ފަހު މުބާރާތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑެޝޯމްޕްސް ބުނީ މުސްތަގުބަލާ މެދު ވާހަކަ ދެއްކުމަށް ވުރެން އޭނާ އަށް މުހިއްމީ ދެން ހަވާލުވާނެ ކޯޗެއްގެ މަޝްވަރާ ކުރުން ކަމަށެވެ.

"ދެން ފްރާންސާ ހަވާލުވާ ކޯޗަކީ ޒިދާނަށް ވެދާނެ. އަހަރެން ބޭނުން އެ ގޮތް ވާން. އެކަމަކު މި ވަގުތު އެކަން ނުވެދާނެ. އެކަމަކު ޔަގީނުން ވެސް ޒިދާން ފްރާންސަށް ކޯޗުކޮށްދޭނެ،" ފްރާންސްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ނޮއެލް ލި ގްރައެޓް ވެސް މީގެ ކުރިން ވަނީ ޒިދާނާ ފްރާންސް ޓީމު ހަވާލުކުރަން ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. ޑެޝޯމްޕްސް ވަނީ ފްރާންސަށް ދެން ގެންނާނެ ކޯޗަކާ ބެހޭގޮތުން ގްރައެޓްއާ މަޝްވަރާކުރި ކަމަށް ބުނެފަ އެވެ.

ފީފާގެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދާފައިވާ ޒިދާން މިދިޔަ އަހަރު ކުއްލި ގޮތަކަށް ރެއާލް ކޯޗުކަން ދޫކޮށްލީ އެ ޓީމާ އެކު ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު އެވެ. މި އަހަރު މާޗް މަހު ރެއާލާ އަލުން ހަވާލުވެ ޒިދާން އަންނަނީ އެ ޓީމަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރެއާލާ އެކު ޒިދާން މި ވަގުތު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރުގެ ޖޫން މަހު އެވެ.