05 ފެބުރުއަރީ 2020 - 10:57
ބާސެލޯނާ (ފެބްރުއަރީ 5) – ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަހު ފިޓްވުމަށް ތަމްރީންތަކުގައި ބައިވެރިވަމުން އަންނަނިކޮށް ބާސެލޯނާގެ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭގެ ފަލަމަސްގަނޑު ވަރަށް ބޮޑަށް އިރައިގެން ގޮސް މި ސީޒަނުގައި ދެން ނުކުޅެވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
އުމުރުން 22 އަހަރުގެ ކުޅުންތެރިޔާގެ ފަލަމަސްގަނޑަށް ނޮވެމްބަރު މަހު ލިބުނު އަނިޔާ އަށް ފަހު ކުޅެން ނުކުތުމާ ދާދި ގާތުގައި ހުއްޓާ އަނިޔާ މިވީ ހޯމަ ދުވަހުގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. ބާސެލޯނާ އިން ބުނީ އޭނާގެ ފަރުވާ ކުރިއަށްގެންދާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އޭނާ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ އެވެ. މިއީ މި ސީޒަނުގައި ކުރިމަތިވި އަނިޔާގެ ތިން ވަނަ މައްސަލަ އެވެ. ސީޒަނުގެ ކުރީކޮޅު ވެސް އަނިޔާވެ މެޗުތަކެއް ގެއްލުނު ޑެމްބެލޭ އަށް ފުލްކޮށް ކުޅެވުނީ އެންމެ ތިން މެޗެވެ.
ޑެމްބެލޭ 2017 ވަނަ އަހަރު ބާސެލޯނާއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 147 މިލިއަން ޔޫރޯގެ އަގަކަށެވެ. ޑެމްބެލޭ އަކީ އޭނާ ބާސެލޯނާ އަށް ގެނައިއިރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ވިންގެވެ. އޭނާ އަކީ ބޯޅަ ހިފަހައްޓާ، އަދި ބޯޅައާ އެކު ހަރަކާތްކުރުމުގެ ހުނަރު ވަރަށް މަތީ ކުޅުންތެރިއެކެވެ. އެ ޓީމުން އޭނާ ގެނައީ ވެސް ނޭމާގެ ބަދަލުގައި އެ މަގާމަށް ކުޅުވާށެވެ. އެކަމަކު އޭނާ އަށް އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި ހިފަހައްޓާލެވޭ ގޮތެއް ނުވެ އެވެ. އޭނާ 2017 ވަނަ އަހަރު ސްޕެނިޝް ލީގުގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ވެސް ފަލަމަސްގަނޑު އިރައިގެން ގޮސް ފަސް މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.
ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ސްކޮޑުގައި ހިމެނުނު ޑެމްބެލޭ އަށް، ފިޓްވިޔަސް މި އަހަރުގެ ޔޫރޯ ސްކޮޑުން ޖާގަ ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އޭނާގެ ދިރިއުޅުމުގެ އާދަތަކަށް ފްރާންސް ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ވަނީ ކުރިން ފާޑުކިޔައިފަ އެވެ. އަދި އަހުލާގީ މައްސަލަތައް ވެސް ފެންމަތިވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޓިން ބަޝީރު
05 February 2020
ތަންދައްކާށޭ ކިއާހާ އަވަހަށް ދިގުވީމަ މަސަލްގެ ޓޯނު ގެއްލުނީކަންނޭގޭ. ބާސާ އޮތި މިސޮރު ޓީމަށް އެބުރި އައިމަ ޓީމު ވަރުގަދަވާނެ ކަމަށް ބަލައިގެން އިތުރު ފޯވަޑެއް މިޓްރާންސްފާ ވިންޑޯގަ ނުގެންނަން. ބޮޑު ލަނޑެއްނުން.