ބަޔާނުގެ މެޗެއްގެ ތެރެއިން ފިލިއްޕޭ ކުޓީނިއޯ.-- ފޮޓޯ: އޭއެފްޕީ
08 ފެބުރުއަރީ 2020 - 09:18
މިއުނިކް (ފެބްރުއަރީ 8) - މި ސީޒަން ނިމުމުން ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯއާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ބަޔާން މިއުނިކުގެ ކޯޗު ހާންސީ ފްލިކް ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ބާސެލޯނާގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ކުޓީނިއޯ މަޑުކުރުވަން ބަޔާނުން ބޭނުންނަމަ ބާސެލޯނާ އަށް 120 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް ދައްކަން ޖެހެ އެވެ. ބަޔާނުން ވަނީ މީގެ ކުރިން އެ އަގު 80 ނޫނީ 90 މިލިއަން ޔޫރޯ އަށް ކުޑަކުރަން ހުށަހަޅައިފަ އެވެ. އެކަމަކު ބާސެލޯނާ އިން އެގޮތަށް އަދި އެއްބަހެއް ނުވެ އެވެ.
ފަހަކަށް އައިސް ބަޔާން ކުޅޭ މެޗުތަކުގައި ކުޓީނިއޯ އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ. ކުޓީނިއޯ އެންމެ ފަހުން ބަޔާނަށް ގޯލެއް ޖަހައިދިނީ މިދިޔަ ޑިސެމްބަރު މަހު މެދުތެރޭގަ އެވެ. ކުޓީނިއޯ އަށް ޓީމުން ފުރުސަތު ނުލިބޭ މައްސަލައިގައި މީޑިއާގައި އަޑުފެތުރުނީ ބަޔާނުން ސީޒަނަށް ފަހު އޭނާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ފްލިކް ބުނީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.
"އަހަންނަށް ޔަގީން އޭނާ ވެސް ހުރީ އަމިއްލަ ކުޅުމާ މެދު ހިތްހަަމަނުޖެހިފައިކަން. އަހަރެމެން މި ތިބީ އޭނާ އަށް އެހީވާން. އޭނަ އަކީ އަަހަރެމެން ޓީމަށް ތަފާތު ގެނެވޭނެ ކުޅުންތެރިޔެއް. ކޮންމެ ކުޅުންތެރިޔެއްގެ ކެރިއަރުގައި ވެސް ފޯމަށް އަސަރުކުރާ ފަހަރު އަންނާނެ. ބަޔާން ކަހަލަ ޓީމަކަށް އައިސް ވަގުތުން ކޮންމެ މެޗެއްގައި ތަފާތު ދައްކަން އުނދަގޫވާނެ. އަހަރެމެން ކުޓީނިއޯ އަށް ވަގުތު ދޭނަން،" ފްލިކް ބުންޏެވެ.
ބަޔާނުން ކުޓީނިއޯ ގެނައީ އޭނާ ހޯދަން އެހެން ކްލަބްތަކުން ވެސް މަސައްކަތްކުރަމުން އަންނަނިކޮށެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަށް ވެސް ހިމެނެ އެވެ.
ބާސެލޯނާ އިން ކުޓީނިއޯ ގަތީ މީގެ ދެ އަހަރު ކުރިން ލިވަޕޫލަށް 160 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. އެކަމަކު ބާސެލޯނާގައި ކުޓީނިއޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އެ ޓީމުން އޭނާ ދޫކޮށްލީ އެވެ. ލިވަޕޫލްގެ ލެޖެންޑް ސްޓީވް މެކްމެނަމް ވަނީ އަންނަ ސީޒަނަށް ލިވަޕޫލުން ޓީމު އިތުރަށް ވަރުގަދަކުރާއިރު ކުޓީނިއޯ ރަނގަޅު އަގެއްގައި ލިބޭނަމަ އޭނާ ގެނައުމަކީ ރަނގަޅު ޓްރާންސްފާ އަކަށް ވެދާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy