11 ފެބުރުއަރީ 2020 - 09:04
ލަންޑަން (ފެބްރުއަރީ 11) - މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅުވައިގެން ޗައިނާ މީހެއް ހިމެނޭ ގޮތަށް މަލާމަތްކުރުމުގެ ގޮތުން ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު ޑެލޭ އަލީ ކުރި ވީޑިއޯގެ މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި އެވެ.
ސްނެޕްޗެޓުގައި އަލީ މި ވީޑިއޯ ކުރީ އެއާޕޯޓެއްގެ ވީއައިޕީ ލޯންޖެއްގައި ހުރެ ފޭސް މާސްކެއް އަަޅައިގެން ހުރެ އެވެ. އަދި އެ ވީޑިއޯގައި ކުރިމަތީގައި ހުރި ޗައިނާ މީހަކަށް ކެެމެރާ ދިމާކުރުމަށް ފަހު ކޮރޯނާ ވައިރަހާ ބެހޭގޮތުން އަލީ ވަނީ ވާހަކަތަކެއް ދައްކައިފަ އެވެ. މި ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވައިރަލްވުމުގެ ކުރިން އޭނާ ވަނީ ޑިލީޓްކޮށްލައިފަ އެވެ. އެކަމަކު އެ ވީޑިއޯ ގިނަ ބަޔަކަށް ފެނި އަލީ އަށް ފާޑިކިޔުންތައް އަމާޒުވާން ފެށުމާ އެކު އޭނާ ވަނީ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯގައި އެ ގައުމުގެ މީހުންނަށް ހާއްސަކޮށް މައާފަށް އެދި ވީޑިއޯ އެއް ޕޯސްޓުކޮށްފަ އެވެ.
މި މައްސަލައިގައި އަލީ މާފަށް އެދުނު ނަމަވެސް އެފްއޭ އިން މައްސަލަ ބަލަން ފެށީ މިއީ ކުޅުންތެރިން އަމަލުކުރަން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު ކަމެއް ކަމަށްވާތީ އެވެ. އެ ގޮތުން އިނގިރޭސި އެފްއޭ އިން އުމުރުން 23 އަހަރުގެ އަލީ އަށް އަންގާފައިވަނީ މި ވީޑިއޯއާ ގުޅާގޮތުން އެފްއޭ އަށް ރަސްމީކޮށް ލިޔުމުން ކަންތައްތައް ހިނގާދިޔަ ގޮތް އެންގުމަށެވެ.
އެފްއޭ އިން ކުޅުންތެރިންނަށް ހަދާފައިވާ މީޑިއާ އާއި ސޯޝަލް މީޑިއާ ގަވާއިދުގައި ގިނަ ކަންތައްތަކެއް ނުކުރުމަށް ވަނީ އަންގައިފަ އެވެ. އެއީ އިނގިރޭސި ކުޅުންތެރިންނަށް ކުޅިވަރުގެ ރޫހާ ހިލާފު ކަމެއް ކުރެވުން ހުއްޓުމުގެ ގޮތުން ކަނޑައަޅާފައިވާ ގަވާއިދެކެވެ. ރިޕޯޓްތައް ބުނާގޮތުން އަލީގެ އެ ވީޑިއޯގައި ވަނީ ކުޅުންތެރިން އަމަލުކުރަން ކަނޑައަޅާފައިވާ ގަވާއިދުގެ ގިނަ ކަންތައްތަކަކާ ހިލާފުވެފަ އެވެ. އެހެންވެ މި މައްސަލައިގައި އޭނާ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.
އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭގޮތުގައި އަލީގެ ފަރާތުން މި ފެނުނީ ނަސްލީ ގޮތުން ދިމާކުރުމާ ވެސް ގުޅޭކަމެއް ކަމަށާއި އެހެންވެ މި މައްސަލައިގައި އޭނާ އަށް އަދަބުދޭން ޖެހޭ ކަމަށެވެ. ނަސްލީ ތަފާތު ކުރުމުގެ މައްސަލައެއްގައި ދާދި ފަހުން މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ ކުރި ވީޑިއޯއަކާ ގުޅިގެން އޭނާ އަށް ވަނީ އަދަބުދީފަ އެވެ.
އަލީގެ ވީޑިއޯ މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފެށި ނަމަވެސް އަދި މިހާތަނަށް އޭނާގެ ކްލަބް ޓޮޓެންހަމުން ރަސްމީކޮށް ބަޔާނެއް ނެރެފައެއްނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަލީ
11 February 2020
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮބާ!
އަލީ ބާބާ
11 February 2020
ހިިޔާލު ފާޅުކުރުމުގަވެސް ހުދޫދެއް އޮންނަންވާނެ ނޫންތޯ؟ ޚިޔާލު ފާޅު ކުރުމުގަ ރޭސީސްޓް ވެވިގެން ނުވާނެ، މިސާލަކަށް އަހަންނަށް ބުނެވޭނެތަ "ކަލޭ ވައްތަރީ މަންކީއަކާއޭ".
އަލީ7873
11 February 2020
އާން ބުނަންވީ. ބުނެެފަ މާފަށް އެދެންވީ. ނިމުނީ ހުރިހާކަމެއް.
ޓްރޫ
11 February 2020
އަސްލުވެސް ވަރަށް ބޮޑު ތެދެއް، ހަމަ އެމްޑީޕީ މީހުންގެ ސްޓައިލް، ދައްކާނެހާ ވާހަކައެއް ދައްކާފަ ފަޅޮލޭ ބަރަބޮލޭ މިކިޔަނީ