14 ޖެނުއަރީ 2020 - 11:32
ލަންޑަން (ޖެނުއަރީ 14) – އުމުރުން 45 އަހަރު ވަންދެން ކްރިކެޓް ކުޅޭނެ ކަމަށާއި މި އަހަރުގެ ޓްވެންޓީ20 ވޯލްޑް ކަޕުގައި ވެސް ކުޅެން ވެސް ތައްޔާރު ކަމަށް ވެސްޓް އިންޑީޒްގެ ބެޓްސްމަން ކްރިސް ގޭލް ބުނެފި އެވެ.
މިހާރު އުމުރުން 40 އަހަރުގެ ގޭލް ވަނީ މިދިޔަ އަހަރުގެ ވަންޑޭ ކްރިކެޓް ވޯލްޑް ކަޕަށް ފަހު ވަންޑޭ އިންޓަނޭޝަނަލް ޓީމުން ރިޓަޔާކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. އޭނާ ވަނީ ޓެސްޓް މެޗުތައް ވެސް ކުޅެން ބޭނުންވާ ކަމަށް އޭރު ބުނެފަ އެވެ. އޭގެ ފަހުން ކުޅެން ފަށައި އޭނާ އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާއާ ދެކޮޅަށެވެ. އެކަމަކު ވެސްޓް އިންޑީޒް އިން ދާދި ފަހުން އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ބައިވެރިނުވެ އެވެ.
ބަންގްލަދޭޝްގެ ޓްވެންޓީ20 މުބާރާތުގައި ކުޅެން އެ ގައުމުގައި މިވަގުތު ހުރި ގޭލް ބުނީ އުމުރުން ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އޭނާ ވަނީ ޒުވާން ކަމަށެވެ.
"ސާޅީސް ފަހަކީ ރަނގަޅު ނަމްބަރެއް. ހިނގާ 45 އަށް އަމާޒުކުރަމާ. ވަރަށް ގިނަ މީހުން އަދިވެސް ބޭނުންވޭ ކްރިސް ގޭލް މެދަށް އަރާ ހުންނަތަން ދެކެން. އަހަރެންގެ ހިތުގައި އަދިވެސް މި ކުޅިވަރާށް ލޯބި އޮވޭ. އަހަރެން ބޭނުންވޭ ޓްވެންޓީ20 ކްރިކެޓާއި ފްރެންޗައިސް ކްރިކެޓުގައި ވީހާ ވެސް ގިނަ ދުވަހެއްގައި ދެމި ހުންނަން،" ގޭލް ބުންޏެވެ.
ވެސްޓް އިންޑީޒް އިން އޮސްޓްރޭލިއާގައި މި އަހަރުގެ ފަހުކޮޅު އޮންނަ 20 އޯވަރުގެ ކްރިކެޓް ވޯލްޑް ކަޕުގެ ތަށި ދިފާއުކުރަން ނުކުންނައިރު ގޭލްގެ ބޭނުން ހިފުމުގެ ފުރުސަތު ބޮޑެވެ. އޭނާ އަކީ ޓްވެންޓީ20 ކްރިކެޓުގެ ތާރީހުގެ އެންމެ މޮޅު އެއް ބެޓްސްމަނެވެ. ގޭލް ބުނީ ވެސްޓް އިންޑީޒް އިން ގޮވާލަފާނެ ކަމަށް އޭނާ ދޮރު ހުންނާނީ ހުޅުވާފައި ކަމަށެވެ.
"އަހަރެމެންގެ އެބަތިބި ވަރަށް އުއްމީދީ ޒުވާން ކުޅުންތެރިން ވެސް. އަހަރެން ވެސް މިހިރީ ފުރުސަތު ހުޅުވާލައިގެން،" ވެސްޓް އިންޑީޒް ޓެސްޓް ޓީމުގެ ކެޕްޓަންކަން 2007-2010 އަށް ކުރި ގޭލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy