02 ފެބުރުއަރީ 2020 - 12:14
މެޑްރިޑް (ފެބްރުއަރީ 2) – މި އަހަރުގެ އޮލިމްޕިކް ގޭމްސްގައި ވާދަކުރަން އެކުލަވާލާ ސްޕެއިނުގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ސްކޮޑުގެ ޕްރީ ލިސްޓުގައި ސީނިއާ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ޑޭވިޑް ސިލްވާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ އަންދްރެސް އިނިއެސްޓާ އާއި ޖެރާޑް ޕީކޭ ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އޮލިމްޕިކްސްގައި ފުޓްބޯޅަ އިވެންޓުގައި 23 އަހަރުން ދަށުގެ ޓީމެއް ވާދަކުރި ނަމަވެސް ސީނިއާ ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮންނާނެ އެވެ.
މީގެ ތެރެއިން އިނިއެސްޓާ މިހާރު ކުޅެމުން އަންނަނީ އޮލިމްޕިކްސް ބާއްވާ ޖަޕާނުގެ ވިސެލް ކޯބީ އަށެވެ. އެހެންވެ ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސްގައި ސްޕެއިން ތަމްސީލްކުރުމުގެ ފުރުސަތު އޭނާ އަށް ދީފި ނަމަ އެއީ ގޭމްސް އަށް ވެސް ލިބޭ އިތުރު ފުރިހަމަކަމަކަށް ވާނެ އެވެ.
ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި މި ހަތަރު ކުޅުންތެރިންގެ ތެރެއިން އިނިއެސްޓާ، ޕީކޭ އަދި ސިލްވާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ރަޝިއާ އަތުން ކެޓުމުންނެވެ. އެކަމަކު ރާމޯސް އަންނަނީ އަދިވެސް ގަވާއިދުން ގައުމީ ޓީމުގައި ހިމެނެމުންނެވެ.
މި ހަތަރު ކުޅުންތެރިންގެ ތެރެއިން ރާމޯސް އަށް ޖާގަ ޔަގީންވާނެ ކަމަށް ބެލެވެ އެވެ. ރާމޯސް އާއި ޕީކޭ ވަނީ އޮލިމްޕިކްސްގައި ކުޅެން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އިނިއެސްޓާ އާއި ސިލްވާ މިކަމާ ދެކޭ ގޮތެއް ނޭގެ އެވެ.
ސްޕެއިނުން ވަނީ 1992 ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ކާމިޔާބުކޮށްފަ އެވެ. އޭރު އެ ޓީމުގައި ސްޕެއިނުގެ ސީނިއާ ޓީމުގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭ އާއި މިހާރުގެ މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ ހިމެނުނެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި މަޝްހޫރު ބައެއް ކުޅުންތެރިން ފެނުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި މިސްރުން އަންނަނީ ލިވަޕޫލުގެ މުހައްމަދު ސަލާހު ގެންދަން މަސައްކަތްކުރަމުންނެވެ. އެންމެ ބޮޑު މައްސަލައަކީ ޖުލައި 22 އިން އޮގަސްޓް 8 އަށް އޮންނަ މުބާރާތުގައި ކުޅެން ގޮސްފި ނަމަ ކްލަބާ އެކު ޕްރީ ސީޒަން ތަމްރީންތައް ހެދުމާއި ސީޒަނުގެ ކުރީކޮޅުގެ ބައެއް މެޗުތައް ގެއްލުމެވެ. އެހެންވެ ކުޅުންތެރިން ދޫކުރަން ކްލަބްތަކުން ދެކޮޅު ހަދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy