ބާސެލޯނާގެ ޕީކޭ (ކ) ކައިރިން ސޮސިއެޑާޑްގެ ވިލިއަން ބޯޅަ ކޮންޓްރޯލްކުރަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
13 ފެބުރުއަރީ 2020 - 09:44
ބާސެލޯނާ (ފެބްރުއަރީ 13) - ބާސެލޯނާގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އަށް އަނިޔާވެ އޭނާ އަށް ސީޒަން ނިމުމުން، ހާއްސަ ހުއްދައެއްގެ ދަށުން އޭނާގެ މަގާމަށް ފޯވާޑެއް ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ފަށައިފި އެވެ.
އުމުރުން 22 އަހަރުގެ ޑެމްބެލޭ ފަލަމަސްގަނޑަށް އަނިޔާވިއިރު ބާސެލޯނާގެ ސްޓްރައިކަރު ލުއިސް ސުއަރޭޒް ވެސް ހުރީ އަނިޔާގަ އެވެ. ސްޕެއިން ފުޓްބޯޅައިގެ ގަވާއިދު ބުނާގޮތުން އަނިޔާގެ ސަބަބުން ހަތަރު މަހަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާ ކުޅުންތެރިއެއްގެ ބަދަލުގައި އެހެން ކުޅުންތެރިއެއް ހޯދުމުގެ ހުއްދަ އަކަށް ކްލަބަކަށް އެދެވޭނެ އެވެ. އަދި ސްޕެއިނުގެ ފެޑެރޭޝަނުން މި ހުއްދަދޭނީ ސްޕެއިނުގެ ކޮންމެވެސް ކްލަބަކުން ފޯވާޑެއް ގެނެވޭގޮތަށެވެ. ހުއްދަދޭތާ 15 ދުވަސްތެރޭގައި ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމަންޖެހެ އެވެ. ބާސެލޯނާ އިން މިހާރު ވަނީ އެ ހުއްދަ އަށް އެދިފަ އެވެ. އަދި ވަރަށް އަަވަހަށް އެ ފުރުސަތު އެ ޓީމަށް ދޭނެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބޭނުންވަނީ ރެއާލް ސޮސިއެޑާޑަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ވިލިއަން ހޯސޭ އެވެ. އުމުރުން 28 އަހަރުގެ ވިލިއަން ހޯދަން މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި އިންގްލެންޑްގެ ޓޮޓެންހަމް، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކުރި އެވެ. ޔުނައިޓެޑާއި ޓޮޓެންހަމުން ލޯން އެއްބަސްވުމެއްގެ ދަށުން ވިިލިއަން ގެންނަން ހުށަހެޅިއިރު، ޗެލްސީން ކުރީ 20 މިލިއަން ޔޫރޯ ބިޑެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވިލިއަން މި ވަގުތު ސޮސިއެޑާޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ބުނާގޮތުން އޭނާ ގެންދެވޭނީ 70 މިލިއަން ޔޫރޯ ދައްކައިގެންނެވެ. އަދި އެ އަގަށް ބަދަލެއް ގެންނަން ބޭނުންނުވާ ކަމަށް ސޮސިއެޑާޑްގެ ކޯޗު އިމާނޯލް އަލްހުއާސިލް ވަނީ ބުނެފަ އެވެ.
ބްރެޒިލްގެ މަޝްހޫރު ތިން ކްލަބް ކަމަށްވާ ގްރެމިއޯ އާއި ސައޮ ޕައޮލޯ އަދި ސަންޓޯސް އަށް ކުޅުނު ވިލިއަން ޔޫރަޕްގައި ފުރަތަމަ ކުޅުނީ ރެއާލް މެޑްރިޑް ބީ ޓީމަށެވެ. ފަހުން ރެއާލުގެ ސީނިއާ ޓީމަށް ވެސް އޭނާ ޕްރޮމޯޓްކުރި އެވެ. ރެއާލް ދޫކޮށް ފަހުން އޭނާ ވަނީ ޒަރަގޯޒާ އާއި ލަސް ޕަލްމާސް އަށް ކުޅެފަ އެވެ. ސޮސިއެޑާޑާ ގުޅުނީ 2016 ވަނަ އަހަރު އެވެ. އެ ޓީމަށް މިހާތަނަށް ކުޅެދިން 132 މެޗުން ވަނީ 53 ގޯލު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
13 February 2020
ބާސާއަށް ރަގަޅު ޑިފެންޑަރެއް ބޭނުންވާތާ ކޮންދުވަހެއް، އެކަމަކަށް ހައްލެއް ހޯދަން ނޫޅޭ! މިދިޔަ އަހަރު ޗެންޕިއަންސް ލީގުގެ ދެވަނަ ލެގުގަ 0-4 ން ލިވަޕޫލްއަތުން ބަލިވީވެސް ޑިފެންސްގެ ބަލިކަށިކަނުން، އެކަމަކު އަނެއްކާވެސް އެޑިފެންސާއެކު. އުމްޓީޓީ އަކީވެސް އެހާ ރިލައިބަލް މީހެއްނުން، ވަރަށް ކޫސަނި މިސްޓޭކް ހަދާ، ޕީކޭ މުސްކުޅިވެ ސްޕީޑެއްނެތް، މިސް-ޓައިމްޑް ޓެކުލް ޖަހަނީ. މިފަހަރުވެސް ޗެންޕިއަންސް ލީގުން ބަލިވާނީ ޑިފެންސްގެ ބޮޑު މިސްޓޭކުތަކާއެކު.
ރަދީފްް
13 February 2020
މެސީ ވެސް މިހާރު މުސްކުޅިވެއްޖެ. ސްލޯވެ ކްރިއޭޓިވިޓީ ދަށްވާން ފަށައިފި...
ޢިބޫ
13 February 2020
ރަދީފް.. ކަލޭ ތިސަޕޯޓް ކުރާ ރޮނާލްޑޯއަށްވުރެ އަދިވެސް މާމ މޮޅު.
ފޭކު ރަދީފް
13 February 2020
ބާރސާ އެއްމެފަހުން ކުޅުނު މެަޗް ބެލިނަމަ ތިޔަހެން ނުބުނެވޭނެ މެސީ ގެ ފުރަތަމަ އެސިސްޓަކީ ރޮނާ މުޅި ކެރިއަރުގަ ވެސް ނުދެވޭނެ ވަރުގެ ޕާހެއް މެސީ މެދަށް ފައިބައިގެން ކުޅެ މި ދިޔަ ސީޒަންގަވެސް ޔޫރަޕް ގޯލްޓެން ބޫޓް ނެގީ ލަލީގާގަ އަދިވެސް ލަނޑު ލިސްޓްގެ ކުރީގަ އެެސިސްޓް ލިސްޓް ގެ ކުރީގަ...
ރަދީފްް
14 February 2020
ބަލަ ސްޕެއިނުގަ މޮޅަށް ކުޅޭ ކުޅުންތެރިއެއް ވިއްޔާ ހުރީ ބާރސާ ނޫނީ ރެއާލުން ގަނެފަ. ދެން ލަނޑު ލިސްޓުގެ ކުރި ނުލިބުނިއްޔާ ދެރައެއްނު؟ ގްރީޒްމަންވެސް އެތްލެޓިކޯގަ މޮޅަށް ކުޅޭތީ ގެނެސްގެން ކުޅުން ހަލާކުކޮށްފި. ވޯރލްޑް ކަޕް ކާމިޔާބު ކޮށްފަ ހުރީމަ ބާރސާ ކުޅުންތެރިން ޖައްސާލައިގެން އުޅޭ ވާހަކަވެސް އެއޮތީ މީޑިއާއަށް އަރާފަ. ދެން ލިސްޓުގެ ކުރި މިކަހަލަ ގޮތަކަށް ހޯދީމަ އެންމެން ވީ އަތްޖަހަން؟
އޭނަ
15 February 2020
ރަދީފް އަޅެ ކަލޭ ކޮން ޚަބަރެއްތަ ތިކިޔަނީ. އަނެއްކާ ރާއްޖޭގެ ޚަބަރުތައްތަ؟ އަހަރެން ދުވަހަކުވެސް އެއްވެސް ރިލައިބަލަ ޖާނަލިސްޓެއް ބުނި އަޑެއްނާހަން ގްރީޒް މަންއާއި ބާސާގެ ކުޅުންތެރިން ޖައްސާލައިގެން އުޅޭ ވާހަކައެއް. ދެން ކުޅުންތެރިންގެ ކެރިޔަރު ހަލާކުކުރާ ވާހަކަ މިހާރުގެ ބޯޑު އޮށްވައި ނުދެއްކުން ރަނގަޅީ. އެއް ކްލަބެއްގައި މޮޅަށް ކުޅޭ ކުޅުންތެރިޔެއް އަނެއް ކްލަބުގައި ތަފާތު ދައްކާނެކަ މަށް ހުރިހާ ފަހަރަކު އުން މީދުނުކުރުން ބުއްދިވެރީ.