2016 ވަނަ އަހަރު ރާއްޖޭގައި ކުޅުނު ހާއްސަ މެޗެއްގެ ތެރެއިން ޒަވީ.-- ފޮޓޯ: މިހާރު
12 ޖެނުއަރީ 2020 - 10:54
ދޯހާ (ޖެނުއަރީ 12) - ބާސެލޯނާގެ ކޯޗުގެ މަގާމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަދި ގަތަރުގެ އަލް ސާދުގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަރަށް އަވަހަށް އަންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 39 އަހަރުގެ ޒަވީ ކުޅުން ހުއްޓާލުމަށް ފަހު މިދިޔަ މެއި މަހު އަލް ސާދުގެ ކޯޗުކަމާ ހަވާލުވެ އޭނާ އަންނަނީ އެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ޒަވީގެ ކޯޗުކަމުގައި މިދިޔަ މަހު ގަތަރުގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އަލް ސާދު ވަނީ ވާދަކޮށްފަ އެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭގެ މުސްތަގުބަލާ މެދު ސުވާލު އުފެދުނީ ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުން އެތުލެޓިކޯ މެޑްރިޑް އަތުން 3-2 އިން ބާސެލޯނާ ބަލިވުމުންނެވެ. އެ މެޗަށް ފަހު ވަލްވޭޑޭ ވެސް ވަނީ ކްލަބްގައި އޭނާގެ ކުރިމަގާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް އެއްބަސްވެފަ އެވެ. ކުރިން ބާސެލޯނާގެ ވިސްނުން ހުރީ މި ސީޒަނަށް ފަހު ވަލްވޭޑޭ މަގާމުން ދުރުކުރުން ކަމުގައިވީ ނަމަވެސް ފަހަކަށް އައިސް ޓީމުގެ ކުޅުމާއި ނަތީޖާތަށް ދަށްވުމުން ބާސެލޯނާގެ ބޯޑުން ބޭނުންވީ ވީ އެންމެ އަވަހަކަށް އާ ކޯޗަކާ އެކު ކުރިއަށް ދިއުމަށެވެ.
ސްޕެއިނުގެ މީޑިއާގައި މިދިޔަ ދެ ދުވަހު ވަނީ ޒަވީ އާއި ބާސެލޯނާގެ އޮފިޝަލުން ގަތަރުގައި ބައްދަލުކުރަމުން އަންނަ ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި ބާސެލޯނާއާ ހަވާލުވާން ޒަވީ އަނގަބަހުން އެއްބަސްވެފައިވާ ކަމަށާއި މިހާރު ގޮތެއް ނިންމުމުގެ އިހުތިޔާރު އޮތީ އަލް ސާދު އަތުގައި ކަމަށެވެ. އެކަމާ ބެހޭގޮތުން އަލް ސާދުގެ ސްޕޯޓިން ޑިރެކްޓަރު މުހައްމަދު ގުލާމް ވަނީ ގަތަރު މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.
"އަހަރެން އޮޅުވާލާކަށް ނެތިން. ޒަވީއާ އެކު މަޝްވަރާތަކެއް އެބަދޭ. މީގެ އެންމެ ފަހުގެ ނިންމުމެއް ނިމޭނީ އަލް ސާދުގެ މެނޭޖްމަންޓާއި ބާސެލޯނާގެ ވެރިން އެއްބަަސްކިޔައިގެން. އެކަން އެގޮތަށް ހިނގުމުގެ ފުރުސަތު ބޮޑު،" ގުލާމް ބުންޏެވެ.
ބާސެލޯނާގެ އެކަޑަމީއާ 1991 ވަނަ އަހަރު ގުޅުނު ޒަވީ ސީނިއާ ކެރިއަރު އެ ކްލަބުން ފެށީ 1998 ގަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ކްލަބް ދޫކޮށްލިއިރު، އެ ޓީމާ އެކު ސްޕެނިޝް ލީގު އަށް ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޓިން ބަޝީރު
12 January 2020
ޗެންޕިއަންސް ލިގުގަ 3 - 0 ގެ ލީޑެއްގަ އޮވެފަ ލިވަރޕޫލް އަތުން ބަލިވި ދުވަހު ވަލްވާޑޭ ބޭރުކޮށްލަންޖެހޭ.
ޒާވީ
12 January 2020
ރޯމާ އަތުން ބަލިވި ދުވަހަކީ ބޭރު ކުރަންވީ ދުވަސް